Last Updated: 3 year 5 day ago
Last Updated:
3 year 5 day ago
ވޯލްޑް ކަޕުގެ ހަވަނަ މެޗުގެ ލައިވް ބްލޮގް: ޑެންމާކް - ޓިއުނީޝިއާ
19:55
އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ނަތީޖާ އަކަށް ބަދަލެއް ނާދޭ. 0-0. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވި ފުރަތަމަ މެޗު.
މެޗުގައި ދެޓީމަށް ޖުމްލަ 19 ކޯނަރެއް ލިބިފައިވޭ. މިއީ 1966 ހަވަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ގޯލާއި ދިމާލަށް އެންމެ ގިނަ ބޯޅަ ފޮނުވާލި މެޗު. މި މެޗުގައި ކޯނަރުން ތަނަވަސްކުރި ފުރުސަތު ތަކުން ޖުމްލަ 14 ހަމަލާއެއް ގޯލާއި ދިމާލަށް ފޮނުވާލާފައިވޭ. އެހެންނަމަވެސް މި ހުރިހާ ހަމަލާއެއް ގޯލާއި އަމާޒުވެފައެއް ނުވޭ.
މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

ވީއޭއާޜް ބެލުމަށްފަހު ރެފްރީ ނިންމީ ޑެންމާކަށް ޕެނަލްޓީ ދޭން ނުޖެހޭ ކަމަށް.
އިތުރުވަގުތުގެ ތިންވަނަ މިނެޓު: އޭރިއާ ތެރެއިން ޓިއުނީޝީއާ ކުޅުންތެރިއެއްގެ އަތުގައި ޖެހުނީ ކަމަށް ބަލާ ވީއޭއާރް ބަލަނީ.
90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.
88 ވަނަ މިނެޓު: ޓިއުނީޝިއާ އިން އިތުރު ދެ ބަދަލެއް. މުހައްމަދު ޑްރެގާ އާއި ލައިޑޫނީގެ ބަދަލުގައި ވަޖްދީ އަދި ފެރްޖާނީ ކުޅެން އަރުވައިފި.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަނިބާލް އަކީ ތާރީޚުގައިވެސް ޓީއުނީޝިއާގެ ގައުމީ ޓީމުގެ ޖާޒީގައި ވޯލްޑް ކަޕް ކުޅޭ ދެވަނަ ޓީނޭޖަރު.
80 ވަނަ މިނެޓު: ޓިއުނީޝިއާއިން ދެ ބަދަލެއް ގެނެސްފި. ޔޫސުފް ސަކްނީ އާއި އިއްސާމް ޖެބާލީގެ ބަދަލުގައި ހަނިބާލް އާއި ތާހާ ޔާސީން ވަނީ ކުޅެން އަރުވާފަ.
މެޗުގައި މިހާތަނަށް 80 މިނެޓު ކުޅެފައިވާއިރު ދެޓީމަށް ޖުމްލަ 17 ކޯނަރު ވަނީ ލިބިފަ. އެއީ ޓިއުނީޝިއާ އަށް 9 ކޯނަރު އަދި ޑެންމާކަށް 8 ކޯނަރު. މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެއްވެސް މެޗެއްގައި ނުލިބޭހާ ގިނަ ކޯނަރު.
ދެޓީމުންވެސް ކޮންމެ ޓީމަކުން 7 ފައުލު ކޮށްފައިވޭ.

78 ވަނަ މިނެޓު: ނައީމް ސްލިޓީ އަށް ކުރި ފައުލަކާއި ގުޅިގެން ޑެންމާކުގެ ޔެންސަން އަށް ރީނދޫ ކާޑެއް.
75 ވަނަ މިނެޓު: ދެ ޓީމުންވެސް އަންނަނީ ހަމަލާ އުފައްދަން މަސައްކަތް ކުރަމުން. އެހެންނަމަވެސް ދެ ޓީމުންކުރެ ޓީމަކަށްވެސް އަދި ކާމިޔާބުވާ ގޮތެއް ނުވޭ. ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް.

65 ވަނަ މިނެޓު: ޑެންމާކުން ދެ ބަދަލެއް ގެނެސްފި. އަންދްރެއާޒް އޯލްސަން އާއި ކެސްޕާ ޑޮލްބާގުގެ ބަދަލުގައި ކުޅެން އެރީ ކޯނީލިއަސް އާއި ލިންޑްސްޓްރޮމް.
60 މިނެޓުގެ ކުޅުން ހަމަވިއިރު، ޓިއުނީޝިއާ އިން މެޗުގައި 13 ހަމަލާ ފޮނުވާލި. ގޯލާއި އަމާޒުވީ އެންމެ ހަމަލާއެއް.
ޑެންމާކުން ހަތަރު ހަމަލާ ފޮނުވާލިއިރު ދެ ހަމަލާއެއް ގޯލާއި އަމާޒުކޮށްލި.
މެޗުގެ ޕޮޒެޝަން އިންސަތަ، 62 އިންސައްތައިން ޑޮމިނޭޓު ކުރަނީ ޑެންމާކް.
މެޗުގައި މިހާތަނަށް ޑެންމާކުގެ ފަރާތުން ހަ ފައުލް އަދި ޓިއުނީޝިއާގެ ފަރާތުން ފަސް ފައުލު ފެނިގެން ގޮސްފައިވޭ.
55 ވަނަ މިނެޓު: ކައުންޓަރ އެޓޭކެއްގައި ޑެންމާކުން ޓިއުނީޝިއާގެ ގޯލަށް ނުރައްކާކޮށްފި. ފުލުފުލުގައި ތިން ހަމަލާ ފޮނުވާލައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފި. މިއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާ ރެފްރީ މިލަނޑު ބަލައި ނުގަތް.

