22 Nov 2022, 11:44
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑްރިޝްޔަމް2 އަކަށް ބޮކްސް އޮފީހުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ތަމަޅަ ފިލްމެއްގެ ރީމޭކް ގޮތުގައި 2017 ވަނަ އަހަރު ނެރުނު 'ޑްރިޝްޔަމް' އަށްފަހު އެ ފިލްމުގެ ސީކުއެލްއެއް ނެރުނީ މިދިޔަ ހަފުތާގައެވެ. އަޖޭ ދޭވްގަން ލީޑް ރޯލަކުން ފެންނަ މި ފިލްމަކީ ތުރިލާ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމު އެޅުވި ދުވަހު ވަނީ އެ ހަފުތާ ބަންދުގައި 63 ކްރޯރް ހޯދާފައެވެ. އަދި، ހަފުތާ ތެރޭގައި 100 ކްރޯރް ރުޕީސް ފިލްމަށް ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
މި ފިލްމު އެޅުވިތާ ހަތަރު ވަނައަށް ވީ ދުވަހު 43 ލައްކަ ޓިކެޓު ވިއްކާފައިވާ ކަމަށް ފިލްމުގެ ޓީމުން ވަނީ އިންޑިއާ ނޫސްތަކަށް މައުލޫމާތު ދީފައެވެ.
ފިލްމުގެ ޓްރެއިލާ ލޯންޗިން އިވެންޓުގައި ވާހަކަދައްކަމުން އަޖޭ ބުނީ، ދެ ވަނަ ފިލްމު ތަމަޅަ ފިލްމާ ތަފާތު ވާނެ ކަމަށާއި މި ފިލްމުގައި ހިމަނާފައިވާ އަކްޝޭ ކަންނާގެ ކެރެކްޓާ ތަމަޅަ ފިލްމުގައި ނުހިމެނޭ ކަމަށެވެ. އަދި މި ފިލްމު ބެލި ގިނަ މީހުން ވަނީ އަކްޝޭ އާއި އަޖޭގެ އެކްޓިންގއަށް ތައުރީފް ކޮށްފައެވެ.
ޑްރިޝްޔަމް2 ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އާއި ކުމާރު މަންގަތު ޕަތަކް، އަބީޝޭކް ޕަތަކް އަދި ކްރިޝަން ކުމާރުއެވެ. ޑްރިޝްޔަމްގެ ފުރަތަމަ ފިލްމަށް ގިނަ ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ލިބުނުއިރު މި ފިލްމުގެ ރޭޓިންގވެސް މައްޗެވެ.