Last Updated:
3 year 5 day ago

ވޯލްޑް ކަޕުގެ ފަސްވަނަ މެޗުގެ ލައިވް ބްލޮގް: އާޖެންޓީނާ 1 - 2 ސައުދީ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ފަސްވަނަ މެޗުގައި، ސައުދީ އަދި އާޖެންޓީނާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    17:03

    އެންމެން ހައިރާން ކޮށްލާ ސައުދީ އަރަބިއްޔާއިން އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި ކުރިހޯދައިފި. ސައުދީން މެޗު ކާމިޔާބު ކުރީ 1-2 އިން. މިއީ ތާރީޚުގައިވެސް އާޖެންޓީނާގެ މައްޗަށް އަދި މި ފެންވަރުގެ ޓީމެއްގެ މައްޗަށް ސައުދީން ކުރި ހޮދި ފުރަތަމަ ފަހަރު.

    މުޅި މެޗުގެ ޕޮޒެޝަން އިންސައްތައިގެ 69 އިންސައްތަ ހިފެހެއްޓީ އާޖެންޓީނާއިން. މެޗުގައި އާޖެންޓީނާއިން ވަނީ ގޯލާއި އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލާފަ. އޮފް ޓާގެޓް ނުވަ ހަމަލާއެއް ފޮނުވާލާފައިވޭ.

    ސައުދީން މެޗުގައި އުފައްދާފައި ވަނީ ތިން ހަމަލާއެއް. ސައުދީން ލަނޑު ޖަހާފައިވަނީ މީގެއިން ގޯލާއި އަމާޒުވި ދެ ހަމަލާގައި.

    މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

    17:03

    މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ވަގުތުވެސް ހަމަވެއްޖެ. އެހެންނަމަވެސް އަލް ޝަހްރާނީއަށް އަނިޔާވެ ކުޅުން މެދުކަނޑާލާފައި އޮތުމުން އިތުރަށް ވަގުތު ދެނީ.

    17:02

    އަލް ޝަހްރާނީ އަށް ކުޅުން އިތުރަށް ކުރިއަށް ނުގެންދެވުން. ބަދަލުގައި އިތުރުވަގުތުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މުހައްމަދު އަލްބުރައިކު ވަނީ ކުޅެން އަރާފަ.

    ނަތީޖާ އަކީ ސައުދީ އަރަބިއްޔާ ދެ ލަނޑު އަދި އާޖެންޓީނާ އެއް ލަނޑު.

    17:00

    އިތުރުވަގުތުގެ ހަވަނަ މިނެޓުގައި އާޖެންޓީނާގެ ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސައުދީގެ ކީޕަރުގެ ކަކުލުން އެޓީމުގެ އަލް ޝަހްރާނީގެ މޫނު މަތީގައި ވަރަށް ބާރަށް ޖެހި ކުޅުން މެދުކަނޑާލައިފި.

    16:59

    މެޗުގެ އިތުރުވަގުތުގެ ގޮތުގައި 8 މިނެޓު ދައްކައިފި.

    16:45

    82 ވަނަ މިނެޓު: ސައުދު އަބްދުލް ހަމީދު އަށް ރީނދޫ ކާޑެއް.

    79 ވަނަ މިނެޓު: ސާލިމް އަލް ދައުސަރީއަށް ރީނދޫ ކާޑެއް.

    16:42

    78 ވަނަ މިނެޓު: ސައުދީގެ ފުރަތަމަ ލަނޑުޖެހި ސާލިހް އަލް ޝެހްރީގެ ބަދަލުގައި ސުލްތާން އަލް ޣަނާމް ކުޅެން އަރުވައިފި.

    16:35

    78 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު އާޖެންޓިނާއިން މެޗުގައި 11 ހަމަލާއެއް އުފައްދާ، ތިން ހަމަލާއެއް ގޯލާއި އަމާޒުވާހެން ވަނީ ފޮނުވާލާފަ. ސައުދީން މެޗުގައި އުފެއްދީ ޖުމްލަ ތިން ހަމަލާއެއް.

    އަދިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅެނީ އާޖެންޓީނާ އިން.

    މެޗުގެ މިހާތަނަށް ސައުދީން 16 ފައުލެއް ކޮށްފައިވޭ. އާޖެންޓީނާއިން ހަތް ފައުލު ކޮށްފައިވޭ.

