08 Apr 2012, 11:50
ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ނާޒުގު ފައްތަރެއްގަ އެވެ. ބަޖެޓު ބޮޑުތަނުން ދަރަނިވެރިވެ ހަރަދު ކުރަން ފައިސާ މިވަނީ ހޯދަން ޖެހިފަ އެވެ. ހަރަދުތައް އިންތިހާއަށް ބޮޑެވެ. ރައްޔިތުންނަށް ދެވޭ އިނާޔަތްތައް ހުރީ އިންތަކުން ބޭރުވެފަ އެވެ. އިންފުލޭޝަނާއި ބޭރު ފައިސާގެ މައްސަލަ އަދި އެއަށް ވުރެން ބޮޑެވެ. އެ ހުރިހާ ކަމަކާ ރާއްޖެ ހަނގުރާމަކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ މައްސަލަތައް އިތުރަށް ނާޒުގުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ވެއްޓުމާ އެކު އައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ. އެ ވާހަކަތައް އިތުރަށް ބުނެދިނީ އޭގެ ފަހުން ރާއްޖެ އައި އައިއެމްއެފްގެ ވަފުދުންނެވެ.
"ވަރަށް އަވަހަށް ރާއްޖެ އިން ގައުމެއްގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. ބަޖެޓްގައި ލިބޭނެ ކަމަށް ހުރި ބައެއް އާމްދަނީއެއް ނުލިބޭނެ. އެހެން ކަމަށްވާ ނަމަ އިމްޕޯޓަށް ބަރޯސާވާ ގައުމެއްގެ ހައިސިއްޔަތުން އެއީ ވަރަށް ބޮޑު މައްސަލައެއް. އޭރުން ރާއްޖެ ކުރިއަށް އޮތް ދެ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް އެއްކޮށް ހުސްވެދާނެ،" އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މިޝަންގެ ޗީފް، ޖޮނަތަން ޑަން ރާއްޖޭ އިގްތިސޯދު ދިރާސާކުރެއްވުމަށް ފަހު ސިފަކުރެއްވީ އެހެންނެވެ.
ކުރިއަށް އޮތީ ތިން މަހެއްހާ ދުވަހު އެވެ. ރާއްޖެ އަށް އޮތީ ދެތިން ގޮތެކެވެ. ސިޔާސަތުތަކަށް އައި އެކި ބަދަލާ އެކު ބަޖެޓް ވަނީ ޝޯޓްވާނެ ކަން ޔަގީންވެފަ އެވެ. ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރަން މަގުތަކެއް ހޯދަން ކޮންމެހެން ވަނީ ޖެހިފަ އެވެ. އެކަމަކު މިހާރު އުފެދޭ ސުވާލަކީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އުނދަގޫ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ކެރޭނެ ބާ އެވެ؟ މިއީ ސަރުކާރަށް އެކަމާ އުޅެން ފުރުސަތު ލިބޭނެ ދަނޑިވަޅު ބާ އެވެ؟
"ރާއްޖޭގެ މިހާރުގެ ހާލަތު މިއޮތީ ވަރަށް ގޯސްކޮށް. މިހާރު މި އޮތް ގޮތުން ގާތްގަނޑަކަށް ދޭއް ނޫނީ ތިން މަސް ތެރޭގައި ރާއްޖޭގެ އިގްތިސޯދު ކޮލެޕްސް ވުމުގެ ބިރު ވަނީ ބޮޑުވެފައި. އެއީ ވަކި ބަޔަކު ވެރިކަމުގައި ތިބީމާ ވާގޮތެއް ނޫން. ރާއްޖޭގައި ހުރިހާ އެއްޗެއް ވެސް މިހުރީ އާދަޔާ ހިލާފަށް މަތީގައި، ބައިނަލްއަގްވާމީ ދުނިޔޭގައި ތެލާއި އެއްޗިހިދަނީ އަގުބޮޑުވަމުން. މުސާރަތައް ބޮޑު، ކުލިތައް ބޮޑު، ސަބަބުތަކެއް ހުރެގެން އެއީ. މި މައްސަލަތައް މި ވަނީ ނުރައްކާތެރި ފައްތަރެއްގައި،" އިގްތިސޯދީ މާހިރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވި އެވެ.
އޭނާގެ ނަޒަރުގައި ރާއްޖެ އަށް އޮތީ އައިއެމްއެފްގެ ބަސް އެހުމެވެ. އެކަމަކު އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެކަމަކު އެ ހިތި ބޭސް ބޮއިފި ނަމަ ރާއްޖެ އަށް ސަލާމަތް ވެވިދާނެ ކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ފިއްތުންތަކެއްގެ ތެރެއިން އަދި ބައެއް ފަހަރަށް އާންމު ރައްޔިތުންގެ މަތިން ހަދާން ނައްތާލައިގެން ބައެއް ކަންކަން ނުފެންނަ ކަންކަމަށް ހަދައިގެން އަޅަން ޖެހޭ ފިޔަވަޅުތަކެކެވެ.
