22 Nov 2022, 02:09
ފީފާ ވޯލްޑްކަޕްގައި 64 އަހަރު ފަހުން ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) މޮޅުވިޔަ ނުދީ .ހިފަހައްޓައިފިއެވެ
އަލް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔޫއެސްއޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު މިހާފުގައި މުޅި ގޭމު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތައް އުފައްދާފައިވަނީ ވެސް އެ ޓީމުންނެވެ.
ޔޫއެސްއޭއިން ގޯލެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ކާމިޔާބީއެއް ލިބުނީ މެޗުގެ 36 ވަނަ މިނެޓުގައި ޓިމޮތީ ވެއާ ޖެހި ގޯލުންނެވެ. އެ ގޯލަކީ އެ ޓީމުގެ ކްރިސްޓިއަން ޕުލިސިޗް ދުއްވާލި ތްރޫ ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިއީ 1958 ވަނަ އަހަރު ފުޓުބޯޅައިގެ ލެޖެންޑް، ބްރެޒިލްގެ ޕެލޭ ވޭލްސް ކޮޅަށް ޖެހި ލަނޑަށްފަހު ވޯލްޑް ކަޕުގައި ވޭލްސް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ފީފަ ވޯލްޑްކަޕްގައި ޔޫއެސްއޭ އަދި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް
މެޗުގެ ދެވަނަ ހާފު ފަށައިގެން ވޭލްސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޔޫއެސްއޭގެ ގޯލަށް ވަނީ ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ވޭލްސްގެ ވާކާ ޒިމާމަން ބޮލުން ފޮނުވާލި ބާރު ހަމަލާ ޔޫއެސްއޭގެ ކީޕަރު މެޓް ޓާނާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ވަނީ ގޯލެއް ޖަހައި މެޗުގެ ނާތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޔޫއެސްއޭގެ ޒިމާމަން ބޭލްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.
ވޭލްސް އަދި ޔޫއެސްއޭ ހިމެނެނީ ވޯލްޑްކަޕްގެ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިންގްލޭންޑް އަދި އިރާންއެވެ. އިންގްލޭންޑް ވަނީ ފުރަތަމަ މެޗުގައި އިރާންއާ ދެކޮޅަށް ކުޅެ 6-2 ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ.