Last Updated:
3 year 4 day ago

ވޯލްޑް ކަޕުގެ 12 ވަނަ މެޗުގެ ލައިވް ބްލޮގް: ބެލްޖިއަމް 1 - 0 ކެނެޑާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 12 ވަނަ މެޗުގައި، ބެލްޖިއަމް އަދި ކެނެޑާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    01:53

    ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމުން 36 އަހަރު ފަހުން ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ކުޅުނު ކެނެޑާގެ މައްޗަށް 0-1 އިން ކުރި ހޯދި މެޗު ނިމިއްޖެ.

    01:42

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.

    01:37

    80 ވަނަ މިނެޓު: އޭރިއާ ތެރެއިން ކެނެޑާގެ ޑޭވިޑް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އަނެއްކާވެސް ބެލްޖިއަމްގެ ކީޕަރު.

    01:27

    75 ވަނަ މިނެޓު: ކެނެޑާ އިން މިހާތަނަށް 18 ހަމަލާއެއް ފޮނުވާލައި، ދެ ހަމަލާއެއް ގޯލާއި އަމާޒު ކޮށްލާފައިވޭ. ބެލްޖިއަމް އިން ފޮނުވާލި ފަސް ހަމަލާގެ ތެރެއިން ދެ ހަމަލާ އަމާޒު ކޮށްލާފައިވޭ.

    ބޯލް ޕޮޒެޝަންގެ 57 އިންސައްތަ ހިފަހައްޓަނީ ބެލްޖިއަމް އިން.

    01:20

    65 ވަނަ މިނެޓު: ކައުންޓާ އެޓޭކެއްގައި ޑިބްރުއިނޭ ދިން ތުރޫ ޕާސް ހޯދުމަށް ބަޓްޝުއާއި ދަނިކޮށް އޭނާއަށް ކެނެޑާގެ މިލާ ހުސިޔާރު ކަމާއެކު ހުރަސް އަޅައިފި.

    01:17

    ކެނެޑާއިން ވެސް ދެ ބަދަލެއް ގެނެސްފި. 58 ވަނަ މިނެޓުގައި އަތިބާ ހަޗިންސަން އާއި ޖޫނިއަރ ހޮއިލެޓުގެ ބަދަލުގައި އިސްމާއިލް ކޯނޭ އަދި ލެރިން ވަނީ ކުޅެން އަރުވާފަ.

    00:57

    ދެވަނަ ހާފުގެ 55 މިނެޓުގެ ކުޅުން ހަމަވިއިރު ނަތީޖާ އަށް އިތުރު ބަދަލެއް ނާދޭ. ބެލްޖިއަމް އިން ދެވަނަ ހާފު ފެށީ ދެ ބަދަލަކާއި އެކު. ޔޫރީ ޓިއެލެސްމަން އާއި ޔެނިކް ކަރާސްކޯގެ ބަދަލުގައި ތޯމަސް މިއުނިއާ އަދި އަމަޑޫ އޮނާނާ ވަނީ ކުޅެން އަރުވާފަ.

    00:49

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓު ވެސް ހަމަވެއްޖެ. 0-1 އިން ކުރީގައި އޮތީ ބެލްޖިއަމް.

    00:48

    އިތުރު ވަގުތުގެ ދެވަނަ މިނެޓު: ނަތީޖާ ހަމަހަމަ ކުރަން ކެނެޑާ އަށް ރަނުގެ ފުރުސަތެއް. އެހެންނަމަވެސް ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި ވަރަށް ރަނގަޅަށް އޭރިއާ ތެރެއަށް ވަދެހުރެ ބުޗަނަން ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށް.

    00:47

    ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ފަސް މިނެޓު ވަނީ ދައްކާފަ.

    00:44

    ގާތް ގާތުގައި ކެނެޑާއިން ހަމަލާތައް ފޮނުވާލަމުން ދަނިކޮށް ލިބުނު ފުރުސަތުގައި ކައުންޓަރ އެޓޭކެއްގައި ބެލްޖިއަމް އިން ލަނޑެއް ޖަހައި ލީޑު ނަގައިފި. 44 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަޓްޝުއާއި. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 27 ވަނަ ލަނޑު.

    00:40

    40 މިނެޓުގެ ކުޅުން ހަމަވެއްޖެ: ކެނެޑާއިން މިހާތަނަށް 12 ހަމަލާއެއް ފޮނުވާލާ އޭގެ ތެރެއިން ދެ ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލާފައިވޭ. މިހާތަނަށް ބެލްޖިއަމް އަށް އުފެއްދުނީ ތިން ހަމަލާ. ގޯލާއި އަމާޒުވާހެން ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    މެޗުގެ ބޯލް ޕޮޒެޝަންގެ 58 އިންސައްތަ ހިފަހައްޓަނީ ބެލްޖިއަމް އިން. ކެނެޑާ އިން ހިފަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން. މި ފުރުސަތުތަކުގައި މުޅި ޓީމު ކުރިއަށް ޖެހި ލަނޑު ޖަހަން މަސައްކަތް ކުރޭ.

    00:39

    ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށް.

    00:34

    38 ވަނަ މިނެޓު: އަނެއްކާވެސް ކެނެޑާއަށް ޕެނަލްޓީއެއް ލިބުމުގެ ފުރުސަތު. ރެފްރީ ވީއޭއާރްގެ އެހީ ހޯދަނީ. ވީއޭއާރް ބެލުމަށް ގޮވާލާ އަޑުން މުޅި ދަނޑު ގުގުމާލާފައި.

    00:33
    00:27

    30 ވަނަ މިނެޓު: އަނެއްކާވެސް ކެނެޑާގެ ފަރާތުން ވަރަށް ނުރައްކާތެރި ހަމަލާއެއް. އެޓީމުގެ ފަހަތަށް ކުޅޭ ޖޯންސްޓޮން ފޮނުވާލި ބާރު ހަމަލާ އަށް މި ފަހަރުވެސް ހުރަސް އެޅީ ބެލްޖިއަމްގެ ހުސިޔާރު ގޯލް ކީޕަރު.

    ލިބޭ ފުރުސަތު ތަކުގައި ކެނެޑާގެ މުޅި ޓީމު އެއްކޮށް ހެން އަންނަނީ ކުރިއަށް ޖެހި އެޓޭކު ކުރަން މަސައްކަތް ކުރަމުން. ހާއްސަކޮށް ފަހަތުން ދެ އަރިމައްޗަށް ކުޅޭ އަލްފޮންސޯ ޑޭވިސް އާއި ޖޯންސްޓޮން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅޭކަން ފާހަގަކޮށްލެވޭ.

    00:25

    ބެލްޖިއަމްގެ މެދުތެރެއަށް ކުޅެމުން އަންނަ ކެވިން ޑިބްރުއިނޭ އާއި ކެޕްޓަން އެޑެން ހަޒާޑް އަންނަނީ ކެނެޑާގެ ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓަން މަސައްކަތް ކުރަމުން.

    00:22

    23 ވަނަ މިނެޓު: ލީޑު ނަގަން ބެލްޖިއަމް އަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރޭގައި ހުރެ މުޅިން ހުސްކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށް ބަޓްޝުއާއި އަށް ލިބުނު ނަމަވެސް އޭނާ ލަސް ކުރުމުން، ކެނެޑާގެ ފަހަތަށް ކުޅޭ މިލާ ވަނީ ބަޓްޝުއާއި އަށް ހުރަސް އަޅާ ކޯނަރަކަށް ބޯޅަ ބޭރު ކޮށްލާފަ.

    ކޯނަރުގައިވެސް ބެލްޖިއަމް އަށް ކާމިޔާބު ހޯދޭ ގޮތެއް ނުވި.

    00:20

    20 ވަނަ މިނެޓާއި ހަމައަށް އައި އިރު ބެލްޖިއަމް އިން މަސައްކަތް ކުރަމުން ދަނީ މެޗުގެ ސްޕީޑު ލަސްކޮށް، ކެނެޑާގެ މޮމެންޓަމް ގެއްލުވާލުމަށް.

