08 Apr 2012, 09:32
ބަމާކޯ (އޭޕްރީލް 7): މާލީގެ އިންޤިލާބީ ސިފައިން އެޤައުމުގެ ވެރިކަން ޕާލަމެންޓްގެ ރައީސް ދައިކުވަންދާ ތްރާވްރީއާ ޙަވާލުކުރުމާ ގުޅިގެން ވެރިރަށް ބަމާކޯގައި އޭނާގެ މަސައްކަތް ފައްޓަވައިފި އެވެ.
މާލީގައި އިންތިޚާބެއް ބާއްވައިގެން ވެރިއަކު ހޮވެންދެން އިންތީޤާލީ ވެރިއެއްގެ ގޮތުން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ޓަކައި އަވަށްޓެރި ބޯރކީނާފާސޯގައި ހުންނެވުމަށް ފަހު ތްރާވްރީ އެނބުރި ޤައުމަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ފުރަތަމަ ބައްދަލުކުރެއްވީ ވެރިކަން ދޫކޮށްލުމަށް ޢަސްކަރީ އިންޤިލާބީ ވެރިންނަށް މަޖްބޫރުކުރި ހުޅަނގު އެފްރިކާގެ "އިކޯވޮސް" ޖަމާއަތުގެ މަންދޫބު ބޮރކީނާ ފާސޯގެ ޚާރިޖީ ވަޒީރު ޖިބްރީލް ބަސުލޭ އާ އެވެ. ޖިބްރީލް މާލީގައި ހުންނަވާތާ ދުވަސްކޮޅެއްވެއްޖެވެ.
ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޕާލަމެންޓްގެ ރައީސް ތްރާވްރީ ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލީގެ އުތުރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ތަވާރިޤް ހަނގުރާމަވެރިން މިދިޔަ ހަފްތާގައި އިޢްލާންކޮށްފައިވާ މިނިވަން މުސްތަޤިއްލު ދައުލަތުގެ ސަބަބުން އުފެދިފައިވާ ބަޣާވާތް ނިމުމަކަށް ގެނަސް ޤައުމު އެކަތި ގަނޑަކަށް ހެދުމަށް ކަމަށެވެ.
މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު މާލީއަށް ޢަސްކަރީއިންޤިލާބު ގެނައި ސިފައިންނަށް "އީކާވޮސް" ޖަމާއަތުގެ ޤައުމުތަކުން ކުރިމަތިކުރި ފިއްތުންތަކާގުޅިގެން ވެރިކަންދޫކޮށްލުމަށް އެމީހުން އެއްބަސްވެފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. "އިކާވޮސް"އަކީ ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ އިޤްތިސާދީ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ޤައުމުތަކަކީ މާލީގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކެވެ.
ޢަސްކަރީ އިންޤިލާބާގުޅިގެން "އިކާވޮސް" އިންމާލީއާ ދެކޮޅަށްއެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިންޤިލާބީ ސަރުކާރަށް އިޢުތިރާފްނުވުމާއި އެ ޤައުމުތަކުގެ ވަޔާއި އެއްގަމުގެ ސަރަޙައްދުތައް މާލީގެކުރިމަތީގައި ބަންދުކުރުމާއި މާލީއާ އެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްނުކުރުމާއި ތެލާއި އެނޫންވެސް މާލީއަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމުގެ ފުރްސަތު ނުދިނުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. މާލީއަކީ ލޭންޑްލޮކް ޤައުމެއްކަމުން މިފިޔަވަޅުތަކާ ކުރިމަތިލުމަށް އެޤައުމުވަނީ ނުކުޅެދިފަ އެވެ.
ވެރިކަން ދޫކޮށްލުމަށް އިންޤިލާބީވެރިން އެއްބަސްވީ ވަގުތުން ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލައި ޢަސްކަރީ އިންޤިލާބުގެ ނަސް މާލީގެ ރައީސް އަމާދޫތޮރޭގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި ސިފައިންނާއި އޮފްސަރުންގެ މައްޗަށް ޝަރީއަތް ނުހިންގުން ޝަރުތުކޮށްފަ އެވެ. މިކަން މިގޮތަށް ތަންފިޒުކޮށްދޭނެކަމުގެ ޔަގީންކަން ބޮރކީނާފާސޯގެ ޚާރިޖީ ވަޒީރު ޖިބްރީލް ބަސުލޭ ވަނީ ދެއްވާފަ އެވެ.
އައު ރައީސް ތްރަވްރީ ވަނީ މަޤާމުން ދުރުކުރެވިފައިވާ ރައީސް އަމާދޫ ތޮރޭ އަށް އަމާންކަމާއި އިޙްތިރާމާ އެކު ޤައުމުގައި އުޅުމުގެ ފުރްސަތު ދެއްވާނެކަން ހާމަކުރައްވާފަ އެވެ. އޭނާއަށް ލިބެންވާ ޤާނޫނީ ޙިމާޔަތާއި މާލީ ޢިނާޔަތްތައް ވެސް ދެއްވާނެ ކަމަށް އައު ރައީސް ތަރާވްރީ ވިދާޅުވި އެވެ.
މާލީގެ އިންޤިލާބީ ވެރިން ވެރިކަން ދޫކޮށްލުމަށް އެއްބަސްވި އެއްބަސްވުމުގައި ކުރީގެ ރައީސް އަމާދޫ ތޮރޭގެ ވެރިކަން އަލުންއަނބުރައި އިޢާދަކުރުން ހިމެނިފައެއްނުވެ އެވެ. އޭގެ ބަދަލުގައި މިއެއްބަސްވުމުގައި ވަނީ އިންތިޤާލީ ސަރުކާރުން އަލުން އިންތިޚާބެއްބާއްވައިގެން ދިމުޤްރާތީ ވެރިއަކު އިންތިޚާބުކޮށް އައު ސަރުކާރެއް އެކުލަވާލުމަށެވެ.
މާލީއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެޤައުމު ބައިބައިވުމުގެ މައްސަލައެވެ. އުތުރުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ތަވާރިޤް ހަނގުރާމަވެރިން ވަނީ އެޖަމާޢަތުގެ އަތްދަށުގައިވާ ސަރަޙައްދުތަކުގައި "ރިޕަބްލިކް އޮފް އަޒްވާދު"ގެ ނަމުގައި މިނިވަން މުސްތަޤިއްލުދައުލަތެއް އިޢްލާންކޮށްފަ އެވެ. ނަމަވެސް އަވަށްޓެރި ޤައުމުތަކުން ވަނީ މިދައުލަތް ޤަބޫލުނުކުރާނެ ކަމަށާއި މާލީގެ އެއްބައިވަންތަކަށް އިޙްތިރާމް ކުރާނެކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)