Last Updated: 3 year 5 day ago
Last Updated:
3 year 5 day ago
ވޯލްޑް ކަޕުގެ ހަތަރުވަނަ މެޗުގެ ލައިވް ބްލޮގް: ވޭލްސް 1 - 1 ޔޫއެސްއޭ
01:56
ފުރިހަމަވަގުތުގެ ކުޅުމާއި އިތުރުވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. 1-1 އިން ދެޓީމުވީ އެއްވަރު.
މެޗުގައި ވޭލްސްއިން ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކުރިއިރު ދެވަނަ ހާފުގައި އެޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފަ. ޔޫއެސްއޭ އަށް ޖެހުނީ ދެވަނަ ހާފުގައި ގިނަވަގުތު ޑިފެންޑު ކުރަން.
މެޗުގައި ވޭލްސް އިން ޖުމްލަ ހަތް ހަމަލާއެއް ފޮނުވާލިއިރު ގޯލާއި އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލާފައިވޭ. ޔޫއެސްއޭ އަށް ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.
މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

އިތުރުވަގުތުގެ ފަސްވަނަ މިނެޓު: އީތަން އެމްޕްޑޫގެ ބަދަލުގައި ވޭލްސް އިން ޖޯ މޮރޭލް ކުޅެން އަރުވައިފި.
އިތުރުވަގުތުގެ ދެވަނަ މިނެޓު: ޓޯމީ ވިލްސަންގެ ބަދަލުގައި ވޭލްސް އިން ތޯމަސް ކުޅެން އަރުވައިފި.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ނުވަ މިނެޓު ދައްކައިފި.
88 ވަނަ މިނެޓު: ޓިމޮތީ ވެއާގެ ބަދަލުގައި ޔޫއެސްއޭ އިން ޖޯޑަން މޮރިސް ކުޅެން އަރުވައިފި
82 ވަނަ މިނެޓު: ޕެނަލްޓީ ކާމިޔާބުކޮށް ބޭލް، ވޭލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފި.

80 ވަނަ މިނެޓު: ވޭޅްސްގެ ކެޕްޓަން ގެރެތު ބޭލް އަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ވޭލްސް އަށް ޕެނަލްޓީއެއް ދީފި.
79 ވަނަ މިނެޓު: އަނިޔާގެ މައްސަލައެއް ކުރިމަތިވި ނީކޯ ވިލިއަމްސް ބޭލުމަށްފަހު ޖޯންސަން އަށް ވޭލްސްގެ ކޯޗު ފުރުސަތު ދީފި.

ފުރަތަމަ ހާފުގެ 45 މިނެޓުގެ ތެރޭގައި ނުކުރާ ވަރަށް، ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ވޭލްސް އިން އެޓޭކުކޮށް، އެމެރިކާގެ ގޯލާއި ދިމާލަށް ހަމަލާ ފޮނުވާލާފައިވޭ.

71 ވަނަ މިނެޓު: އެމެރިކާއިން ތިން ކުޅުންތެރިއަކު ބަދަލު ކުރަނީ. އެއީ ޑެސްޓް، މޫސާ އަދި ސާޖަންޓް ގެ ބަދަލުގައި ޔެޑްލިން، އަކޯސްޓާ އަދި ހާޖީ ރައިޓް.
މެޗުގައި އެމެރިކާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުން އަންނަ ޓައިލާ އެޑަމްސް އަކީ 1950 ވަނަ އަހަރަށްފަހު އެޓީމުގެ ކެޕްޓަން ބޭންޑޫ އަޅައިގެން ވޯލްޑް ކަޕުގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާ. އޭނާގެ އުމުރަކީ 23 އަހަރާއި 279 ދުވަސް.
ތާރީޚުގައި ޓައިލާ އަކީ ވޯލްޑް ކަޕުގައި އެމެރިކާގެ ކެޕްޓަންކަން ކުރާ ތިންވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ.

66 ވަނަ މިނެޓު: ޔޫއެސްއޭ ޓީމުން ބަދަލެއް. މިކްކެނީގެ ބަދަލުގައި ބްރެންޑަން އޭރޮސަން ވަނީ ކުޅެން އަރާފަ.
64 ވަނަ މިނެޓު: ވޭލްސް އިން މެޗުގައި ފުރަތަމަ ފަހަރަށް ނުރައްކާ ކޮށްފި. ގޯލާއި ވަރަށް ކައިރިން ބެން ޑޭވިސް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އެމެރިކާ ޓީމުގެ ކީޕަރުގެ ހުށިޔާރުކަން.
މި ހަމަލާ އާއި ގުޅިގެން ލިބުނު ކޯނަރުގައިވެސް ރަނގަޅު ހަމަލާއެއް ވޭލްސް އިން ފޮނުވާލި. އެހެންނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.
ދެވަނަ ހާފު ފަށައިގެން ވޭލްސްގެ ފަރާތުން ފެންނަނީ އެޓޭކިންގް މޮޅު ކުޅުމެއް. ޔޫއެސްއޭގެ ޑިފެންސްލައިނަށް ޕްރެޝާ ބޮޑުވެއްޖެ.

ދެވަނަ ހާފު ފަށައިގެން ހަ މިނެޓު. ޔޫއެސްއޭގެ ޓިމް ރީމް އަށް ރީނދޫ ކާޑެއް.

