08 Apr 2012, 13:55
ވާރޭ ނުވެހޭތާ ގިނަ ދުވަސްތައްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެގެން މިހާތަނަށް 55 ރަކަށުން ބޯފެނަށް އެދިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރު ހިސާން ހަސަން މިއަދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 55 ރަށަކުން ބޯފެން ހޯދުމަށް އެދިފައިވާ އިރު އޭގެތެރެ އިން ބައެއް ރަށްރަށަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން ބައެއް ރަށްރަށަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ސުނާމީއަށް ފަހު ފެނުގެ ދަތިކަން ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ އިރު ފެނަށް އެދި ހުށަހަޅާ ހުރިހާ ރަށަކަށް ވެސް ފެނުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.
"ކޮންމެ އަހަރަކު ވެސް ޑިސެމްބަރު ފަހުކޮޅުން ފެށިގެން ނޫނީ ޖެނުއަރީ އިން ޖޫންގެ ނިޔަލަށް ފެނުގެ މައްސަލަ މިކުރިމަތި ވަނީ. ފެނަކީ އަސާސީ ހައްގަކަށްވާ އިރު ފެނަށް އެދޭ ހަމަ ކޮންމެ ރަށަކަށް ވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިސެންޓަރުން ކުރާނެ،" ހިސާން ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން އެދިގެން އެމްއެންޑީއެފުން ވަނީ މިހާތަނަށް ރ. މަޑުއްވަރި އާއި ބ. ކެންދޫގެ އިތުރުން ގއ. ވިލިނގިލިއްޔަށް ފެން ވަނީ ފޯރުކޮށްދީފަ އެވެ.