22 Nov 2022, 08:57
ބަރުދަން ލުއި ކުރަން ވަރަށް ގިނަ މީހުން ތަފާތު ކަންތައްތައް ކޮށް އުޅެއެވެ. ނަމަވެސް ގިނަ ފަހަރަށް ބަރުދަން ލުއި ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ މަސައްކަތް ކުރަނީ ކެއުން ވީހާވެސް މަދުކުރުމަށެވެ. ބައެއް މީހުންނަށް ހީވާގޮތުގައި ކެއުން އެއްކޮށް މަދުކޮށްގެން ނޫނީ ބަރުދަން ލުޔެއް ނުކުރެވޭނެއެވެ. ނަމަވެސް މިއީ ތެދެއް ނޫނެވެ.
ގިނައިން ކައިގެން ބަރުދަން ލުއި ކޮށްލެވިދާނޭ ބުންޏަސް އެއީ ގިނަ ބަޔަކަށް ގަބޫލުކުރަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ސައިންސެއް އެބަ އޮތެވެ. މިއަށް ކިޔަނީ "އެނާޖީ ޑެންސިޓީ" އެވެ. އެނާޖީ ޑެންސިޓީ ސައިންސުގެ އެހީގައި ގިނައިން ކައިގެން ވެސް ބަރުދަން ލުއި ކޮށްލެވިދާނެއެވެ.
އެނާޖީ ޑެންސިޓީ އެހީގައި ސްމާޓް ވެއިޓް ލޮސް އެއް ކުރިއަށް ގެންދެވޭނެއެވެ. އެނާޖީ ޑެންސިޓީ އަކީ ކާ އެއްޗެހީގައި ހުންނަ ކެލޮރީގެ އަދަދެވެ. ހައި އެނާޖީ ޑެންސިޓީ ނަމަ އެ ކާއެއްޗެހީގެ ސައިޒް ކުޑަވި ނަމަވެސް އޭގައި ކެލޮރީ ހުންނަ މިންވަރު އިތުރުވާނެއެވެ. ލޯ އެނާޖީ ޑެންސިޓީ ވެއްޖެ ނަމަ ކާ އެއްޗެހީގެ ސައިޒު ނުވަތަ ކާ މިންވަރު އިތުރުވި ނަމަވެސް ކެލޮރީގެ މިންވަރު މަދުވާނެއެވެ.
މިސާލަކަށް ބަލާނަމަ ހިކި މޭބިސްކަދުރަކީ ހައި އެނާޖީ ޑެންސިޓީ ހިމެނޭ އެއްޗެކެވެ. ނަމަވެސް އެއާ ޚިލާފަށް ރޯ މޭބިސްކަދުރަކީ ލޯ އެނާޖީ ޑެންސިޓީ މޭވާއެކެވެ. ހިކި މޭބިސްކަދުރު ޖޯޑެއްގައި 400 އަށްވުރެ ގިނަ ކެލޮރީ ހުންނަ އިރު ރޯ މޭބިސްކަދުރު ޖޯޑެއްގައި ހުންނާނީ 80 ވަރަކަށް ކެލޮރީއެވެ. މި ދެ ބާވަތުން ވެސް ބަނޑު ފުރޭނެއެވެ. ނަމަވެސް ރޯ މޭބިސްކަދުރުން ކެލޮރީ ލިބޭ މިންވަރު މަދުވާނެއެވެ. ސިއްރަކީ ވީހާ ވެސް ކެލޮރީ މަދު ކެއުންތައް އިތުރުކޮށް ލޯ އެނާޖީ ޑެންސިޓީ ކާއެއްޗެހި އިތުރު ކުރުމެވެ. ރޯ މޭބިސްކަދުރު ކެއުމުން ގިނަ ވަގުތު ހަކަތަ ލިބި ބަނޑުފުރުމުގެ އިހުސާސް ކުރެވޭނެއެވެ.
ސިއްހަތާ ގުޅޭ މާހިރުން ލަފާދޭ ގޮތުގައި ވީހާ ވެސް ޕްރޮސެސް ކާނާތަކާ ދުރުވުން މުހިއްމެވެ. އެގޮތުން ޕްރޮސެސް ކާނާތަކުގެ ބަދަލުގައި ކޮންމެވެސް ކަހަލަ ތަރުކާރީއެއް އޭގެ ސަބްސްޓިޓިއުޓަށް ބޭނުން ކުރުން މުހިއްމުވާނެއެވެ. މިސާލަކަށް ސޮސެޖް ކަހަލަ އެއްޗެއްގެ ބަދަލުގައި މަޝްރޫމް ހަމަ އެއް ބޭނުމަކަށް ގެންގުޅެވޭނެއެވެ.
އަދި އެކި ކަހަލަ ލުއި ކާނާތަކުގެ ބަދަލުގައި ވީހާ ވެސް ގިނައިން ތަރުކާރީ ކޮންމެ ކެއުމެއްގައި އިތުރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތާޒާ ތަރުކާރީ، ޚާއްސަކޮށް އިތުރު ޕްރިޒާވެޓިވްތައް އަޅާފައި ނުވާ އެއްޗެހި ބޭނުން ކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.