އިޓަލީގެ ކުރީގެ އަވަށެއް އަލުން އާބާދު ކުރުމަށްޓަކައި އެ އަވަށަށް ބަދަލުވުމަށް ސަރުކާރުން 30،000 ޑޮލަރު ދޭ ގޮތަށް ޕްރޮގްރާމެއް ފަށައިފިއެވެ.

އިޓަލީގައި އެތައް ސަތޭކަ އަހަރުތަކެއް ކުރީން ހަދާފައިވާ އަވަށްތަކުގެ ތެރެއިން ގިނަ އަވަށްތަކެއް ވަނީ ފަޅުވެފައެވެ. އެ އަވަށްތައް އަލުން އާބާދު ކުރުމުގެ ދަށުން އާންމުންނަށް ދިރިއުޅުން ފެށޭނެ ގޮތަށް ސަރުކާރުން އެހީއެއް ދީގެން އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.

އިޓަލީ ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ އެ ސަރުކާރުން އަލަށް ތައާރަފުކުރި ޕޮލިސީތަކަކާއެކުގައެވެ. އެއީ ތަރައްގީވަމުން އަންނަ ނުވަތަ ރޫރަލް ސަރަހައްދުތައް އިތުރަށް އާބާދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އެކުލަވާލި ޕޮލިސީއެކެވެ.

އެ ޕޮލިސީގެ ދަށުން ދިރިއުޅުން ބަދަލު ކުރުމަށް އާ ޕްރޮޖެކްޓް ފަށާފައިވަނީ އިޓަލީގެ ޕުގްލިއާ ސަރަހައްދުގެ އަވަށެއް ކަމަށްވާ ޕްރެސިކީއަށެވެ. އެ އަވަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް އިޓަލީ ސަރުކާރުން 30،000 ޑޮލަރު ދޭނެއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅުނު ބަދަލު ކުރުމަށް ރަނގަޅު އަދަދެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އެގޮތުން އަވަށުގައި ގެތައް ވިއްކަން ފަށާ އަގަކީ 25،000 އެމެރިކާ ޑޮލަރެވެ. ސަރުކާރުން ބުނާގޮތުގައި އާންމުންނަށް ފައިސާ ދެ ބަޔަކަށް ބަހާލައިގެން ދޭނެއެވެ. އެއް ބައިން ގެ ގަތުމަށް އެހީތެރިކަން ލިބޭނެއެވެ. އަދި އަނެއްބައިން ގެ އިތުރަށް މަރާމާތު ކުރަން ޖެހޭނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެ އަވަށުގައި އިޓަލީގެ އައިކޮނިކް އާކިޓެކްޗާ ސްޓައިލްތައް ހުރި އިރު 1991ގެ ކުރީން އަޅާފައިވާ ހިސްޓޮރިކަލް ސެންޓަރެއް ވެސް އެބަހުއްޓެވެ.

އިޓަލީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރުގައި ޕްރެސިކީ އާއި އެ އަވަށް ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ އެކުއޯރިކާ އާ ދެ އަވަށް އެއްކޮށްލާފައެވެ. މި ދެ އަވަށުގެ ޖުމްލަ މިހާރު 9،000 މީހުން ދިރިއުޅޭއިރު ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދަކަށް މީހުން އެ ސަރަހައްދަށް އާބާދު ކުރުމަށެވެ.