    16:31

    71 ވަނަ މިނެޓު: ނިކޮލަސް ޓެގްލިއަފިކޯގެ ބަދަލުގައި އާޖެންޓީނާއިން މާކޮސް އަކޫނިޔާ ކުޅެން އަރުވައިފި.

    16:29

    65 މިނެޓު ކުޅުނުއިރުގައި ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ސައުދީ ފެންނަނީ ޓީމެއްގެ ގޮތުގައި ކުޅެ ތަފާތު ދައްކާތަން. ކުޅުމުގެ ވައްޓަފާޅި އާއި ފެންވަރު ރަނގަޅުކޮށް، ދެލަނޑު ޖަހައި އާޖެންޓީނާގެ މައްޗަށް ކުރިހޯދާފައިވާއިރު، އެޓީމުން ވަނީ މިހާތަނަށް ތިން ހަމަލާއެއް ފޮނުވާލާ، ދެ ހަމަލާއެއް ގޯލާއި އަމާޒުކޮށްލާފަ.

    މެޗުގެ ޕޮޒެޝަން އިންސައްތަ އަދިވެސް ހިފަހައްޓަނީ އާޖެންޓީނާއިން. އެޓީމަށް 68 އިންސައްތަ ލިބިފައިވޭ.

    16:25

    59 ވަނަ މިނެޓު: ސައުދީގެ ދެވަނަ ލަނޑާއެކު އާޖެންޓީނާ އިން ތިން ބަދަލު ގެނެސްފި. ކްރިސްޓިއަން ރޮމެރޯ، ޕަޕޫ ގޮމޭޒް އަދި ލިއާންޑްރޯ ޕަރޭޑޭޒްގެ ބަދަލުގައި ލިސަންޑްރޯ މާޓިނޭޒް، ހޫލިއަން އަލްވަރޭޒް އަދި އެންޒޯ ފެރްނާންޑޭޒް ވަނީ ކުޅެން އަރުވާފަ.

    16:16

    މެޗުގެ 53 ވަނަ މިނެޓު: މުޅި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލާ، ސައުދީން އާޖެންޓީ ކޮޅަށް ދެ ލަނޑު ޖަހާ ލީޑު ނަގައިފި. މިލަނޑު ޖަހައިދިނީ އަލް ދައުސަރީ.

    16:11

    ދެވަނަ ހާފު ފަށައިގެން ތިން މިނެޓު: ސައުދީން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފި. މި ލަނޑު ޖަހައިދިނީ ސާލިހް އަލް ޝެހްރީ.

    15:54

    ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސީގައި އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ފުރަތަމަ ހާފު ނިމުނީ 0-1 އިން އާޖެންޓީނާ ކުރީގައި އޮވެގެން.

    15:53

    މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން 7 އޮފްސައިޑުވިއިރު މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މުޅި މުބާރާތުގައި އެޓީމުންވީ އޮފްސައިޑުގެ އަދަދަށްވުރެ ގިނަ އަދަދެއް. އެފަހަރުގެ މުބާރާތުގައި އާޖެންޓީނާގެ ކުޅުންތެރިން އޮފްސައިޑު ވެފައިވަނީ 6 ފަހަރު..

    15:50

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. 0-1 އިން ކުރީގައި އޮތީ އާޖެންޓީނާ.

    ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ 5 ހަމަލާގެ ތެރެއިން ދެ ހަމަލާ ގޯލާއި އަމާޒުވާހެން ފޮނުވާލާފަ. ސައުދީ އަށް މެޗުގައި އަދި ގޯލާއި ދިމާލަށް ޝޮޓެއް ފޮނުވާލެވިފައެއް ނުވޭ.

    މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓު ކުރަނި އާޖެންޓީނާއިން. އެޓީމުން ފުރަތަމަ ހާފުގެ 63 އިންސައްތަ ޕޮޒެޝަން ހިފެހެއްޓި.

    15:48

    ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓު: ސައުދީ އަރަބިއްޔާއިން ކެޕްޓަން އަލް ފަރާޖުގެ ބަދަލުގައި ނަވާފް ކުޅެން އަރުވައިފި.

    15:42

    45 މިނެޓުގެ ކުޅުން ހަމަވެއްޖެ. އިތުރުވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.

    15:39

    40 ވަނަ މިނެޓު: އާޖެންޓީނާ އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރަނީ. ކާމިޔާބު ވާގޮތެއް ނުވޭ. އެޓޭކުތައް ހުއްޓުވުމުގައި ސައުދީގެ ޑިފެންޑަރުން އެކި އެކުޅުތައް ބޭނުންކުރަނީ. އޮފްސައިޑް ޓްރެޕް އަދި ފައުލް ކޮށްގެންވެސް އެޓޭކުތައް ހުއްޓުވާ.

    15:35

    34 ވަނަ މިނެޓު: އަނެއްކާވެސް މާޓިނޭޒް ސައުދީގެ ގޯލަށް ބޯޅަ ވައްދާލައިފި. މިފަހަރުވެސް ވީ އޮފްސައިޑު. ސައުދީގެ އޮފްސައިޑް ޓްރެޕްތައް ވަރުގަދަ.

    15:34

    33 ވަނަ މިނެޓު: ސައުދީން ޑިފެންސް ކުރުމުގައި ތޫނުފިލި. ވަރަށް ރަނގަޅަށް އޮފްސައިޑް ޓްރެޕް ބޭނުންކުރޭ. މިހާތަނަށް އާޖެންޓީނާގެ 6 އޮފްސައިޑް.

    15:30

    31 ވަނަ މިނެޓު. ސައުދީ އަށް މެޗުގައި ފުރަތަމަ ކޯނަރު. ހަމަލާއެއް އުފެއްދިފައެއް ނުވޭ. އެހެންނަމަވެސް އާޖެންޓީނާގެ ޑިޕައުލް ކުރި ފައުލަކާއި ގުޅިގެން ސައުދީ އަށް ޖެހުން.

    15:23

    22 ވަނަ މިނެޓު: އާޖެންޓީނާ އިން އަނެއްކާވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފި. މިފަހަރު މާޓިނޭޒް. ރެފްރީ ނިންމީ މިއީވެސް އޮފްސައިޑު ލަނޑެއް ކަމަށް.

    15:22

    22 ވަނަ މިނެޓު: ލިއޮނެލް މެސީ ދެވަނަ ފަހަރަށް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފި. ރެފްރީ ނިންމީ އޮފްސައިޑު ލަނޑެއް ކަމަށް.

    15:21

    20 މިނެޓުގެ ކުޅުން ހަމަވިއިރު ސައުދީ އަށް އަދި މެޗުގައި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. މިހާތަނަށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އާޖެންޓީނާއިން. އެޓީމުން ވަނީ މެޗުގައި 61 އިންސައްތަ ބޯލް ޕޮސެޝަން ހިފަހައްޓާފަ.

    15:16

    މެސީ އަކީ ވޯލްޑް ކަޕުގައި ލަނޑުޖެހި އާޖެންޓީނާގެ ދެވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ. އޭނާ ލަނޑުޖަހާފައިވަނީ 35 އަހަރާއި 151 ދުވަހުން.

    15:10

    ޕެނަލްޓީ ކާމިޔާބު ކޮށް މެޗުގެ 10 ވަނަ މިނެޓުގައި ލިއޮނެލް މެސީ އާޖެންޓީނާ އަށް ލީޑު ނަގައިދީފި.

    15:05

    8 ވަނަ މިނެޓު. ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ އާޖެންޓީނާއަށް ޕެނަލްޓީއެއް ދީފި. މިއީ 6 ވަނަ މިނެޓުގައި އާޖެންޓީނާއިން ނެގި ކޯނަރެއްގެ ތެރެއިން އޭރިއާ ތެރެއަށް އާޖެންޓީނާގެ ކުޅުންތެރިއަކު ވައްޓާލުމުން ދިން ޕެނަލްޓީއެއް.

    15:03

    މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.

    15:02

    މެޗު ފަށައިގެން ދެވަނަ މިނެޓު. މެސީގެ ފަރާތުން ވަރަށް ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރޭގައި ހުރެފައި މެސީ ފޮނުވާލި ހަމަލާއަށް ހުރަސް އެޅި ސައުދީގެ ކީޕަރު އަލް އުވެއިސް.

    15:01

    ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗު ފަށައިފ.