ދެވަނަ ހާފުގެ ފަސް މިނެޓު ކުޅެވުނުއިރު އަދިވެސް މޮޅަށް ކުޅެނީ ޓިއުނީޝިއާ އިން. ޑެންމާކް ޕްރެޝަރަށް ވެއްޓިފައި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ޓިއުނީޝިއާއިން ފެށީ ވަރުގަދަކޮށް. ރަނގަޅު ފުރުސަތެއްވެސް ތަނަވަސްކޮށްފި.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުވެސް ހަމަވެއްޖެ. ނަތީޖާއަކަށް ބަދަލެއް ނާދޭ.
މި ހާފުގައި ޓިއުނީޝިއާ އިން ވަނީ ޖުމްލަ 8 ހަމަލާއެއް ފޮނުވާލާފަ. އޭގެތެރެއިން ގޯލާއި އަމާޒުވީ އެންމެ ހަމަލާއެއް. ޑެންމާކުން ތިން ހަމަލާއެއް ފޮނުވާލިއިރު ދެ ހަމަލާއެއް ވަނީ އަމާޒުކޮށްލާފަ.
އިތުރުވަގުތުގެ ފުރަތަމަ މިނެޓު: ކަކުލަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން ޑެންމާކުގެ ތޯމަސް ޑިލެއިނީގެ ބަދަލުގައި ޑެމްސްގާޑް ކުޅެން އަރުވައިފި.
45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތަރު މިނެޓު ވަނީ ދައްކާފަ.
42 ވަނަ މިނެޓު: ލީޑުނަގަން ޓިއުނީޝިއާ އަށް ރަނުގެ ފުރުސަތެއް. މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ހުރެ ޖެބާލީ، ޑެންމާކުގެ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ބޯޅައަށް ކީޕަރު ޝްމައިކަލް ވަނީ ހުރަސް އަޅައި، ކޯނަރަކަށް ބޭރު ކޮށްލާފަ.

40 މިނެޓު ކުޅެވުނުއިރު މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނީ ޑެންމާކުން. ޓިއުނީޝިއާ އިން ބޮޑަށް ބަލަނީ ކައުންޓަރ އެޓޭކުތަކުން ތަނަވަސްވާ ފުރުސަތުތަކުގެ ބޭނުން ހިފަން. މިހާތަނަށް އައިއިރު މިގޮތަށް ކައުންޓަރ އެޓޭކުތަކުގެ ބޭނުންހިފާ ޓިއުނީޝިއާ އިން ހަ ހަމަލާއެއް ފޮނުވާލާފައިވޭ. އެހެންނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުވެފައެއް ނުވޭ.
އެއާ ހިލާފަށް ޑެންމާކުން ފޮނުވާލި ތިން ހަމަލާގެ ތެރެއިން ދެ ހަމަލާއެއް ވަނީ ގޯލާއި އަމާޒުވާހެން ފޮނުވާލާފަ.
37 ވަނަ މިނެޓު: ޓިއުނީޝިއާގެ ނުރައްކާތެރި ހަމަލާއެއް. ހަނި އޭންގަލް އަކުން ލައިޑޫނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ބޭރު ދާގަނޑަށް.
ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމެއިކަލް އަކީ ތާރީޚުގައިވެސް ވޯލްޑް ކަޕެއްގައި ޑެންމާކުގެ ޖާޒީގައި ކުޅުނު ތިންވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ.

މެޗުގެ 24 ވަނަ މިނެޓު: ފުރަތަމަ ރީނދޫ ކާޑު ޑެންމާކުގެ ކްރިސްޓެންސަން އަށް.
22 ވަނަ މިނެޓު: ޓިއުނީޝިއާއިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފި. މުޅިން ހުސްކޮށް ހުރެ ޖެބާލީ އޭރިއާ ތެރެއަށް ވަދެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުނުއިރު ހުރީ އޮފްސައިޑުގައި ކަމަށް. މިއީ ލަނޑެއް ކަމަށް ބަލައި ނުގަތް.
މެޗުބަލަން ގޮސްތިބި ޓިއުނީޝިއާގެ ސަޕޯޓަރުންތަކެއް.

15 ވަނަ މިނެޓު: މެޗު ފަށައިގެން މިހާތަނަށް އައިއިރު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޓިއުނީޝިއާ އިން. އެޓީމުން ވަނީ މިހާތަނަށް ހަތަރު ހަމަލާއެއް ފޮނުވާލާފަ. އެހެންނަމަވެސް މި ހަމަލާތަކުގައި ބޯޅަ ގޯލާއި އަމާޒުވެފައެއް ނުވޭ.
މިހާތަނަށް ކުޅުނު 15 މިނެޓުގެ ތެރޭގައި ބޯލް ޕޮޒެޝަންގެ 53 އިންސައްތަ ހިފަހައްޓާފައި ވަނީ ޓިއުނީޝިއާ އިން.
މިއީ ފީފާ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން. އަދި ތާރީޚުގައި މި ދެޓީމުގެ ދެވަނަ ކުރިމަތިލުން. މީގެކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ މީގެ 20 އަހަރު ކުރިން. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި. އެ މެޗުން 1-2 އިން މޮޅުވީ ޑެންމާކް.

މިއީ ގްރޫޕް ޑީގެ ފުރަތަމަ މެޗު. ރެފްރީގެ ކަށިގަނޑާއެކު މެޗު ފަށައިފި.
ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި ޓިއުނީޝިއާ އާއި ޑެންމާކް ބައްދަލުކުރާ މެޗުގައި ދެޓީމުން ބޭނުންކުރާނެ ފުރަތަމަ 11.
