ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް ސްރީލަންކާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޕްރޮފެސާ ޖީއެލް ޕީރިސް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ޕްރޮފެސާ ޖީއެލް ޕީރިސްއަށް ރައީސް މައުލޫމާތު އެރުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސްގެ ދެެއްކެވި ވާހަކަފުޅުގައި މިވަގުތަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަންވީ ވަގުތުކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ.

ސްރީލަންކާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސްއަށް ރައްދުކުރެއްވި އެވެ. އަދި ރާއްޖެ އަށް ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީތެރިވުމަށް ސްރީލަންކާ ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރައީސްއަށް ދެއްވާ ކަމުގައި ވިދާޅުވި އެވެ.