"އެއް ބިލިއަނަށް ޓެކްސް މީގެ ކުރިން އަރައިގެން ގޮސްފައި ހުއްޓަސް، އެކަމަކު ދެން އަންނަ މަހާއި، އަންނަ މަހު ހަމަ ދާނީ ދަށަށް. އިންކަމްއަށް އަށް ޓެކްސް ބޭސްވެފައި މިއިނީ. އެއީ ޓޫރިސްޓުން އަންނަ އަދަދާއި މި ހުރިހާ ކަމެއް ދައްވުމުން ވާނެ ގޮތް. އުސޫލެއްގެ ގޮތުން ސަރުކާރަކަށް ހަރަދު ކުޑަކުރުން ކަހަލަ ކަންތައްތައް ކުރުން އަސްލު ނުކުރެވޭނެ. އެއީ މިދޭތި ދިމާކުރުން މިއީ ވަރަށް އުނދަގޫ ދޭތި. ސަރުކާރުގައި ތިބޭ ބަޔަކު ގިނަ އެއްޗިހި ދޭން ބޭނުންވާނެ. އެކަމަކު ބަޖެޓްގައި އެވަރަށް ފައިސާއެއް ވެސް ނުހުންނާނެ،" ނަފާ ނަސީމް ވިދާޅުވި އެވެ.
ސަރުކާރުން ވެސް ރާއްޖެއޮތް ސިޓުއޭޝަން ގަބޫލުކުރެ އެވެ. އައިއެމްފުން ބުނާ ފަދަ ވަރަށް ސީދާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެބޭފުޅުން ވެސް އެއްބަސްވެލައްވަ އެވެ. ރާއްޖޭގެ ބަޖެޓް ދެ ބިލިއަނެއްހާ ރުފިޔާ އިން ޝޯޓްވެ ބަޖެޓްގެ ޑެފިސިޓް ފަސް ބިލިއަނަށް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިތުރަށް ފައިސާ ޖަހައިގެން ނޫނީ ބޭރުން ލޯނެއް ނަގަން ރާއްޖެ އަށް ފުރުސަތެއް ނެތް ކަމަށެވެ. އެއީ އަދި މާ ނުރައްކާތެރި ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދުގެ ނަޒަރުގައި ހަމަ އޮތް ގޮތަކީ ހަރަދު ކުޑަކުރުމެވެ. އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.
"އެއީ އަޅުގަނޑުމެންނަށް ނޭޅޭނެ ފިޔަވަޅުތައް. ދެން ކަންކުރާނީ ކިހިނެތް ތޯ؟ އެއީ އެކަމަކު ލޯމަރާލާފައި ނަމަވެސް ނަގަން ޖެހޭ އުނދަގޫ ފިޔަވަޅުތަކެއް. އެއްގޮތަކީ މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް ފިޔަވައި ދެން އަލަށް ފައްޓަން ހުރި ކެޕިޓަލް ހަރަދުތަކެއް ފްރީޒް ކުރުން. ބިލުގައި ބޮޑު ބައެއް އުނިވެގެން ދާ ކަހަލަ ގޮތަކަށް ކަރަންޓް ސަބްސިޑީ މި އޮންނަނީ. އާމްދަނީ އަށް ބަލާފައި ސަބްސިޑީ ދެވޭގޮތް ވެއްޖިއްޔާ ލުއިތަކެއް ލިބޭނެ. އާސަންދަ ބަދަލުކޮއްގެން ވެސް ހެދިދާނެ ކަންތައްތައް. އިގްތިސޯދީ ހާލަތު އޮތީ މިއޮތީ ވަރަށް ނުބައި ފައްތަރެއްގައި. އަޅުގަނޑުމެން އަޅާ ފިޔަވަޅަކުން ސިޔާސީ ޕްރެޝަރު އައިސްފާނެ. އެކަމަކު ފިޔަވަޅުތައް އަޅަން އެބަ ޖެހޭ،" އަހުމަދު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންގެ ރޫހު ފިޔަވަޅުތަކަކާ ދިމާލަށް ހުރި ކަމަށް ބަސްމަގު ގެންގުޅުއްވިޔަސް އައިއެމްއެފްގެ ބަސްއަހަން ސަރުކާރު ބޮޑާ ހާކަފާނެ ކަހަލަ ކަންތައްތަކެއް ސަރުކާރުން ވަނީ ފެނިފަ އެވެ. އެއްވެސް ބެލުމެއް ނެތި ސިޔާސީ މަގާމުތައް އިތުރުކުރަން ވަނީ ފަށާފަ އެވެ. ފުލުހުންނާއި ސިފައިންނަށް ޕްރޮމޯޝަންދީ ބައެއް އިނާޔަތްތައް ވަނީ އިއާދަކޮށްފަ އެވެ.
