ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއް އޭނާ ބަލަމުން އަންނަ މައްސަލައެއްގެ ހުކުމް ކުރުން ލަސްކުރާތީ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އެ ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގައި ސޮފްއަތު ބައްލަވާ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި، މައްސަލައިގެ އަޑު އެހުންތައް ވެސް ނިމިފައިވާކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމްކުރުން ލަސްކުރަމުން އަންނަކަމަށް ބުންޏެވެ.

އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ.

ގާޒީ ސޮފްއަތުގެ ސުލޫކީ މައްސަލަ ބަލަން، ތަހުގީގުކުރާ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވައިލައިފައެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގައި އޮންނަ ގޮތުން މައްސަލައިގައި ހިމެނޭ ކޮންމެ ހަސްމެއްގެ ފަރާތުން ޝަރީއަތް ހިނގި ގޮތާމެދު ހުލާސާ ބަޔާނެއް އިއްވާނެއެވެ. އެއަށްފަހު 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިއްވަންޖެހެއެވެ.