23 Nov 2022, 20:48
ރާއްޖޭގެ ބޯޑަރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް އޮފީސް ފޯ މައިގްރޭޝަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކުރި އިންޓަގްރޭޓެޑް ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީ ވޯކްޝޮޕް އިފުތިތާހުކުރުމުގެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ އެ ގޮންޖެހުންތައް ކުރިމަތިވާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޮޑު ބައެއް ހިއްސާކުރަނީ ކަނޑުގެ ސަރަހައްދު ކަމަށްވާތީ ކަމަށެވެ.
"މީގެ އިތުރުން އެހެން ނުރައްކާތެރި ކަންކަން ކަމަށްވާ ޓެރަރިޒަމްގެ އަމަލުތަކާއި، އަދި ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތަަކާއި، ފޭރުމުގެ އަމަލުތަކުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ކުށްތަކަކީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތްކަން ކަށަވަރުކުރުމުގައި އިތުރަށް ސަމާލުވެ، މުހިންމު މަސައްކަތްތަކެއް އަވަސް ގޮތެއްގައި ކުރަންޖެހޭ ސަބަބުތައް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ފާއިތުވި ގިނަ އަހަރުތަކުގައި ބޯޑަރު ސެކިއުރިޓީގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީގައި ނަމަ ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުންވެފައި އޮންނަނީ ހަމައެކަނި އަޅުވެތި ކުރުވުމުގެ ބޭނުމުގައި ނުވަތަ އިސްތިއުމާރީ ގޮތުން ދޭ ހަމަލާތައް އެ ގައުމެއްގެ ސަލާމަތީ ބާރުތަކަށް ހުއްޓުވުން އެކަނި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންޓަގްރޭޓެޑް ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީ ވޯކްޝޮޕް އިފްތިތާހުކުރުމުގެ ހަފްލާގެ ތެރެއިން ---
އެހެންނަމަވެސް މިހާރު ގިނަ ގޮތްތަކަކުން ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާއި ހަމަލާތައް ދުރާލައި ދެނެގަންނާނެ ގޮތްތައް ފަހިކުރުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި މީހުންނާއި މުދާ ބޯޑަރު ހުރަސްކޮށް އެތެރެކުރުމާއި ބޭރުކުރުމުގައި ހުރި ނުރައްކާތައް ހިމެނޭ. އަދި ކުށްވެރިން ގައުމަށް އެތެރެވެ ގައުމުގެ ތެރޭ ކުށްކުރުން ހުއްޓުވުމާއި އަމިއްލަ ގައުމުގެ ރައްޔިތުން އެހެން ގައުމެއްގެ ސަލާމަތަށް ހުރަސް އެޅޭނެ ކުށުގެ އަމަލެއް ހިންގަން ބޭރަށް ދިއުން ހުއްޓުވުން ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ވިދާޅުވެފައެވެ. އަދި ރަނގަޅަށް ވިސްނައި، އިތުރު ހޯދުންތައް ހޯދުމަށް މާރިޔާ ވަނީ އެދިލައްވައިފައެވެ.