ވޭލްސް އިން ދެވަނަ ހާފު ފެށީ ބަދަލަކާއެކު. ޑެނިއެލް ޖޭމްސްގެ ބަދަލުގައި ކީފާ މުރާ ކުޅެން އަރުވާފަ.
ވޯލްޑް ކަޕް 2022 ގައި ވޭލްސް އާއި ޔޫއެސްއޭ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ކުޅުންވެސް ނިމިއްޖެ.
ހާފު ނިމުނުއިރު 0-1 އިން ޔޫއެސްއޭ އޮތީ ކުރީގައި. އެޓީމުން ވަނީ މި ހާފުގައި ޖުމްލަ ތިން ހަމަލާއެއް ފޮނުވާލާ އެއް ހަމަލާ ގޯލާއި އަމާޒުކޮށްލާފަ.
ވޭލްސް އަށް މިހާފުގައި ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެންނަމަވެސް އޮފް ޓާގެޓް ދެ ހަމަލާއެއް ފޮނުވާލި.
ހާފު ނިމުނުއިރު 67 އިންސައްތަ ޕޮސެޝަން ހިފެހެއްޓީ ޔޫއެސްއޭ އިން.

އިތުރުވަގުތުގެ ދެވަނަ މިނެޓު: ވޭލްސްގެ ކްރިސް މެފަމް އަށް ރީނދޫ ކާޑޭއް.
މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތަރު މިނެޓު ވަނީ ދައްކާފަ.
ޔޫއެސްއޭގެ ޓިމޮތީ ވެއާ މިރޭގެ މެޗުގައި ވޭލްސް ކޮޅަށް ޖެހި ލަނޑަކީ، 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ވޭލްސް ކޮޅަށް ޖެހި ފުރަތަމަ ލަނޑު. އެފަހަރުގެ ވޯލްޑް ކަޕުގައި ވޭލްސް ކޮޅަށް ލަނޑުޖެހީ ފުޓުބޯޅައިގެ ލެޖެންޑް، ބްރެޒިލްގެ ޕެލޭ.

40 ވަނަ މިނެޓު: ވޭލްސްގެ ކުޅުންތެރިއަކަށް ފުރަތަމަ ރީނދޫ ކާޑު. ކާޑު ދެއްކީ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަށް.

36 ވަނަ މިނެޓު: ޔޫއެސްއޭ އިން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓިމޮތީ ވެއާ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ހަތަރުވަނަ ލަނޑު. މިލަނޑު ވެއާ ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސުޗްގެ ތުރޫ ޕާޙަކުން ތަނަވަސްވި ފުރުސަތެއްގައި.

34 ވަނަ މިނެޓު: ޔޫއެސްއޭ އަށް ދެވަނަ ކޯނަރު. ޕެނަލްޓީ އޭރިއާ ތެރޭގައި އެޓީމުގެ ފަސް ކުޅުންތެރިން ތިބީ މަޑުކޮށްލައިގެން. ނަގައިދިން ކޯނަރުން ރަނގަޅު ފުރުސަތެއް ތަނަވަސް ނުވޭ.
މެޗުގެ 29 ވަނަ މިނެޓު: ޔޫއެސްއޭ އިން ދެ ހަމަލާއެއް އުފެއްދިއިރު ވޭލްސް އަށް އުފެއްދުނީ އެންމެ ހަމަލާއެއް.
މެޗުގެ 66 އިންސައްތަ ޕޮސެޝަން ހިފަހައްޓަނީ ޔޫއެސްއޭ އިން.
ޔޫއެސްއޭ އިން މިހާތަނަށް 4 ފައުލް ކޮށްފައިވާއިރު ދެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވޭ. ވޭލްސްގެ ކުޅުންތެރިން އެއް ފައުލު ކޮށްފައިވާއިރު އަދި ކާޑެއް ނުދައްކާ.
މިހާތަނަށް ޔޫއެސްއޭ އަށް އެއް ކޯނަރު ވަނީ ލިބިފަ.

13 ވަނަ މިނެޓު: ޔޫއެސްއޭގެ ވެސްޓަން މިކްކެނީ އަށްވެސް ރީނދޫ ކާޑެއް. މި ދެ ކާޑަކީވެސް ވޭލްސްގެ ވިލިއަމްސް އަށް ކުރި ފައުލްތަކާއި ގުޅިގެން ދެއްކި ކާޑުތަކެއް.

11 ވަނަ މިނެޓު: ޔޫއެސްއޭގެ ސާޖީނިއޯ ޑެސްޓަށް މެޗުގެ ފުރަތަމަ ރީނދޫ ކާޑު.

9 ވަނަ މިނެޓު: ގާތްގާތުގައި ޔޫއެސްއޭ އިން ނުރައްކާތެރި ދެ ހަމަލާއެއް. ފުރަތަމަ ހަމަލާ. ފުރަތަމަ ހަމަލާ އަކީ ޔޫއެސްގެ ކުޅުންތެރިން ނަގައިދިން ހުރަހެއް ވޭލްސްގެ ޑިފެންޑަރެއްގެ ޕޮލުގައި ޖެހިފައި ގޯލާއި ދިމާލަށް ދިއުމުން ކީޕަރު ހެނެސީ ދިފާއުކުރި ހަމަލާއެއް. އަދި ދެވަނަ ޔޫއެސްގެ ކުޅުންތެރިއަކު ބޮލުން ފޮނުވާލި ހަމަލާއަށްވެސް ހުރަސް އެޅީ ވޭލްސްގެ ކީޕަރު.
މިއީ 1958 ވަނަ އަހަރަށްފަހު ވޭލްސް އިން ފީފާ ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ ފަހަރު.

މެޗުގެ ފުރަތަމަ ކޯނަރު އެމެރިކާއަށް. 4 ވަނަ މިނެޓުގެ ތެރޭގައި.
މިއީ ފީފާ ވޯލްޑް ކަޕެއްގައި ވޭލްސް އާއި އެމެރިކާ ބައްދަލުކުރާ ފުރަތަމަ މެޗު.
އެމެރިކާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ފަސް ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ފަސް ކުޅުންތެރިން.
ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގައި ވޭލްސް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.
