Last Updated:
3 year 4 day ago

ވޯލްޑް ކަޕުގެ 11 ވަނަ މެޗުގެ ލައިވް ބްލޮގް: ސްޕެއިން 7 - 0 ކޮސްޓަ ރިކާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 11 ވަނަ މެޗުގައި، ސްޕެއިން އަދި ކޮސްޓަ ރިކާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    22:56

    އިތުރުވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުވެސް ނިމިއްޖެ. މި މެޗު ކޮސްޓަ ރިކާއިން ނިންމާލީ އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވި. ސްޕެއިން އިން މުޅި މެޗުގައި 16 ހަމަލާއެއް ފޮނުވާލިއިރު 8 ހަމަލާއެއް ވަނީ އަމާޒު ކޮށްލާފަ.

    މިއީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅު.

    މި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 0-7 އިން،

    22:54

    މިއީ ތާރީޚުގައި ވެސް ސްޕެއިން އިން ވޯލްޑް ކަޕެއްގެ މެޗެއްގައި 7 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ފަހަރު. މިއީ މި މުބާރާތުގައި އެޓީމުން މެޗެއްގެ ތެރެއިން ހޯދި އެންމެ ބޮޑު މޮޅު.

    22:51

    އިތުރުވަގުތުގެ ދެވަނަ މިނެޓު: މޮރާޓާގެ ބާރު ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ސްޕެއިން އިން 7 ވަނަ ލަނޑެއް ޖަހައިފި.

    22:43

    90 ވަނަ މިނެޓު: ސްޕެއިން އިން ހަ ވަނަ ލަނޑެއް ޖަހައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޮސް ސޮލާ.

    22:36

    މިއީ ވޯލްޑް ކަޕްގެ މެޗެއްގައި ސްޕެއިން އިން ހަތަރު ލަނޑު ނުވަތަ އެއަށްވުރެ ގިނައިން ޖެހި ހަތަރު ވަނަ ފަހަރު. އެންމެފަހުން އެއް މެޗެއްގައި ހަތަރު ލަނޑު ޖަހާފައި ވަނީ 2006 ވަނަ އަހަރު ޔޫކްރެއިން ކޮޅަށް.

    22:34

    75 ވަނަ މިނެޓު: ސްޕެއިން އިން ފަސް ވަނަ ލަނޑެއް ޖަހައިފި. މޮރާޓާ މަތި މަތިން ހުރަސް ކޮށްލި ބޯޅަ ފެނު ޖެހުނު ވަގުތު ވޮލީ އަކުން ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލާ ދަނޑީގައި ޖައްސާލުމަށްފަހު ގޯލުުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގަވީ.

    22:33

    72 ވަނަ މިނެޓު: ކޮސްޓަ ރިކާ އިން ބަދަލެއް. ސެލްސޯ ބޯޚޭސް ގެ ބަދަލުގައި ބްރެންޑަން ކުޅެން އަރުވައިފި.

    22:29

    70 ވަނަ މިނެޓު: މެޗުގެ މިހާތަނަށް އައި އިރު އަދިވެސް ކޮސްޓަ ރިކާގެ ކުޅުންތެރިންނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ.

    22:29

    69 ވަނަ މިނެޓު: އެސެންސިއޯގެ ބަދަލުގައި ނީކޯ ވިލިއަމްސް ކުޅެން އަރުވައިފި.

    22:24

    މެޗުގެ ފުރަތަމަ ރީނދޫ ކާޑު 68 ވަނަ މިނެޓުގައި: ކޮސްޓަ ރިކާގެ ފްރެންސިސްކޯ ކަލްވޯ އަށް.

    22:18

    64 ވަނަ މިނެޓު: ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް ބާލައިފި. ބަދަލުގައި ސްޕެއިން އިން ކުޅެން އެރީ ބަލްޑޭ އާއި ކޮކޭ.

    22:15

    57 ވަނަ މިނެޓު: މެޗުގައި ސްޕެއިންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިން ފެރާން ޓޮރޭޒް އާއި މެދު ތެރޭގައި މޮޅު ކުޅުމެއް ދެއްކި ޕެޑްރީގެ ބަދަލުގައި އެންމެފަހުން ސްޕެއިން އަށް ކުޅެދިން އަށް މެޗުގެ ތެރޭގައި ފަސް ލަނޑު ޖަހައިދިން އަލްވާރޯ މޮރާޓާ އަދި އިތުބާރު މިޑްފީލްޑަރު ކާލޮސް ސޮލާ ކުޅެން އަރުވައިފި.