    މިހާތަނަށް ކުޅުނު ވަގުތުގެ ތެރޭގައި ބެލްޖިއަމް އިން ވަނީ 58 އިންސައްތަ ބޯލް ޕޮޒެޝަން ހިފަހައްޓާފަ.

    00:15

    ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި އެންމެ ކުޅުންތެރިއެއް ނެތް ނަމަވެސް ދުނިޔޭގެ ފުޓުބޯޅައިގެ ރޭންކިންގައި ދެ ވަނައަށް ދަރަޖަ ކުރެވިފައިވާ ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ މި މެޗުގެ ފުރަތަމަ 15 މިނެޓު މުޅިން ޑޮމިނޭޓު ކޮށްފައިވަނީ ކެނެޑާ އިން.

    އެޓީމުން މިހާތަނަށް އޮފް ޓާގެޓް ހަ ހަމަލާއެއް ފޮނުވާލާފައިވޭ. އަދި އޮން ޓާގެޓް އެއް ހަމަލާ ފޮނުވާލާފައިވޭ. ވަރުގަދަ ބެލްޖިއަމް އަށް އަދި ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    މިހާތަނަށް އައި އިރު ބެލްޖިއަމް ކޮޅަށް ލަނޑެއް ނުވަދެ އޮތުމުގެ ފަހަތުގައި ހުރީ އެޓީމުގެ ތަޖުރިބާކާރު ކީޕަރު ތިބޮއު ކޯޓުއާ. ކޯޓުއާ އަކީ ފާއިތުވީ ސީޒަނުގައި ރެއާލް މެޑްރިޑުން ހޯދި ހުރިހާ ކާމިޔާބީ އެއްގެ ފަހަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ.

    މީގެއިތުރުން ކޯޓުއާ އަކީ 1966 ވަނަ އަހަރަށްފަހު ފީފާ ވޯލްޑް ކަޕެއްގައި ޕެނަލްޓީއެއް ދިފާއުކުރި ހަމައެކަނި ގޯލް ކީޕަރު ވެސް މެ.

    00:13

    ކެނެޑާ ޓީމުގައި ވޯލްޑް ކަޕު މީގެކުރިން ކުޅެފައިވާ އެއްވެސް ކުޅުންތެރިއެއް ނެތް. އެއާ ޚިލާފަށް ބެލްޖިއަމްގެ ފުރަތަމަ 11 ގައި އެކަނިވެސް، ވޯލްޑް ކަޕް މީގެކުރިން ކުޅެފައިވާ 10 ކުޅުންތެރިން އެބަ ތިބި.

    00:11

    މިއީ 36 އަހަރު ފަހުން ކެނެޑާއިން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރު.

    00:10

    10 ވަނަ މިނެޓު: ކެނެޑާގެ ޕެނަލްޓީ ފޮނުވާލީ އެޓީމުގެ ސުޕާ ސްޓާ، އަލްފޮންސޯ ޑޭވިސް. ފޮނުވާލި ޕެނަލްޓީ ވަރަށް ހުސިޔާރު ކަމާއެކު ބެލްޖިއަމްގެ ކީޕަރު ތިބޮއު ކޯޓުއާ ވަނީ ދިފާއު ކޮށްފަ. ނަތީޖާ އަކަށް ބަދަލެއް ނާދޭ.

    00:09

    9 ވަނަ މިނެޓު: އޭރިއާ ތެރެއިން ބެލްޖިއަމްގެ ކަރާސްކޯ އަތުގައި ބޯޅަ ޖެހުމުން ކެނެޑާއަށް ޕެނަލްޓީއެއް. ރެފްރީ ވީއޭއާރުގެ އެހީ ހޯދި.

    00:00

    މެޗު ފަށައިގެން ފުރަތަމަ 8 މިނެޓުގެ ތެރޭގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދަނީ އެޓޭކިންގް ގޭމެއް.

    23:32

    ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗު ފަށައިފި.

    23:31

    ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.