ޕޮލިހަށް ބަދަލުވިކަމަށް އެކުލަބުން ބުނި ނަމަވެސް އެންމެ ފަހު ވަގުތު ތަޖުރިބާކާރު ވޮލީ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ސިފައިންގެ ކޯޗުކަމުގައި މަޑުކުރަން ސޮއިކޮށްފި އެވެ.

ފާއިތުވެދިޔަ ދެ އަހަރު ސިފައިންނަށް ކޯޗުކޮށްދިން ސަތޯ އިތުރު އަހަރަކު އެކުލަބުގައި މަޑުކުރަން މި ނިންމީ އޭނާ ޕޮލިހަށް ބަދަލުވިކަމަށް ވަރަށް ބޮޑަށް ޕޮލިހުން އަޑުއަރުވާފައިވަނިކޮށެވެ. އަދި އޭނާގެ އެހީ ހޯދުމަށް ސިފައިންނާއި ޕޮލިހުން ކުރި ވާދައިގައި ސަތޯގެ އަގު މިލިއަނަކަށް ވެސް އަރާފައިވަނިކޮށެވެ. ނަމަވެސް އޭނާ ތިން ވަނަ އަހަރަކު ސިފައިންގެ ޓީމަށް ކޯޗުކޮށްދޭން ނިންމީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ.

"އެންމެ ރަނގަޅު ގޮތަކީ މިއީ. ސިފައިންނަށް ކޯޗުކޮށްދޭން ނިންމައިފިން،" ސަތޯ ބުންޏެވެ.

މިއަދު މެންދުރު އޭ.އެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން ވީބީ ގޮވައިގެން ސައޫދީ އަރަބިއާ އަށް ފުރުމުގެ ކުރިން ސަތޯ ވަނީ ސިފައިންގެ ޓީމާއެކު ފަރިތަކުރުން ވެސް ބާއްވައިފަ އެވެ.

ޕޮލިހަށް ކުރިން ކޯޗުކޮށްދިން ސަތޯ އަކީ ރާއްޖޭގެ ވޮލީގެ އެންމެ ކާމިޔާބު އެއްކޯޗެވެ. ސިފައިންގެ ޓީމާއެކު މިފަހަރު އޭނާ ނުކުންނާނީ ގައުމީ ތަށި މިލްކުކުރާށެވެ.