08 Apr 2012, 12:37
ވަޅިއަކުން ހަމަލާދީ މިދިޔަ އާދީއްތަ ދުވަހު ވެސްޓް ޕާކް ކުރިމަތިން މަރާލި މ. ފެއަރީ ކޯނާ، އަލީ ޝިފާން ،33، މަރާލި މައްސަލައިގައި ދެ މީހަކު އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާ އަމިއްލަ އަށް ހަވާލުވީ، މ. ދިންމަނަ، އަބްދުﷲ ތިލްމީޒާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ ކަމަށެވެ.
ފުލުހުން ބުނީ މިޝާން ފުލުހުންނާ ހަވާލުވީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ތިލްމީޒު ފުލުހުންނާ ހަވާލުވީ ރޭ ކަމަށެވެ.
ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.
ދުވާލުގެ އަލިކަމުގެ ތެރޭގައި މަގުމަތީން ހަމަލާދީ ޝިފާންގެ މަރުގެ މައްސަލައިގައި ކުރިން ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފެވެ. އަދި އޭނާ ފޮރުވައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އަލީ އާސިފާއި މާލޭ ދަފްތަރު ،2193 މުހައްމަދު ސައިފާން އަދި ހދ. ކުމުންދޫ، ފިނިފެންމާގޭ، އަލީ މަލާޝް އެވެ. އެ މައްސަލާގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
އެ ހަތަރު މީހުން ހައްޔަރުކުރީ މުހައްމަދު އާސިފާ އެކު އެވެ.
ފުލުހުން ބުނީ، މިހާތަނަށް ހޯދި ހޯދުންތަކުން ޝިފާންއަކީ އެއްވެސް ގޭންގަކާ ގުޅުން އޮންނަ މީހެއްކަން އެނގޭނެ ރެކޯޑެއް ނެތް ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އޭނާ އަށް ހަމަލާދިން ސަބަބު ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި، ޝިފާނަށް ވަޅިއަކުން ހަމަލާދިނީ ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ނަމަވެސް އިތުރު ތަފުސީލެއެއް، އެ މަރާ ގުޅޭގޮތުން ފުލުހުން ނުދެ އެވެ.
ޝިފާނަށް ހަމަލާ ދިނީ އޭނާ ވެސްޓްޕާކުގައި ކޮފީއެއް ބޯން އިނދެފައި، ރައްޓެއްސަކު އަންނާތީ ބޭރަށް ނުކުތް ވަގުތު ކަމަށް ވެ އެވެ. އެ ހަމަލާ އަށް ފަހު އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.