Last Updated:
3 year 4 day ago

ވޯލްޑް ކަޕުގެ އަށްވަނަ މެޗުގެ ލައިވް ބްލޮގް: ފްރާންސް 4 - 1 އޮސްޓްރޭލިއާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ އަށްވަނަ މެޗުގައި، ފްރާންސް އަދި އޮސްްޓްރޭލިއާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    02:03

    ފްރާންސް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ކުޅުންވެސް ނިމިއްޖެ.

    1-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ފްރާންސް.

    މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

    01:50

    90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތް މިނެޓު ދައްކައިފި.

    01:47

    85 މިނެޓު ކުޅެވުން އިރު ފްރާންސް އިން 21 ހަމަލާއެއް ފޮނުވާލާފައިވޭ. ގޯލާއި އަމާޒުވާހެން ފޮނުވާ ލެވުނީ ފަސް ހަމަލާއެއް.

    އޮސްޓްރޭލިއާ އިން 4 ހަމަލާ ފޮނުވާލިއިރު އެއް ހަމަލާ އަމާޒުކޮށްލާފައިވޭ.

    މުޅި މެޗު މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ފްރާންސް އިން.

    01:30

    71 ވަނަ މިނެޓު: އެމްބާޕޭގެ ހުރަހަކުން، ޖިރޫ ބޮލުން ކާމިޔާބު ކޮށްދިން ލަނޑާއެކު ފްރާންސް އިން 1-4 ގެ ލީޑެއްގަ. މިއާއެކު ޖިރޫ އަކީ ފްރާންސްގެ ފުޓުބޯޅައިގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެ ކުޅުންތެރިންގެ ތެރެއިން އެކަކު. ތިއެރީ އޮންރީ އާއި ޖިރޫ އާއި ދެކުޅުންތެރިންވެސް ވަނީ ގައުމީ ޓީމަށް 51 ލަނޑު ޖަހައިދީފަ.

    01:25

    68 ވަނަ މިނެޓު: ފްރާންސް އިން ތިންވަނަ ގޯލެއް ޖަހައިފި. މިފަހަރު އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑެއް.

    01:24

    60 ވަނަ މިނެޓު: ފްރާންސްގެ ލީޑު ފުޅާކުރަން އެމްބާޕޭ އަށް ރަނގަޅު ފުރުސަތެއް. ޖިރޫ އާއި އެމްބާޕޭ ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއަށް އެމްބާޕޭ ވަންނަނިކޮށް އޮސްޓްރޭލިއާގެ ޑިފެންޑަރަކު ވަނީ އޭނާ އަށް ހުރަސް އަޅާފަ.

    01:18

    56 ވަނަ މިނެޓު: މިޗެލް ޑިއުކުގެ ބަދަލުގައި އޮސްޓްރޭލިއާ އިން ކަމިންގްސް ކުޅެން އަރުވައިފި.

    01:16

    55 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު އޮސްޓްރޭލިއާގެ މިޗެލް ޑިއުކް އަށް.

    01:15

    49 ވަނަ މިނެޓު: ތިއޯ ހެނާންޑޭޒްގެ ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި، އޯވާހެޑަކުން ޖިރޫ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށް.

    01:08

    މެޗުގެ ދެވަނަ ހާފު ފަށައިފި. 1-2 އިން ކުރީގައި އޮތީ ފްރާންސް

    00:50

    އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ނަތީޖާ އަކަށް ބަދަލެއް ނާދޭ.

    ފުރަތަމަ ހާފުގެ 61 އިންސައްތް ޕޮޒެޝަން ހިފެހެއްޓީ ފްރާންސް އިން.

    ފްރާންސް 2-1 އޮސްޓްރޭލިއާ.

    00:47

    އިތުރުވަގުތުގެ ފުރަތަމަ މިނެޓު. އޮސްޓްރޭލިއާގެ ނުރައްކާތެރި ހަމަލާއެއް. އެޓީމުގެ އާވިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ވައަތު ދަނޑިއަށް. ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް.

    00:45

    45 ވަނަ މިނެޓު: ފްރާންސް އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް. އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއްގައި މުޅިން ހުސްކޮށް ހުރެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް. ނަތީޖާ އަކަށް ބަދަލެއް ނާދޭ.

    އިތުރުވަގުތުގެ ގޮތުގައި ރެފްރީ ވަނީ ހަ މިނެޓު ދައްކާފަ.

