22 Nov 2022, 23:38
ފްރާންްސަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމެވެ. މިއަހަރު އެ ޓީމު ނިކުންނަނީ އެ މަގާމު ދިފާއުކުރުމަށެވެ.
އެހެންކަމުން މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗަކީ އެ މަގާމަށް ވާސިލުވުމަށް ކުރިމަތިލާންޖެހޭ ފުރަތަމަ މެޗެވެ.
މެޗު ކުޅޭ ދަނޑު

އަލް ޖަނޫބް ސްޓޭޑިއަމް---
ފްރާންސް އަދި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު މިރޭ 12:00 ގައި ކުޅޭނީ އަލް ޖަނޫބް ސްޓޭޑިއަމް ގައެވެ.
ގަތަރުގެ އަލް ވަކްރާގައި ހުންނަ އަލް ޖަނޫބް ސްޓޭޑިއަމް ރަސްމީކޮށް އިފްތިތާހް ކުރީ 2019 ވަނަ އަހަރު ބޭއްވި އާމިރު ކަޕްގެ ފައިނަލް މެޗްގެ ކުރިންނެވެ. 40،000 މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމް ފަރުމާ ކޮށްފައިވަނީ އިރާގު އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު އާކިޓެކްޓް ޒަހާ ހަޑިޑްއެވެ.
މި ސްޓޭޑިއަމްގެ ފަރުމާކޮށްފައިވަނީ އެ ސަރަހައްދުގައި ދުއްވާ ބޯޓުގެ ރިޔާތައް އަސްލަކަށް ބަލައިގެންނެވެ. މީގެއިތުރުން ސްޓޭޑިއަމްގެ ފުރާޅު ފަރުމާކޮށްފައިވަނީ އަލް ވަކްރާޙްގެ ކަނޑުދަރުކުރުމުގެ ތާރިޙަށް އަލިއަޅުވާލައިގެންނެވެ. މި ދަނޑުގައި މި އަހަރުގެ ވޯލްޑް ކަޕްގެ 7 މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ރައުންޑް އޮފް 16 ގެ މެޗުތައްވެސް ހިމެނެއެވެ.
ފްރާންސް

ފްރާންސް ގައުމީ ޓީމް ---
އެންމެ ފުރަތަމަ ވޯލްޑު ކަޕްގައި ވިލާތު ބައްރުން ފުރުސަތު ލިބުނު ހަތަރު ޓީމުގެ ތެރޭގައި ފްރާންސް ހިމެނެއެވެ. މަޝްހޫރު އަދި ހުނަރުވެރި އެތަކެއް ކުޅުންތެރިންތަކެއް އެކުލެވޭ މި ޓީމުގެ މި ފަހަރުގެ އަމާޒަކީވެސް ވޯލްޑްކަޕްގެ ތަށި ކާމިޔާބުކުރުމުވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މި އަހަރުގެ މުބާރާތަށް އެ ޓީމަށް ލިބޭ ހިތްވަރެއްގެ އިތުރުން، ތަށި ދިފާއު ކުރުމަށް ކުރިމަތިވާ ބޮޑު ޕްރެޝަރެއް ވެސް މެއެވެ. ފްރާންސް މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި 18 ޕޮއިންޓާއެކުއެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗު
ފްރާންސް 2-0 ޑެންމާކު (25 ސެޕްޓެމްބަރު 2022)
- ފަރާންސް 2-0 އޮސްޓްރިއާ (22 ސެޕްޓެމްބަރު 2022)
- ފްރާންސް 0-1 ކްރޮއޭޝިއާ (13 ޖޫން 2022)
- ފްރާންސް 1-1 އޮސްޓްރިއާ (10 ޖޫން 2022)
- ފްރާންސް 1-1 ކްރޮއޭޝިއާ (6 ޖޫން 2022)
ޓީމުގެ ތަރި
ހޫގޯ ލޮރިސް

ލޮރިސް----
ފްރާންސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސްއެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ކުލަބު ޓޮޓެންހަމްގެ ތަޖުރިބާކާރު ގޯލްކީޕަރެވެ.
ލޮރިސްއަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ގޯލު ކީޕަރުންގެ ލިސްޓުގައި ހިމެނޭ އެއް ކީޕަރެވެ. ލޮރިސް އެންމެ ފުރަތަމަ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ 2010 ވަނަ އަހަރުއެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ޔޫއެފާ ޔޫރޯ އާއި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވެސް ކުއާޓާ ފައިނަލަށް ފްރާންސް ގެންގޮސްދީ، ޔޫއެފާ ޔޫރޯ 2016 ގެ ރަނަރަޕް، އަދި ރަޝިޔާގައި ބޭއްވި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް އަށް ހޯދައިދިނުމުގައިވެސް ރޮރިސްގެ ދައުރު ބޮޑެވެ. ލޮރިސް ވަނީ ފްރާންސްގެ ގައުމީ ޓީމަށް 139 މެޗު ކުޅެފައެވެ.
އޮސްޓްރޭލިއާ

އޮސްޓްރޭލިއާ ގައުމީ ޓީމް---
އޮސްޓްރޭލިއާ އިން ހަ ފީފާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާއިރު، އެޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަކުން ފެނުނީ 1974 ވަނަ އަހަރުގައެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗު
އޮސްޓްރޭލިއާ 0-2 ނިއުޒަލެންޑް (25 ސެޕްޓެމްބަރު 2022)
- އޮސްޓްރޭލިއާ 1-0 ނިއުޒަލެންޑް (22 ސެޕްޓެމްބަރު 2022)
- އޮސްޓްރޭލިއާ 5-4 ޕެރޫ (13 ޖޫން 2022)
- އޮސްޓްރޭލިއާ 2-1 ޔުއޭއީ (7 ޖޫން 2022)
- އޮސްޓްރޭލިއާ 2-1 ޖޯޑަން (1 ޖޫން 2022)
ޓީމުގެ ތަރި

އަޖްދީން ހުރުސްޓިކް---
އިޓަލީގެ ވެރޯނާއަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ އަޖްދީން ހުރުސްޓިކް އަކީ ހަލުވި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ކުޅުންތެރިއެކެވެ.
އޭނާ ޖަރުމަނުގެ ފްރެންކްފާޓްގައި ދެ ސީޒަނެއް ހޭދަކުރުމަށް ފަހު އިޓަލީގެ ވެރޯނާއަށް ބަދަލުވީ މި އަހަރުއެވެ. މީގެ ކުރިން ނެދަލެންޑްސްގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހުރުސްޓިކް އޮސްޓްރޭލިއާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އޮސްޓްރޭލިއާ ޓީމަށް ކުޅެދިން 19 މެޗުގައި ތިން ގޯލު ޖަހައިދީފައެވެ.
ހެޑް-ޓު-ހެޑް
ފްރާންސް އަދި އޮސްޓްރޭލިއާ ވަނީ ފަސް ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އޮގޮތުން ތިން ފަހަރަކު ފްރާންސް އިން ވަނީ އޮސްޓްރޭލިއާ ބަލިކޮށްފައެވެ. 1994 ވަނަ އަހަރުގެ ކުރިން ޖަޕާނު ކަޕްގައި 1-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއިރު 2013 ވަނަ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި އެ ޓީމުން ވަނީ 6-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި 2018 ވަނަ އަހަރު ވޯލްޑްކަޕްގައި 2-1 ގެ ނަތީޖާއަކުން ފްރާންސް ވަނީ މޮޅުވެފައެވެ.
އޮސްޓްރޭލިއާއަށް ފްރާންސް އަތުން މޮޅެއް ލިބިފައިވަނީ 2001 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަން ކަޕްގައި އެކަންޏެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އެ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗެއް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ކޮށްފައެވެ.