08 Apr 2012, 14:19
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަބުރާ ބެހުނުކަން ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފުގެ މައްޗަށް ސާބިތުވާ ކަމަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އަފީފު ހައިކޯޓަށް މިއަދު ހުށަހެޅި މައްސަލަ، އަފީފު ހާޒިރުނުވުމުން ކޯޓުން މިއަދު ބޭރުކޮށްފި އެވެ.
މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިއަދު ވިދާޅުވީ ހައި ކޯޓުގައި މިއަދު 10:15 އަށް ތާވަލްކުރި އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދައުވާކުރާ ހަސަން އަފީފު ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.
"ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދައުވާކުރާ ފަރާތުން [ހަސަން އަފީފު] ކޯޓަށް ހާޒިރުނުވުމުން މައްސަލަ ކޯޓުން ބޭރުކޮށްލީ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަސަން އަފީފު މިއަދު ކޯޓަށް ހާޒިރުވެފައިނުވާ އިރު މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް ވެސް ހައިކޯޓުގައި ބާއްވާފައިވާ ކަމަށެވެ.
މައުމޫންގެ އަބުރާ ބެހުނު ކަމަށް ހަސަން އަފީފުގެ މައްޗަށް ސާބިތުވީ ސެޕްޓެމްބަރު،19، 2007 ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި މައުމޫނާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކާފައިވާތީ އެވެ.
އެ ޖަލްސާގައި އަފީފު ވިދާޅުވެފައި ވަނީ ސުނާމީއާ ގުޅިގެން އެހީގެ ގޮތުގައި ގަތަރު ސަރުކާރުން ދިން 80 މިލިއަން ޑޮލަރު މައުމޫން ބޭނުން ކުރައްވާފައިވާ ކަމަށެވެ.
މައުމޫންގެ އަބުރާ ބެހުނުކަން ހަސަން އަފީފުގެ މައްޗަށް ސާބިތުވެފައި ވާތީ ބަދަލުގެ ގޮތުގައި 4500ރ. ހަސަން އަފީފު ވަނީ މައުމޫނަށް ދައްކައިފަ އެވެ.