ފީފާ ވޯލްޑްކަޕްގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ،

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޑެންމާކުގެ އެރިކްސަން ނެގި ކޯނަރު ޖޯޗްމިން އެންޑަސަން ބޮލުން ޖެހި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

ޓިއުނީޝީއާގެ އިސާމް ޖެބަލީ ވަނީ މެޗުގެ 43 ވަނަ މިނެޓުގައި ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އޭނާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ޑެންމާކުގެ އިތުބާރު ކީޕަރު ކެސްޕާ ޝްމައިކަލްއެވެ.

މީގެއިތުރުން މެޗުގެ 69 ވަނަ މިނެޓުގައި ޑެންމާކަަށް ވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ އެރިކްސަން ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރީ ޓިއުނީޝީއާގެ ކީޕަރު އައިމެން ޑަމެންއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ޑެންމާކުން ލީޑު ނަގާނެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ޖެސްޕާ ލިންޑްސްޓްރޮމް ބޮލުން ފޮނުވާލި ހަމަލާ ވެސް ދިފާއު ކުރީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓިއުނީޝިއާގެ ކީޕަރު ޑަމެންއެވެ.

ޓިއުނީޝިއާ އާއި ޑެންމާކު ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ފްރާންސާއި އޮސްޓްރޭލިއާއެވެ.