08 Apr 2012, 12:24
މިވަގުތު ބޭނުން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި 76 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެދެމެދު އޮތް ފަސް ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަ ކުރަން ކަމަށް ތާވަލްގެ ދެ ވަނާގައި 71 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ 8:00 ގައި އާސެނަލްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ސިޓީގެ ކޯޗް މަންޗިނީ ބުނީ، އިދިކޮޅު އާސެނަލް އަކީ ނަތީޖާ ނެރުމުގައި ގޮތް ނޭގޭ މޮޅު ޓީމެއް ކަމަށެވެ. އަދި މިރޭގެ މެޗުން މޮޅުވުން އެހެންގޮތެއް ނެތް ކަމަށް ވެސް މަންޗިނީ ވަނީ ބުނެފައެވެ.
"އާސެނަލް އަތުން މޮޅުވުން ވަރަށް މުހިންމު. ޔުނައިޓެޑާ އަރާ ހަމަހަމަ ކުރުމަށް އަހަރުމެން ވަރަށް މަސައްކަތް ކުރާނަން. އަހަރުމެން ވެސް ބޭނުން ވަނީ ލީގް ކާމިޔާބު ކުރަން" މަންޗިނީ ބުންޏެވެ.
މެންޗެސްޓާ ސިޓީއާ ދެކޮޅަށް، އާސެނަލް މިއަދު ނިކުންނައިރު، އެޓީމް އުޅެނީ ތާވަލްގެ ހަތަރު ވަނާގައި 58 ޕޮއިންޓާ އެކު އެވެ.
މިރޭގެ ބޮޑު މެޗަށް މި ދެޓީމް ނިކުންނައިރު، އާސެނަލް ވަނީ ލީގުގައި އެންމެ ފަހުން އެ ޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެ. އަދި ސިޓީ ވަނީ އެޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗް ކާމިޔާބު ކޮށްފައެވެ. އަދި އަނެއް ދެ މެޗް ސިޓީން ވަނީ އެއް ވަރުކޮށްފައެވެ.
މިރޭގެ މެޗުގެ ކުރިން އާސެނަލްގެ ފޯވާޑް ރޮބިން ވެންޕާސީ ބުނީ، މިރޭގެ މެޗަކީ އާސެނަލް އަށް މުހިންމު މެޗެއް ކަމަށާއި ސިޓީއާ ދެކޮޅަށް ކުޅޭނީ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އަދި ސިޓީގެ ފޯވާޑުން ހިފެހެއްޓުމުގައި އާސެނަލްގެ ޑިފެންޑަރުން މިރޭ މުހިންމު ރޯލެއް ދަނޑު މަތީގައި ދައްކާނެ ކަމަށް ވެސް ވެންޕާސީ ބުންޏެވެ.