ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭސްފިހާރަ ހިންގަމުން އަންނަ އެސްޓީއޯ އިން އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ ބޭސްފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

އެ ފިހާރައިގެ ހިދުމަތް ރަސްމީ ގޮތުން ދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ފިހާރައިގެ ހިދުމަތް ދޭން ފެށުމުގެ ކުރިން އެ ހިދުމަތް ދެމުން ދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޕުރައިވެޓް ރޫމެއްގަ އެވެ.

ކުޅުދުފުށީ އެސްޓީއޯ ބޭސްފިހާރަ ހިންގެވުމާ ހަވާލުވެ ހުންނެވި ފާތުމަތު އަޝްފާނާ މިއަދު ވިދާޅުވީ ކުރީގައި ބޭސްފިހާރަ ހިންގަމުން ދިޔައިރު ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިވި ކަށާއި ނަމަވެސް އަލަށް ހުޅުވި ފިހާރައިގެ ސަބަބުން ހިދުމަތް ދިނުމަށް ވަރަށް ބޮޑުތަން ފަސޭހަވެފައިވާ ކަމަށެވެ. އެ ފިހާރަ އިން މާލެއާ އެއް އަގެއްގައި ހުރިހާ ވައްތަރެއްގެ ބޭސް ލިބެން ހުންނާނެ ކަމަށް އަޝްފާނާ މައުލޫމާތުދެ އެވެ.

ކުރިއަށް އޮތްތަނުގައި އެހެން އަތޮޅުތަކުގައި ވެސް އެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.