23 Nov 2022, 14:45
ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައި ކޯޓުގެ ފަރާތުން ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހަމަޖައްސައިފިއެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖޭއެސްސީއިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އުފެއްދި މަޖިލީހެކެވެ. އެ މަޖިލީހަށް ކޮންމެ އަހަރަކު ބޭފުޅުން އައްޔަން ކުރަން ޖެހެއެވެ.
އެ މަޖިލިސް އެކުލެވިގެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުގެ މައްޗަށެވެ.
ހައި ކޯޓުން މިއަދު ބުނީ އެ ކޯޓުގެ ފަރާތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު ފަރްހީޒާ ހަމަޖައްސާފައިވާ ކަމަށެވެ. މީގެ ކުރިން އެ މަޖިލީހުގައި ހައި ކޯޓުގެ ފަރާތުން އިންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އުފެއްދީ ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުންނެވެ.