08 Apr 2012, 11:21
ރިޔާސީ އިންތިހާބެއް ބޭއްވޭ ވަރަށް ރާއްޖޭގެ މުއައްސަސާތައް ވަރުގަދަ ކުރެވިފައި ނުވާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ދުންޔާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެކަމަނާ މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
" ދައުލަތުގެ މުއައްސަސާތައް ކަމަށްވާ އިލެކްޝަންސް ކޮމިޝަނާއި ޝަރުއީ ނިޒާމާއި ހިއުމަންރައިޓްސް ކޮމިޝަން ވަރުގަދަ ނުކުރެވެނީސް ވޯޓެއް ލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ބީބީސީއަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވި ކަމަށް އެ އެޖެންސީން ބުންޏެވެ.
ދުންޔާ އަދި ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގެންނެވި ގޮތް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ރިޕޯޓް ނެރުމުގެ ކުރިން ވޯޓެއް ލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބީބީސީގައި ދުންޔާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ މަގާމަށް ވަޑައިގަތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ.
"އިންތިހާބު ބާއްވާނެ އިރަކާ މެދު މަޝްވަރާކުރުމަށް އަހަރެމެން މިތިބީ ތައްޔާރަށް، އެކަމަކު ގައުމުގެ މުސްތަގުބަލާ މެދު މަޝްވަރާ ކުރުމަށް އިދިކޮޅު ޕާޓީން ޝައުގުވެރިއެއް ނުވޭ،" ދުންޔާ ވިދާޅުވި ކަމަށް ބީބީސީން ބުންޏެވެ.
ދުންޔާ ވިދާޅުވެފައި ވަނީ އިންތިހާބެއް ބޭއްވުމުގެ ކުރިން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"( ގާނޫނުއަސާސީއަށް) ބަދަލުތައް ގެނައުމަށް ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުން ބޭނުންވޭ، ނަމަވެސް މިހާތަނަށް، އެމްޑީޕީން އަންނަނީ އެކަމަށް ދެކޮޅު ހަދަމުން،" ދުންޔާ ވިދާޅުވެފައި ވެއެވެ.
ކުރިން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު ފަހަރަހަނާޒް ފައިސަލް ބީބީސީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ރައީސް ވަހީދުގެ ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށެވެ.
"އެމީހުން ސަރުކާރުގެ ކިބައިން ސަލާމަތްވާން ބޭނުން ނަމަ ފުލުހުންނާ ސިފައިން ބޭނުންކޮށްގެން ބަޣާވާތެއް ކުރުމުގެ ބަދަލުގައި އެމީހުން އެކަން ކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން" ފަރަހަނާޒް ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.