08 Apr 2012, 10:29
އެލްބޯޑް ޖަހައިގެން ފ. ނިލަންދޫގައި ސައިކަލް ދުއްވަން ދަސްކުރަނިކޮށް، ފާރެއްގައި ޖެހި އެކުސިޑެންޓުވެ، ބޯފަޅައިގެން ދިޔަ މީހާ އަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.
އެ އެކްސިޑެންޓްގައި ބޯފަޅައިގެންގޮސް، ބޮލަށް އަނިޔާ ލިބިފައި ވަނީ ނިލަންދޫ، ފެހިފަރުދާގޭ، ޖަމީލާ އަބްދުﷲ ،30، އަށެވެ.
ޖަމީލާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެގެ 12 ޖަހާ އެހާކަންހާ އިރު ހިނގި އެ އެކުސިޑެންޓުގައި އަނިޔާވި ޖަމީލާ އަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފައި ވަނީ އިއްޔެގެ ހަވީރު ކަމަށާއި އަދި މިހާރު އަންނަނީ "އައިޖިއެމްއެޗު"ގައި އޭނާ އަށް ފަރުވާދެމުން ކަމަށަށެވެ. އޭނާ ބުނީ ޖަމީލާގެ ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އޮޕަރޭޝަނެއް ވެސް ކުރަން ޖެހޭ ކަމަށެވެ.
"މިހާރު އަންނަނީ ހާލު ރާގަޅުވަމުން، މިހާރު ހޭ ވެސް އަރައިފި." އޭނާ ބުންޏެވެ.
އެ އެކުސިޑެންޓު ހިނގާފައި ވަނީ އިއްޔެ މެންދުރު އޭނާ ސައިކަލްދުއްވަން ދަސްކުރަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓުރޯލް ނުވެގެން ގޮސް ފާރެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުވަން އިން އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ.