މި އަހަރުގެ މިހާތަނަށް ހޭންޑް، ފުޓް އެންޑް މައުތު ބަލީގެ ޖުމްލަ 764 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ހޭންޑް، ފުޓް އެންޑް މައުތު ބަލި މިހާރު ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރާ އަޅައިބަލާއިރު މިއަހަރު އެ ބަލި ޖެހޭވަރު އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ 764 ކޭސްގެ ތެރެއިން ގިނައީ އަތޮޅު ތެރެއިން ރިޕޯޓު ކޮށްފައިވާ ކޭސްތަކެވެ.

އޭނާ ވިދާޅުވިގޮތުގައި އަތޮޅު ތެރެއިން ޖުމުލަ 630 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ. އެންމެ ގިނައިން މި ބަލީގެ ކޭސްތައް ރިޕޯޓުކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ އަތޮޅާއި އދ. އަތޮޅުގެ އިތުރުން އައްޑޫއެވެ.

ހާއްސަ ގޮތެއްގައި ވޭތުވެދިޔަ ދެ ހަފުތާތެރޭ އަތޮޅުތެރިން ރިޕޯޓްކުރާ ކޭސްތައް އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ދުވަސްކޮޅު ހޭންޑް ފުޓް އެންޑް މައުތު ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. އޭގެ އިތުރުން ވަރުދެރަވުމާއި ކާހިތްނުވުމަކީ ވެސް ބަލީގެ އަލާމާތްތަކެވެ.

ހޭންޑް ފޫޓް އެންޑް މައުތު ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން ބަލި ފެތުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިޔުމައި ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.