14:30


ދައުރުގެ މެދުތެރެއިން ބާއްވަވާނަމޭ ވިދާޅުވި އިންތިހާބަށް މިހާރު ހުންނެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަވާނެ ކަމަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހެއްދެވި، ޤައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދުގެ ޕްރެޝަރުން ކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު، ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، އައްޑުއަތޮޅު ހިތަދޫގައި ވިދާޅުވެފައިވާ އެ އިންތިހާބު ނުބާއްވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ، ޤާނޫނު އަސާސީއަށް އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ޑީއާރުޕީން ތައްޔާރަށް އޮތް ނަމަ އެމަނިކުފާނު ހުންނެވީ މިހާރުން މިހާރަށް ވެސް އިންތިހާބަކާ ކުރިމަތިލައްވަން ތައްޔާރަށް ކަމަށެވެ. އަދި ޤާނޫން އަސާސީއަށް އެމްޑީޕީން ގެންނަން ބޭނުންވާ ދެތިން އިސްލާހެއް އެބައޮތް ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ކަމަކީ ފުރިހަމަ ރިޔާސީ ނިޒާމަކަށް  މަގުފަހިވާނޭހެން ޤާނޫން އަސާސީ ބައްޓަންކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ފުރިހަމަ ރިޔާސީ ނިޒާމެއްގައި އަމަލުކުރާ ގޮތަށް ޤާނޫނު އަސާސީއަށް ދެތިން އިސްލާޙް ގެނައުމަށްފަހު އިންތިހާބަކާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.


ކުރިއަށް އޮތް ދުވަސްތަކުގައި، އަތޮޅުތަކުގަޔާއި މާލޭގައި ފްލެޓާއި ނަރުދަމާ އާއި، ބަނދަރު ހެދުމުގެ ބޮޑެތި މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، އެ މަޝްރޫއުތައް ނިމޭނީ، 2011 ވަނަ އަހަރުގެ ޖުލައިމަހު ބާއްވާ އިންތިހާބަކަށް ކަމަށެވެ. އަދި އިންތިހާބުގެ ކެމްޕެއިން ފައްޓަވާނީ އެ ޕްރޮޖެކްޓްގެ ދަށުން ހަދާ ފްލެޓްތައް ދޫކުރައްވަމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ، ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ، އާ ޝަރީއަތުގެ ނިޒާމް ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކިތަންމެ ފުށުއެރުމަކާއި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ.


އަދި ގާނޫނު އަސާސީގެ އެންމެ ބޮޑު އެއް ސިފަޔަކީ، ދައުލަތުގެ ތިންބާރު ވަކިވަކިން ކަނޑައަޅައި ބަޔާންކޮށްފައިވުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ބާރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެކަން ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށްކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަނެއް ބާރަކީ ގާނޫނު ހަދާ ފަރާތް ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ކަމަށާއި އެކަންވެސް ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކުރެވިފައި ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ހަމަތަކެއްގައި ޝަރުއީ ނިޒާމް ހިނގަންޖެހޭނެ ކަމަށް ގާނޫނުއަސާސީ ބުނާ ކަމަށާއި، އާ ޖުޑިޝަރީއެއް ނުވަތަ އާ ޝަރީއަތުގެ ނިޒާމެއް ގާއިމްކުރަން ގާނޫނު އަސާސީ ލާޒިމުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އަދި މިއޮތީ، ގާނޫނު އަސާސީ ބަޔާންކުރާ ގޮތަށް އެކަންނުކުރެވި ކަމަށާއި، އެކަމުގެ ސަބަބުން ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކިތަންމެ ފުށުއެރުމެއް ދަތިތަކެއް ދިމާވާ ކަމަށް ވެސް ވިދާޅުވި އެވެ.


އެގޮތުން ގާނޫނު އަސާސީ މާނަކުރުމުގައި ޝަރީއަތުގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިވީނަމަ ގާނޫނުއަސާސީ ތަންފީޒު ކުރަމުން ގެންދިއުން ފަސޭހަވެގެން ދިޔައީސް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސްކަންތައް ދިމާވެފަ އޮތީ އެހެން ނޫން ކަމަށާއި، އަންނަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހު އިންތިގާލީ މަރުހަލާ ނިމޭއިރުގައި، ސުޕުރީމް ކޯޓާއި ފަނޑިޔާރުގެތައް ވަނީ ގާނޫނު އަސާސީ ބަޔާންކުރާ ގޮތަށް އެކުލަވާނުލެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެތަންތަން އެކުލަވާލުމަށްޓަކައި ފަނޑިޔާރުން އެބަ ދާއިމީކުރަންޖެހޭ ކަމަށާއި، ގާނޫނުއަސާސީގައި ބުނާ ގޮތަށް އެކަން ކުރުމަށް ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ސިފަތަކަކީވެސް ގާނޫނުއަސާސީ ބަޔާންކުރާ ޝަރުތުތަކާ ސިފަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެސިފަތައް ހުރިތޯ، ނުވަތަ ނެތްތޯ ބެލުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއައްސަސާއަކީ ޖުޑިޝަލް ސާވިސްކޮމިޝަން ކަމަށާއި، އެކޮމިޝަނުން އެކަންކުރަންޖެހެނީ ފަނޑިޔާރުންނާ ބެހޭ ގޮތުން ހެދޭ ގާނޫނެއްގައި ބަޔާންކުރާގޮތުގެ މަތީން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދިމާވެގެން މިއުޅޭ އެއްކަމަކީ އެގާނޫނު ފާސްވެގެން ގާނޫނެއްގެ ގޮތުގައި ފެންނަން ނެތްކަން، ކަމަށާއި، އެ ގާނޫނު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސުޕުރީމް ކޯޓުވެސް ވަނީ އެކުލަވާ ނުލެވި ކަމަށާއި، ސުޕުރީމް ކޯޓު އެކުލަވާލުމުގެ ކުރިން، ކޯޓުތަކާ ގުޅޭ ގާނޫނެއް އޮތުމަށް ގާނޫނު އަސާސީ ބަޔާންކުރާއިރު، އެ ގާނޫނުވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.