އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް މުވައްޒަފުންގެ ލިވިން އެލަވަންސްގެ ގޮތުގައި ދޮޅު މިލިއަނެއްހާ ރުފިޔާ ހަމަޖެއްސުމުގެ ހުއްދަ ފިނޭންސުން ދީފި އެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވެސް ވަނީ އެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވާ ކަން ސަން އޮންލައިން އަށް ޔަގީންކޮށްދެއްވާފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒް މިއަދު ވިދާޅުވީ ކޮމިޝަންގެ ބަޖެޓަށް ބަދަލުތަކެއް ގެނެސް މުވައްޒަފުންގެ ލިވިން އެލަވަންސް ހަމަޖެއްސުމަށް ފިނޭންސުން ހުއްދަލިބިފައިވާ ކަމަށެވެ. ފަޔާޒް ވިދާޅުވީ ފިނޭންސުން އަންގާފައި ވަނީ ބަޖެޓަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެލަވެންސަށް ދޮޅު މިލިއަނެއްހާ ރުފިޔާ ހަމަޖެއްސުމަށެވެ.

"އަޅުގަނޑުމެނަށް (އިލެކްޝަން ކޮމިޝަނަށް) ދޫކޮށްފައި އޮތް ބަޖެޓުން އަމިއްލަ އަށް އެއަށް ގެންނަ ބަދަލުތަކެއް ގެނެސްގެން، އިސްލާހްތަކެއް ގެނެސްގެން އެ ދޫކުރިއަސް އެންމެ ރަނގަޅު ކަމަށް ބުނެފައި އޮތީ." ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް މި ބަދަލުތައް ގެންނަން ޖެހުނަސް އިދާރީ ގޮތުން ދަތިތަކެއް ކުރިމަތިނުވާނެ ކަމަށާއި ބަޖެޓަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް މިހާރު ވެސް ގެނެސްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ ލިވިން އެލަވަންސް ފައިސާ އިތުރުކުރަން ކޮމިޝަނުން ފިނޭސް މިނިސްޓްރީގައި އެދުނީ ލިވިން އެލަވަންސް ފައިސާ ނުދީގެން މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރަން ފެށުމުންނެވެ.