މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރާ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގުކުރައްވައިފިއެވެ.

މި ގާނޫނާއެކު ޖެނުއަރީއިން ފެށިގެން ޓޫރިޒަމްގެ ބޭނުންތަކަށް ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އެ ނޫން ވެސް ތަންތަނުން ނުވަތަ ޓޫރިސްޓު ޚިދުމަތްތަކުން ނަގާ ޓެކްސް 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.

ހަމައެއާއެކު އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ޖެނުއަރީއިން ފެށިގެން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

ބޮޑު ކޯޅުންގަނޑަކަށްފަހު މި މަހު 16ވަނަ ދުވަހު އޮތް ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބިލު ފާސްކުރަން ވޯޓުލީ މެމްބަރުންގެ ތެރޭގައި މި ބިލާ ދެކޮޅަށް އެންމެ ގަދަޔަށް ވަކާލާތުކުރި އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވެސް ހިމެނެއެވެ.