08 Apr 2012, 13:38
ރާއްޖޭގައި މަސްތުވާތަކެތި އާންމުވުން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަފާރީތައް ބަލައި ފާސް ކުރަމުން އަންނަ ކަމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ ސަފާރީތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންތަކަކީ މަސްތުވާތަކެތި ނައްތާލުމަށް ފުލުހުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
"ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ސަފާރީތައް އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ. އަޅުގަނޑުމެން އެކި ސަފާރީތައް އެކި ވަގުތުތަކުގައި ބަލައި ފާސްކުރަމުންދާނީ." ހަނީފު ވިދާޅުވި އެވެ.
އަދި ސަފާރީތައް ބަލައި ފަސްކުރުމުގައި ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރަކާނުލައި އަދި ކޯޓު އަމުރުތަކާ އެކު ސަފާރީތައް ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.
އަދި ސަފަރީތަކުން މަސްތުވާތަކެތި ފެނިއްޖެ ނަމަ މީޑިޔާ މެދެވެރިކޮށް އެކަން އާންމުކުރައްވާނެ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް މާލޭގެ އެކި ގެތައް ބަލައި ފާސް ކުރަމުން އަންނަ ކަމަށާއި މާލެ އަމާންތަނަކަށް ހެދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.
"މާލެއަކީ ސަލާމަތްތެރިތަނަކަށް ހެދުމަށް ޓަކައި މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެ. އޭގެ ތެރޭގައި ޗެކްޕޮއިންތްތައް ގާއިމުކޮށް ފުލުހުން އެކި އެކި ސަރަހައްދުތައް ބަލައި ފާސްކުރާނެ. މީގެ އިތުރު އަޅުގަނޑުމެނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު ލިބޭ މިންވަރަކަށް ގޭގެ ބަލައި ފާސްކޮށް އެތަން ތަނުން ވެސް ލިބޭ މައުލޫމާތުގައި އިތުރުތަންތަން ވެސް ބަލައި ފާސްކުރަމުންދާނެ." ހަނީފު ވިދާޅުވި އެވެ.