އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ނޫން ކަމަށާއި އެ ގުޅުމަކީ ރައީސް ނަޝީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ވެސް ކުރިން އޮތް ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
~
"ސަލާމަތީ ކަންކަމުގައި ރާއްޖެ އާއި އިންޑިޔާއާ ގުޅުން ބަދަހިކުރީ ނަޝީދު އުފަންވުމުގެ ވެސް ކުރީގައި. ކޮމްޕްރިހެންސިވް ސެކިއުރިޓީ އެގްރިމެންޓެއްގައި އެންމެ ފުރަތަމަ ދެ ގައުމުން ސޮއިކޮށްފައި ވަނީ 1974 ވަނަ އަހަރު،" ޑރ. ސަމަދު ވިދާޅުވެފައިވެ އެވެ.

ނަޝީދު އުފަންވެފައި ވަނީ 1968 ވަނަ އަހަރުގަ އެވެ.

ދާދިފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ މަޝްހޫރު ނޫސް "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ސަމަދު ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެއާ އެކު ސަލާމަތީ ދާއިރާ އިން ގުޅުން ބަދަހި ކުރީ ރައީސް ނަޝީދުގެ ސަބަބުން ނޫން ކަމަށާއި އެކަމުގެ ސަބަބަކީ ބޮޑެތި ބާރުތަކުން ޝައުގުވެރިވާ މުހިއްމު ސަރަހައްދެއްގައި ރާއްޖެ އޮތުން ކަމަށެވެ.

"ސަލާމަތީ ކަންކަމުގައި އިންޑިޔާ އިން ރާއްޖެއާ ގުޅުން ބަދަހިކޮށްފައިވާ ނަމަ، އެއީ ނަޝީދުގެ ސަބަބުން ވީ ކަމެއް ނޫން. ނަމަވެސް އެކަމުގެ ސަބަބަކީ ބޮޑެތި ބާރުތަކުން ޝައުގުވެރިވާނެ، ވަރަށް މުހިއްމު ސަރަހައްދެއްގައި ރާއްޖެ އޮތުން،" ޑރ. ސަމަދު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.

ޑރ. ސަމަދު އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ ވަކި ފެކްޝަނަކާ މުއަމަލާތް ކުރަން އިންޑިއާ އިން ޝައުގުވެރި ނުވާނެ ކަމަށް އޭނާ ޔަގީން ކުރައްވާ ކަމަށެވެ.

އެ ނޫހަށް ދެއްވި އިންޓަވިއުގައި ޑރ. ސަމަދު އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ދަރަނި ނުވަ ބިލިޔަނުން 23 ބިލިޔަނަށް އަރައިގެން ދިޔަ ސަބަބު ސަރުކާރުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ރިޒޯޓްތައް ހެދުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް ދޫކޮށްފައިވާ 400 ރަށުގެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެރަށްތައް މިހާރު ވަނީ ބޭރުގެ ފަރާތްތަކަށް ވިއްކާލާފައި ކަމަށާއި ދެން އެފަރާތްތަކާ މެދު އަމަލުކުރާނެ ގޮތެއް ސަރުކާރަށް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މިރަށްތަކާއި ތިލަ ފަޅުތަކުން ސަރުކާރަށް އެއްވެސް އެއްޗެއް ނުލިބޭ. މިތަންތަން ވިއްކާފައި ވަނީ ބޭރުގެ ފަރާތްތަކަށް، ބޭރުގެ އެ ފަރާތްތަކާ އަޅުގަނޑުމެން މުއަމާމަލާތް ކުރާނީ ކިހިނެތް؟ ރާއްޖޭގެ ކޯޓްތަކުގައި އެގާބިލުކަމެއް ނެތް، މިހާރު ހިނގަމުންދާ 100 ރިޒޯޓާއި އަދި ހިންގަން ނުފަށާ އޮތް 60 ރިޒޯޓްގެ ބޭނުން ރަނގަޅު ގޮތުގައި ކުރަން ބޭނުންވާތީ މިކަމުގައި ޓޫރިޒަމް މިނިސްޓްރީ އޮތީ ވަރަށް ކަންބޮޑުވެފައި. މިހާތަނަށް ކުރި ތަހުގީގުން ކަމެއް ސާބިތު ވާވަރުގެ އެއްވެސް ހެއްކެއް ނުލިބޭ. ސަރުކާރުގެ މުޅި ވިސްނުމަކީ ކޯޓަށް ނުދިއުން ނުވަތަ ވަކި ބަޔަކު ކުށްވެރި ނުކުރުން،" ޑރ. ސަމަދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.