ކުރީގެ ސަރުކާރުން އިއާދަކުރި މުސާރަ ހިފެހެއްޓި އެވެ. ރިސޯޓް އޯނަރުންނާއި ދެކޮޅަށް ފައިވިއްދައި ނުކުމެ ބައެއް ފައިސާ ގަނޑުކޮށް ނެގި އެވެ. މަސްވެރިންގެ ސަބް ސިޑީ އާއި ކޮމެޓީ އެލަވަންސް ހިފެހެއްޓި އެވެ. އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ވަނީ ކައުންސިލްތަކުން ފިޔަވައި ދެން ސަރުކާރުގެ މަގާމު އިތުރުނުކުރާނެ ކަމަށްވި ދާޅުވެފަ އެވެ. އެކަމާ ދެކޮޅަށް މިނިސްޓަރު ގެންދެވީ ވަކާލާތުކުރައްވަމުންނެވެ.
"އެހެން ދާއިރާތަކުގައި މަޤާމް އިތުރުކޮށް، އިތުރު މުވައްޒަފުން ވެއްދުމަކީ، 2011 ވަނަ އަހަރުގެ ތެރޭގައި މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން ލިބުނު ކުރިއެރުން އަނެއްކާ ވެސް ފަހަތަށް ޖެހޭނެކަމެއް ކަމުން، ކައުންސިލްތައް ފިޔަވައި އެހެން މުއައްސަސާތަކަށް އިތުރު މަޤާމް އުފެއްދުމަށް ހިމެނިފައެއް ނުވާނެ. އަދި މި ކަން މިގޮތުގައި ހިފެހެއްޓުމަށް އެންމެހާ މުއައްސަސާތަކާއި މި ޢިއްޒަތްތެރި މަޖިލީހުގެ އެއްބާރުލެއްވުމަށް އަޅުގަޑު އެދެން،" މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން އިނާޒް ވިދާޅުވެފައިވެ އެވެ.
އައިއެމްއެފުން ވެސް ހުށަހަޅަނީ އުނދަގޫ ފިޔަވަޅުތަކެކެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތައް މުރާޖައާ ކުރުމެވެ. ވަކި އޮނިގަނޑަކަށް އެ ފައިސާތައް ފެއްތުމެވެ. ސަބްސިޓީ ދޭގޮތް ބަދަލުކުރުމެވެ. ޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކުރުމެވެ. ބެޑް ޓެކްސް ވެސް ބޮޑުކޮށްލުމެވެ.
ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އެ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު އެ ފިޔަވަޅުތައް ރާއްޖޭގެ މާހައުލަށް ބައްޓަންކޮށް ވިސްނުންތެރިކަމާ އެކު، އެފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން އިކޮނޮމިކް ކޮމެޓީން މަޝްވަރާކޮށްގެން ވަރަށް ވިސްނުންތެރިކަމާ އެކު އެ ފިޔަވަޅުތައް އެޅޭނެ ގޮތްތައް ބަލައި އެގޮތަކަށް މަސައްކަތްކުރާނަން. އައިއެމްއެފުން އެ ހުރީ އެބޭފުޅުން އެކަނި ވާހަކަތަކެއް ނޫން. އަޅުގަނޑުމެންނާއި އެމްއެމްއޭ އާ ސިޓްކޮށްގެން ބަލާފައި ހުރި ރެކޮމަންޑޭޝަންތަކެއް،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
އައިއެމްފުން ބުނާ ގޮތަށް ރާއްޖެ އޮތީ މަދުވަގުތުކޮޅެކެވެ. ފިޔަވަޅުތަކެއް އަވަހަށް އެޅުމެވެ. ލޯމަރާފައި ހިތި ބޭސް ބޯލައިގެން ވެސް ފާލުންނައްޓާފައި ހުރި ކަންތައްތަައް އިމެއްގެ ތެރެއަށް ފެއްތުމެވެ. ގައުމުގެ އިގްތިސޯދީ ފިޔަވަޅުތަކަށް ރައްޔިތުންގެ މައްޗަށް އިތުބާރު ހޯދުމެވެ. ނޫން ނަމަ ދެން ފެންނާނެ މަންޒަރު ހިތިވާނެ އެވެ. ބޭނުން ވަނީ ކެރުމެވެ. އިގްތިސޯދީ ވިސްނުމުން ވިސްނާ ގައުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް އެޅުމެވެ. މިއީ އެ ދަނޑިވަޅެވެ. ސިޔާސީ ވިސްނުމަށް ނޫނެކޭ ބުނެ ހަގީގަތާ ކުރިމަތިލުމުގެ ވަގުތެވެ.