ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔޫރަޕުގެ ސީޒަނެއް ނިމުމުގެ ކުރިން 60 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ބާސެލޯނާގެ ޒުވާން ފޯވާޑް ލިއޮނަލް މެސީ ހޯދައިފި އެވެ.
މީގެ 40 އަހަރު ކުރިން މިމަގާމް އޮތީ ޖަރުމަނުގެ ގާޑް މުލާގެ އަތުގަ އެވެ. އޭނާ ވަނީ އެއް ސީޒަންގައި 67 ލަނޑު ކާމިޔާބު ކޮށްފައެވެ.

އުމުރުން 24 އަހަރުގެ ފޯވާޑް، މެސީ އެމަގާމް ހޯދީ ސްޕެނިޝް ލީގުގައި ރޭ ރެއާލް ޒަރަގޯޒާ އަތުން 4-1 އިން ބާސާ މޮޅުވި މެޗުގަ އެވެ.

މިމެޗުގައި މެސީ ވަނީ ބާސާއަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަނެއް ލަނޑުތައް ބާސާއަށް ކާމިޔާބު ކޮށްދިނީ ޕެޑްރޯ އާއި ކާލްސް ޕުޔޯލް އެވެ.

އަދި މިމެޗުގައި ބާސާ ކޮޅަށް ރެއާލް ޒަރަގޯޒާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ކުރީ ކޮޅު ޖަހައިދިނީ ކާލްސް އަރަންޑާ އެވެ.

ޔޫރަޕުގެ ސީޒަނެއް ނިމުމުގެ ކުރިން 60 ލަނޑު ހަމަކުރި ސަރަފް މެސީ ހޯދިއިރު، އޭނަ ވަނީ މިއަހރުގެ ކުރީ ކޮޅު ފީފާ ބެލޮންޑޯ އެވޯޑު ހޯދައި ދުނިޔޭގެ ފީފާ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑު ޖެހިޖެހިގެން ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ.

ރޭގެ މޮޅާއެކު ބާސާ ވަނީ ލީގުގެ އެއްވަނާގައި މިވަގުތު އޮތް ރެއާލްއާ ދެ މެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފައެވެ. އެގޮތުން ރެއާލް އެއްވަނާގައި 78 ޕޮއިންޓާއެކު އޮތް އިރު، ބާސާ ދެ ވަނާގައި އޮތީ 75 ޕޮއިންޓު ލިބިގެންނެވެ. އަދި ލީގުގައި ގޯލްޖެހުމުގެ ކުރީގައި މެސީ އުޅޭއިރު ދެ ވަނައިގައި އުޅެނީ ރެއާލްގެ ފޯވާޑް ރޮނާލްޑޯ އެވެ. މެސީ 38 ގޯލް ކާމިޔާބު ކޮށްފައި ވާއިރު، ރޮނާލްޑޯ އަށް ކާމިޔާބު ކުރެވިފައި ވަނީ 37 ގޯލެވެ.