23 Nov 2022, 09:59
ހިތި ފަތާއި ހިތި ގަހަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. މިއީ އެތައް ޒަމާނެއް ވަންދެއް ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮތް އެއްޗެކެވެ. އެކަމަކު ދިވެހިން އާންމުކޮށް އަޑު ނާހާ ގޮތަކަށް ވެސް ހިތި ގަހުގެ ގޮފި ބޭނުންކޮށް އުޅެއެވެ. އެއީ ދަތް އުނގުޅުމަށެވެ.
ހިތި ފަތޭ ބުނުމުން ގިނަ ފަހަރަށް ދިވެހިންނަށް އެނގޭނީ ކޮންމެ ވެސް ބޭހެކެވެ. ހުން އައިސްގެން އުޅޭ އިރު ގިނަ ފަހަރަށް ފެންވެރުމަށް ވެސް ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ހިތިފަތް ދިވެހިންނަށް އެނގެއެވެ.
އިންޑިއާގެ ނިއުޓްރީޝަނެއް އަދި ސޯޝަލް މީޑިއާ ޕާސަނަލިޓީއެއް ކަމަށްވާ ނިދީ ގުޕްތާ ބުނާ ގޮތުގައި އަނގައިގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަކީ ހަމައެކި ބޭސް ބޭނުންކޮށްގެން ނިންމާލެވޭނެ ކަމެއް ނޫނެވެ. އަނގައިގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ހޯދުމަށްޓަކައި އަނގަޔަށް ދިމާވާ މައްސަލަތަކުގެ އެތެރޭގައިވާ ސަބަބުތައް ހޯދުން މުހިންމު ކަމަށް ނިދީ ބުނެއެވެ.
View this post on Instagram
ހިތި ގަހުގެ ގޮތްޕަކީ އަނގައިގެ ފުނުގައިވާ މައްސަލަތަކަށް ހައްލަކަށް ވާނެ ކަމެއް ކަމަށް ނިދީ ބުނެއެވެ.
ހިތި ގަހުގެ ގޮފިން ދަތް އުނގުޅުމަކީ ދަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ނިދީ ވަނީ ބުނެފައެވެ. އެގޮތުން ހިތި ގަހު ގޮފިން ދަތް އުނގުޅާއިރު ގޮފީގައި ހުންނަ ތެޔޮތައް އިންސާނާގެ އަނގަ ތެރެއަށް ދަތުރުކުރެއެވެ. ހިތި ގަހު ގޮފީގައި ހިމެނޭ ތެލުގެ ބާވަތަކީ އެންޓި ބެކްޓީރިއަލް އަދި އެންޓި މައިކްރޯބިއަލް ސިފަތައް ހުރި އެއްޗެއް ކަމަށް ނިދީ ބުނެއެވެ.
ހިތި ފަތު ގޮފި ބޭނުންކުރާނެ ގޮތްތައް ވެސް ނިދީ ވަނީ ކިޔައިދީފައެވެ. އެގޮތުން ނިދީ ލަފާ ދެނީ ހިތިފަތު ގޮފި ހަފައި އެއިން ދަތް އުނގުޅުމަށެވެ. އަދި އެގޮތަށް ކަންތައް ކުރާނީ ހަފުތާއަކު ދެ ދުވަހު ކަމަށް ނިދީ ފާހަގަކުރިއެވެ. މީގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުން ހުއްޓުވައި ހިރުގަނޑު ވަރުގަދަ ކޮށްދޭނެ ކަމަށް ނިދީ ބުނެއެވެ.