މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ ފަސް މައްސަލައެއްގެ ބައެއް ކަންކަން އިސްލާހު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.

މި މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައެވެ. އެއީ ދައުވާކުރުމުގެ ކުރިން ކަމާ ގުޅުންހުރި އިދާރާތަކުން އެމައްސަލައަކާ ގުޅޭ ގޮތުން ދެފަރާތުން ކުރިއަށް ގެންދާ މަރުހަލާއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ، ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ފަސް މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ފަރާތުން އިސްލާހުކުރަން އެދިފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި މައްސަލަތައް އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލި ނަމަވެސް، މިމައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަންގައި އޮތަތީ، މިއީ މިމައްސަލަތައް ދައުވާ ނުކޮށް އަނބުރާ ފޮނުވާލުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެކޮމިޝަނުން ތަހުގީގު ނިންމި ފަސް މައްސަލައިގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނެއެވެ. ނަމަވެސް އެއާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

މައްސަލަތަކާ ގުޅިގެން ކުރަން ހުރި ދިރާސާ އާއި، މަޝްވަރާތަކަށް ފަހު އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުން މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް މަޖިލީހުން އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކާއި، މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 16 މެމްބަރުން ހިމެނެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިއަން ރުފިޔާއަށް އަރައެވެ. ގެއްލިފައިވާ ފައިސާ ތައް އަނބުރާ ދައުލަތަށް ހޯދުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އެކަމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.