22 Nov 2022, 08:48
މިއަހަރުގެ ވޯލްޑްކަޕަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީއާއި އޭނާގެ ސަޕޯޓަރުން ބޭނުންވާ ކާމިޔާބީ ހޯދުމަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަމަށް އޭނާ ބުނެފިއެވެ.
މާދަމާ މެންދުރު 3:00 ގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުގައި ބައްދަލުކުރާ މެޗުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން މެސީ ބުނީ މިއަހަރުގެ ވޯލްޑްކަޕަކީ ޔަގީނުންވެސް އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑްކަޕް ކަމަށެވެ.
އޭނާ ބުނީ ވޯލްޑްކަޕް ކާމިޔާބު ކުރުމަކީ އޭނާގެ ހުވަފެނެއްކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މިއީ ލިބޭނެ އެންމެ ފަހުގެ ފުރުސަތުކަމަށެވެ.
މީގެއިތުރުން ނޫސްވެރިއަކު އޭނާ މާދަމާގެ މެޗަށް ފިޓުތޯ ސުވާލުކުރުމުން މެސީ ބުނީ އޭނާ ހުރީ މެޗަށް ވަރަށް ފިޓުކޮށްކަަމަށެވެ. އަދި އޭނާއަށް އަނިޔާގެ މައްސަލައެއް ކުރިމަތި ނުވާކަމަށް ބުންޏެވެ.
މެސީ ބުނީ އެނާ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ މެޗުގެ ކުރިން އަނިޔާއެއް ވާން ބޭނުން ނުވާތީކަމަށެެވެ.
މިއަހަރުގެ ވޯލްޑްކަޕަށް މެސީ ނިކުންނަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. މީގެކުރިންވެސް އިންޓަވިއުއެއްގައި އޭނާ ވަނީ އާޖެންޓީނާ މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރާނެކަމަށާއި ސަޕޯޓަރުން ކެތްތެރިކަމާއެކު ތިބުމަށް އެދިފައެވެ.
ފުޓުބޯޅަ ދިރާސާ ކުރާ ގިނަ ބަޔަކު ވަނީ މެސީގެ މި ވާހަކަތަކަށް ތާއީދުކޮށްފައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އާޖެންޓީނާއަކީ މިއަހަރުގެ ވޯލްޑްކަޕްގެ ފޭވަރިޓުންނެވެ.
އެ ޓީމު ވޯލްޑްކްޕަގައި ހިމެނިފައިވަނީ ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސައުދީ އަރަބިއާ، ޕޮލެންޑު އަދި މެކްސިކޯއެވެ.