Last Updated:
3 year 4 day ago

ވޯލްޑް ކަޕުގެ ނުވަ ވަނަ މެޗުގެ ލައިވް ބްލޮގް: ކްރޮއޭޝިއާ - މޮރޮކޯ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ނުވަ ވަނަ މެޗުގައި، ކްރޮއޭޝިއާ އަދި މޮރޮކޯގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    16:51

    ވޯލްޑް ކަޕުގައި މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ނިމިއްޖެ. ނަތީޖާ އަކީ 0-0. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ތިންވަނަ މެޗު.

    މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

    16:50

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ވަނީ ހަ މިނެޓު ދައްކާފަ.

    16:44

    85 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރު ދެވަނަ ހާފުގައި ކްރޮއޭޝިއާގެ އޭރިއާ ތެރޭގައި މޮރޮކޯގެ ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ޖެހުނީ ދެ ފަހަރަކަށް.

    މެޗުގެ 65 އިންސައްތަ ޕޮސެޝަން މިހާތަނަށް ހިފަހައްޓަނީ ކްރޮއޭޝިއާ އިން. މޮރޮކޯ އިން އަށް ހަމަލާއެއް ފޮނުވާލާފައި ވާއިރު ގޯލާއި އަމާޒުވެފައިވަނީ ދެ ހަމަލާއެއް. ކްރޮއޭޝިއާ އަށް މެޗުގައި އުފެއްދުނީ ފަސް ހަމަލާ. އެޓީމުންވެސް ދެ ހަމަލާއެއް ގޯލާއި އަމާޒު ކޮށްލި.

    16:40

    މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ބެލުމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވަނީ ދަނޑަށް ވަދެފަ.

    16:38

    81 ވަނަ މިނެޓު: މޮރޮކޯ އިން ދެ ބަދަލެއް ގެންނަނީ. ޔޫސުފް އަލް ނަސީރީ އާއި އޮއުނާހީގެ ބަދަލުގައި ކުޅެން އެރީ ހަމްދަﷲ އަދި ސަބީރީ.

    16:25

    71 ވަނަ މިނެޓު: ކްރޮއޭޝިއާ ޓީމުން ބަދަލެއް. ކްރަމަރިޗްގެ ބަދަލުގައި ލިވާޖާ ވަނީ ކުޅެން އަރުވާފަ.

    16:24

    65 ވަނަ މިނެޓު: މޮރޮކޯ އިން އިތުރު ބަދަލެއް. ސުފިއާން ބޫފަލްގެ ބަދަލުގައި އަބްދޭ އެޒަލްޒޫލޭ ވަނީ ކުޅެން އަރުވާފަ.

    16:22

    65 ވަނަ މިނެޓު: ހިލޭ ޖެހުމެއްގައި ހަކީމް ޒިޔެޗު ޖައްސާލި ބޯޅައިން އަޝްރަފް ހަކީމީ ފޮނުވާލި ބާރު ހަމަލާއަށް، ހުސިޔާރު ކަމާއެކު ކްރޮއޭޝިއާގެ ކީޕަރު ވަނީ ހުރަސް އަޅާފަ.

    16:18

    60 ވަނަ މިނެޓު: ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވި، ނުސައިރުގެ ބަދަލުގައި ޔާހިއާ އާތިޔަތުﷲ ވަނީ ކުޅެން އަރުވާފަ.

    16:05

    ދެވަނަ ހާފުގެ ފަސްވަނަ މިނެޓު: މޮރޮކޯ އިން ފުލުފުލުގައި ދެ ހަމަލާއެއް ފޮނުވާލައިފި. ދެ ހަމަލާއަށް ވެސް ހުރަސް އެޅީ ކްރޮއޭޝިއާގެ ކީޕަރު.

    16:04

    ކްރޮއޭޝިއާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއި އެކު. ނިކޮލާ ވްލަސިޗްގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް.

    15:59

    ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.

    15:46

    މެޗުގެ ފުރަަތަމަ ހާފު ނިމިއްޖެ. ނަތީޖާ އަކަށް ބަދަލެއް ނާދޭ. އެހެންނަމަވެސް ފަހު ވަގުތު ކޮޅުގެ ތެރޭގައި ކްރޮއޭޝިއާ އިން ވަނީ ފުލުފުލުގައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ.

    15:46

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެ މިނެޓު ވަނީ ދައްކާފަ.

    15:45

    45 ވަމަ މިނެޓު: ކްރޮއޭޝިއާގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް. ތަފާތު ދައްކާ މި ދެ ހަމަލާ ހުއްޓުވީ މޮރޮކޯގެ ކީޕަރު.

    15:28

    36 ވަނަ މިނެޓު: މިހާތަނަށް އައި އިރު ދެ ޓީމުން ކުރެ ޓީމަކަށް އަދި އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުވާނޭހެން ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެންނަމަވެސް އޮފް ޓާގެޓް ފަސް ހަމަލާއެއް މޮރޮކޯ އިން ފޮނުވާލި.

    ކްރޮއޭޝިއާ އަށް މިހާތަނަށް ދެ ކޯނަރު ލިބިފައިވާއިރު އެޓީމަށް މޮރޮކޯގެ ގޯލާއި ދިމާލަށް ޝޮޓެއް ފޮނުވާލެވިފައި ވަނީ އެންމެ ފަހަރަކު.

    15:20

    25 ވަނަ މިނެޓު: މޮރޮކޯ އަށް ލީޑު ނަގައިދޭން ޔޫސުފް އަލް ނަސީރީ އަށް ރަނގަޅު ފުރުސަތެއް. އޭރިއާ ތެރޭގައި ވަރަށް ހަނި އޭންގަލް އެއްގައި ހުރެފައި އޭނާ ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ ކްރޮއޭޝިއާގެ ޑިޖާން ލޮވްރެން.

    15:20

    ހިލޭ ޖެހުމުގައި ހަކީމް ޒިޔެޗް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް އަޅަން އެތުރިތިބި ކްރޮއޭޝިއާ ކުޅުންތެރިންގެ ގަޔަށް.

    15:15

    20 ވަނަ މިނެޓު. ޑީ އޭރިއާ ކައިރިން މޮރޮކޯ އަށް ހިލޭ ޖެހުމެއް. ލީޑު ނަގަން ރަނގަޅު ފުރުސަތެއް.

    15:08

    މެޗުގެ 15 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު، ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދަނީ ވާދަވެރި ކުޅުމެއް.

    ކްރޮއޭޝިއާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ލިބޭ ފުރުސަތުތަކުގައި މޮރޮކޯ އިން އަންނަނީ ރަނގަޅު ހަމަލާތަކެއް އުފައްދަމުން.

    މިހާތަނަށް އައިއިރު މޮރޮކޯ އިން ދެ ހަމަލާއެއް އުފައްދާފައިވާއިރު ކްރޮއޭޝިއާ އަށް އަދި ޝޮޓެއް ފޮނުވާލެވިފައެއް ނުވޭ.

    15:05

    މީގެކުރިން މި ދެޓީމުގެ ކުރިމަތިލުމެއް ފުޓުބޯޅައިގައި ފެނިފައިވަނީ 1996 ވަނަ އަހަރު. އެއީ ކިންގް ހަސަން ދެވަނައިގެ ޝަރަފުގައި ކުޅޭ މުބާރާތުގެ ތެރެއިން.

    އެ މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ކުރި ހޯދީ ކްރޮއޭޝިއާ.

    15:03

    މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.

    15:02

    ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށައިފި.