'އާވާރާ ޕާގަލް ދީވާނާ2' އާއި 'ވެލްކަމް3' އުފެއްދުމަށް ނިންމާފައިވާއިރު މި ފިލްމުތަކުގައި ފިލްމީ ތަރި އަކްޝޭ ކުމާރު ނުހިމަނަން ފިލްމުގެ ޕްރޮޑިއުސަރު ފިރޯޒް ނަޑައިޑްވަލަ ނިންމައިފިއެވެ.

މިދިޔަ ހަފުތާގައި ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓު ކުރީ ފިރޯޒްގެ 'ހެރާ ފެރީ3' އަކްޝޭގެ ބަދަލުގައި ކާތިކް އާރްޔަންއަށް ދީފައިވާ ކަމަށެވެ. 'ފިރް ހެރާ ފެރީ' އަކީ އެންމެ ފުރަތަމަ އެ ފިލްމު ނެރުނު ދުވަހުން ފަށައިގެންވެސް އެ ފިލްމުގައި އަކްޝޭ ދެއްކި އެކްޓިންގ އަށް ތަރުހީބު ލިބުނު ފިލްމެކެވެ. އެހެންކަމުން އެ ފިލްމުގެ ތިން ވަނަ ބަޔަކަށް އަކްޝޭ ކާސްޓު ނުކުރާ ކަމަށް ބުނުމުން އަކްޝޭގެ ފޭނުން ދިޔައީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ހިންދުސްތާން ޓައިމްސްއަށް އަކްޝޭ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަގު ކުޑަކޮށްގެން ނަމަވެސް އެ ފިލްމުގައި އޭނާ މަސައްކަތްކުރަން ނިންމި ކަމަށެވެ. އެހެންނަމަވެސް، ސްކްރިޕްޓު ކިޔާލުމުން އެ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައިވެއެވެ. އެކި ފަރާތްތަކަށް ހަވާލާދީ އެ ނޫހުން ބުނެފައިވަނީ މި ފިލްމު ކުޅެދޭ އަގު އަކްޝޭ ކުޑަކުރި ކަމުގައި ވިޔަސް ފިލްމުގެ ޕްރޮޑިއުސަރު ބޭނުންވީ ވިޔަފާރި އުސޫލުން ހެޔޮ އަގުގައި ކަންކުރަން ކަމަށެވެ.

މި މައްސަލަ އަށް ފަހު ، 'ހީރާ ފެރީ3'ގައި އަކްޝޭ ކާސްޓު ނުކުރެވުނަސް 'އާވާރާ ޕާގަލް ދީވާނާ2' އާއި 'ވެލްކަމް3' ގައި އަކްޝޭ ބައިވެރި ކުރަން ފިރޯޒް ނިންމި ނިންމުންވެސް ފަހުން ވަނީ ބަދަލުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން ފިރޯޒްގެ ދެ ފިލްމުން އަކްޝޭ އަށް ޖާގަ އެއް ނުދިނެވެ.