    22:12

    54 ވަނަ މިނެޓު: އިންޑިވިޖުއަލް މޮޅު ކުޅުމަކާއެކު ކޮސްޓަ ރިކާގެ ޑިފެންސްލައިން ފޫ އަޅުވާލުމަށްފަހު ފެރާން ޓޮރޭޒް ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖަހައިދީފި.

    22:09

    ފުރަތަމަ ހާފު ނިންމާލިއިރު ސްޕެއިން އިން ވަނީ 537 ޕާސް ކޮށްފަ. މިއީ 1966 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް ބަލަހައްޓަން ފެށިފަހުން ގައުމަކުން ވޯލްޑް ކަޕެއްގެ މެޗެއްގެ ފުރަތަމަ ހާފުގައި 500 އަށްވުރެ ގިނަ ޕާސް ކުރި ފުރަތަމަ ފަހަރު. މިއީ ސްޕެއިން އަށް ލިބުނު ބޮޑު ޝަރަފެއް.

    22:07

    ކޮސްޓަ ރިކާ އިން ފުރަަތަމަ ހާފު ނިންމާލިއިރު އެންމެ ޝޮޓެއްވެސް ފޮނުވާލާފައެއް ނުވޭ. މިއީ 1990 ވަނަ އަހަރު ސްވިޑަން އާއި ބައްދަލުކުރި މެޗަށްފަހު ވޯލްޑް ކަޕެއްގެ މެޗެއްގައި ހަމަލާއެއް ފޮނުވާ ނުލެވި ކޮސްޓަ ރިކާ އިން ފުރަތަމަ ހާފު ނިންމާލި ފުރަތަމަ ފަހަރު.

    22:06

    ކޮސްޓަ ރިކާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއި އެކު. އެގޮތުން ކާލޯސް މާޓިނޭޒްގެ ބަދަލުގައި ކެންޑަލް ވެސްޓަން ވަނީ ކުޅެން އަރުވާފަ.

    22:05

    ސްޕެއިން އާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި. ފުރަތަމަ ހާފު ކޮސްޓަ ރިކާ އިން ނިންމާލިއިރު 100 ޕާސް ވެސް ހަމަ ނުވޭ.

    21:50

    މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ފަސް މިނެޓުވެސް ނިމިއްޖެ. 0-3 އިން ސްޕެއިން ކުރީގައި.

    ފުރަތަމަ ހާފުގައި ސްޕެއިން އިންވަނީ 7 ހަމަލާއެއް ފޮނުވާލާފަ. ގޯލާއި އަމާޒުވި ތިން ހަމަލާވެސް ވަނީ ގޯލަށް ވަދެފަ. ކޮސްޓަ ރިކާ ފުރަތަމަ ހާފު ނިންމާލީ އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވި.

    21:49

    އިތުރުވަގުތުގެ ފަހު މިނެޓު: ހަތަރު ވަނަ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް. އޭރިއާ ތެރޭގައި ހުރެފައި މާކޯ އެސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި މާ ދުރުން ބޭރަށް.

    21:47

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ވަނީ ދައްކާފަ

    21:36

    މެޗުގެ ސްޕީޑު ދަށް ވެއްޖެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެދު ތެރޭގައި ގިނަ ޕާސްތަކެއް ކޮށްގެން ކުޅެނީ ސްޕެއިން. މިވަގުތާއި ހަމައަށް 463 ޕާސް ސްޕެއިންގެ ކުޅުންތެރިން ކޮށްފައިވޭ.

    21:30

    މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ސްޕެއިން އިން މެޗެއްގެ ފުރަތަމަ ހާފުގެ ތެރޭގައި ތިން ލަނޑު ކާމިޔާބު ކުރި ދެވަނަ ފަހަރު. މީގެކުރިން ފުރަތަމަ ހާފުގެ ތެރޭގައި ތިން ލަނޑު ކާމިޔާބު ކޮށްފައިވަނީ 1934 ވަނަ އަހަރު ބްރެޒިލް އާއި ދެކޮޅަށް ކުޅެ.

    21:30

    31 ވަނަ މިނެޓު: ޕެނަލްޓީ ކާމިޔާބު ކޮށް ފެރާން ޓޮރޭޒް ސްޕެއިންގެ ތިންވަނަ ލަނޑު ޖަހައިދީފި.

    21:29

    އޭރިއާ ތެރެއިން ޖޯޑީ އަލްބާއަށް ކޮސްޓަ ރިކާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް.

    21:28

    ފުރަތަމަ ހާފުގެ 30 މިނެޓު ހަމަވެގެން ދިޔައިރު އަދިވެސް ކޮސްޓަ ރިކާ އަކަށް މެޗުގައި ސްޕެއިން އަށް ޕްރެޝާ ކޮށް ހަމަލާއެއް، އޮން ޓާގެޓަށްވެސް އަދި އޮފް ޓާގެޓަށްވެސް އުފެއްދިފައެއް ނުވޭ. މެޗުގެ ބޯލް ޕޮޒެޝަންގެ 85 އިންސައްތަ ޑޮމިނޭޓު ކުރަނީ ސްޕެއިން އިން.

    21:26

    އެސެންސިއޯ އަކީ ފީފާ ވޯލްޑް ކަޕެއްގައި ސްޕެއިންގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން 50 ވަނަ ކުޅުންތެރިޔާ. (އޯން ގޯލްސް ނުލައި).

    21:21

    21 ވަނަ މިނެޓު: ސްޕެއިން އިން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯ. މިއީ އޭރިއާ ތެރެއަށް ޖޯޑީ އަލްބާ ހުރަސް ކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެސެންސިއޯ ކާމިޔާބު ކުރި ލަނޑެއް.

    21:19

    20 ވަނަ މިނެޓާއި ހަމައަށް އައި އިރު ސްޕެއިން އިން ވަނީ މިމެޗުގައި މިހާތަނަށް ތިން ހަމަލާއެއް ފޮނުވާލައި، އެއް ހަމަލާ ގޯލާއި އަމާޒު ކޮށްލާފަ.

    ކޮސްޓަ ރިކާ އަކަށް އަދި މެޗުގައި ހަމަލާއެއް އުފެއްދިފައެއް ނުވޭ.

    21:17

    މިއީ ސްޕެއިން އިން ވޯލްޑް ކަޕުގައި ކާމިޔާބު ކުރި 100 ވަނަ ލަނޑު. މިއާއެކު އެ ގައުމު ވެފައިވަނީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މުބާރާތުގައި 100 ލަނޑު ޖެހި ހަ ވަނަ ގައުމަށް. އެއީ ޖަރުމަނު، ބްރެޒިލް އިޓަލީ އަދި އާޖެންޓީނާ އާއި ފްރާންސް އަށްފަހު.

    21:11

    ޓީމެއްގެ ގޮތުގައި ގިނަ ޕާސްތަކެއް ކޮށް މެޗުގެ 11 ވަނަ މިނެޓޫގައި ސްޕެއިން އިން ލަނޑެއް ޖަހާ ލީޑު ނަގައިފި. މިއީ ސްޕެއިންގެ ގަވީ ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާއެއް ކޮސްޓަ ރިކާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ޑިފްލެކްޓު ވުމުން ބޯޅަ ހޯދުމަށްފަހު ޑެނީ އޮލްމޯ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެއް.

    21:09

    ސްޕެއިިންގެ ގަވީ އަދި ޕެޑްރީގެ އިތުރުން ކޮސްޓަ ރިކާގެ ޖެވިސަން މި މެޗުން ފެނިގެންދާއިރު މިއީ، 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގައި އެއް މެޗެއްގެ ތެރެއިން ތިން ޓީނޭޖަރުން ނުވަތަ 19 އަހަރުން ދަށުގެ ތިން ކުޅުންތެރިން ފެނިގެންދާ ފުރަތަމަ މެޗު. 1994 ވަނަ އަހަރު ބްރެޒިލް އާއި ކެމަރޫން ބައްދަލުކުރި މެޗުގައިވެސް ތިން ޓީނޭޖާސް ފެނިގެންދިޔަ.

    21:06

    މެޗުގައި ސްޕެއިން ޓީމުން ފެނިގެންދާ ގަވީ (18 އަހަރާއި 110 ދުވަސް) ކޮސްޓަ ރިކާގެ ޖެވިސަން ބެނެޓް (18 އަހަރާއި 161 ދުވަސް) އަކީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މި ދެ ޓީމުންވެސް މެޗެއްގައި ބޭނުންކުރާ އެންމެ އުމުރުން ހަގު ދެ ކުޅުންތެރިން.

    21:04

    ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރޭގައި ހުރެފައި އެޓީމުގެ ފޯވާޑް ޑެނީ އޮލްމޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ.

    21:03

    ސްޕެއިން އަދި ކޮސްޓަ ރިކާގެ ކުރިމަތިލުމުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.