އިނގިރޭސި ދެމަފިރިން ކުއައުޑް ބައިކަށް އަރުވައިގެން ދުއްވި ކަމަށް ފިލިޕް އިއުޖެއިން ފްޓްރާގެ ވަކީލު ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުރެއްދޫ އައިލެންޑް ރިސޯޓަށް ހަނީމޫނަށް ގޮސް އުޅެނިކޮށް އެކްސިޑެންޓެއްގައި އިނގިރޭސި ދެމަފިރިން މަރުވި މައްސަލައިގައި އެކްސިޑެންޓްވި އުޅަނދު ދުއްވަން އިން އެ ރިސޯޓުގެ މުވައްޒަފުގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އިނގިރޭސި ދެމަފިރިން އަރުވައިގެން ކުއައުޑު ބައިކް ދުއްވި ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ފިލިޕްގެ ވަކީލު އިއުތިރާފު ވެފައިވާ ކަމަށެވެ.

"ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވީ،" ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ފިލިޕްގެ ވަކީލު ވިދާޅުވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ފިލިޕްގެ ވަކީލު ވިދާޅުވީ ސީދާ ދައުވާ އަށް އިއުތިރާފްވެފައި ނޯންނާނެ ކަމަށާއި ދައުވާއަށް އިންކާރު ކުރާކަމަށެވެ.

ވަކީލު ވިދާޅުވީ އެ އިއުތިރާފަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ރުޖޫއަވެވޭނެ އެއްޗެއް ކަމަށެވެ. އަދި ވިދާޅުވީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވުމަށް ފަހު އެއިން ރުޖޫއަ ނުވެވޭނެ ކަމަށެވެ. އެހެން ކަމުން ކުއައުޑު ބައިކަށް އެ ދެ މީހުން އަރުވައިގެން ފިލިޕް ދުއްވިކަން ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މި މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ފިލިޕްގެ ވަކީލު ވިދާޅުވެފައި ވަނީ ކުއައުޑް ބައިކަށް އެދެމަފިރިން އެރީ އަމިއްލަ އިޚުތިޔާރުގައި ކަމަށާއި ފިލިޕް ބުނެގެން ނޫން ކަމަށެވެ. އަދި އެކަމުގައި ފިލިޕްގެ ޒިންމާއަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށް ވެސް ވަކީލު ވިދާޅުވެފައިވެ އެވެ.

އޭގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އިނގިރޭސި ދެމަފިރިން ކުއައުޑް ބައިކަށް އެރީ ފިލިޕްގެ އެދުމުގެ މަތިންކަމަށް ބުނެ ބައެއްގެސްޓުން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާކުރާފަރާތާއި ދައުވާލިބޭ ފަރާތުން ވެސް ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ދައްކަންވާނެ ކަމަށެވެ. އަދި އެއަށް ފަހު އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.