    00:43

    ފުރަތަމަ ހާފުގެ 40 މިނެޓު ކުޅެފައިވާއިރު ފްރާންސް އިން މެޗު ފެށީ ދަށްކޮށް. އެހެންނަމަވެސް ވަކި ހިސާބަކުން އެޓީމުން ވަނީ ކުޅުމުގެ ފެންވަރު ރަނގަޅުކޮށް އޮސްޓްރޭލިއާ އިން ލަނޑެއް ޖަހާފައި ވަނިކޮށް ދެ ލަނޑު ޖަހާ ލީޑު ނަގާފަ.

    މިހާތަނަށް އައި އިރު ފްރާންސް އިން 10 ހަމަލާއެއް އުފައްދާފައިވޭ. ގޯލާއި އަމާޒުވާ ގޮތަށް ދެ ހަމަލާއެއް ފޮނުވާލި. މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެޓީމުގެ ކުޅުންތެރިން ތަނަވަސްކުރި. އެހެންނަމަވެސް ގޯލާއި އަމާޒު ނުވެ ދިޔައީ ބޭރަށް.

    އޮސްޓްރޭލިއާ އިން މިހާތަނަށް ތިން ހަމަލާއެއް އުފައްދާފައިވޭ. ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    00:28

    32 ވަނަ މިނެޓު: ފްރާންސް އިން ދެވަނަ ލަނޑެއް ޖަހައި، ފަހަތުން އަރައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮލިވާ ޖިރޫ. މިއީ އޮސްޓްރޭލިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރެބިއޮޓް ދިން ޕާހަކުން މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޖިރޫ ކާމިޔާބުކުރި ލަނޑެއް. ނަތީޖާ އަކީ 1-2

    00:22

    ފްރާންސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފި. މެޗުގެ 27 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ރަބިއޮޓް. މިއީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ރަބިއޮޓް ކާމިޔާބު ކުރި ލަނޑެއް. މިއީ އޭނާ ސީނިއަރ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑު.

    00:18

    ގުޑްވިން ކާމިޔާބުކުރި ލަނޑަކީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އޮސްޓްރޭލިއާ އިން އެންމެ އަވަހަށް ޖެހި ލަނޑު. އަދި މިއީ ވޯލްޑް ކަޕުގެ މެޗެއްގައި އެޓީމުން މެޗު ފަށައިގެން 10 މިނެޓުގެ ތެރޭގައި ޖެހި ފުރަތަމަ ލަނޑު.

    މީގެއިތުރުން މި ލަނޑާއެކު ގުޑްވިން އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ އަވަސް ލަނޑެއް ކާމިޔާބުކުރި ކުޅުންތެރިޔާ. މި މެޗާއި ހަމައަށް މި ޝަރަފު އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އަތުގައި. އޭނާ ވަނީ ސައުދީ އަތުން އާޖެންޓީނާ ބަލިވި މެޗުގައި އާޖެންޓީނާއިން ޖެހި ހަމަ އެކަނި ލަނޑު, ލިބުނު ޕެނަލްޓީއަކުން 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފަ.

    00:16

    އޮސްޓްރޭލިއާ އިން ޖެހި ލަނޑުގައި އެސިސްޓް ކޮށްދިން މެތިއު ލެކީ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި، ފްރާންސްގެ ލޫކަސް ހެނާންޑޭޒް އަށް ވަނީ އަނިޔާވެފަ. އޭނާގެ ބަދަލުގައި މެޗުގެ 13 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ވަނީ ކުޅެން އަރުވާފަ.

    00:09

    ފްރާންސް އަށް ސިހުން ގެނުވައު އޮސްޓްރޭލިއާ އިން މެޗު ފަށައިން ނުވަ ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެއިގް ގުޑްވިން. މިއީ މެތިއު ލެކީ ނަގައިދިން ހުރަހެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގުޑްވިން ކާމިޔާބު ކޮށްދިން ލަނޑެއް.

    23:47

    އެންމެފަހުގެ ޗެމްޕިއަން ފްރާންސް އިން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗު ފަށައިފި.

    23:45

    ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި ވާދަކުރާ އެންމެފަހުގެ ޗެމްޕިއަން ފްރާންސް އަދި އޮސްޓްރޭލިއާގެ ކުރިމަތިލުމުގައި ފެނިގެންދާނެ ދެޓީމުގެ ފުރަތަމަ 11.