އިސްލާމްއާބާދު (އޭޕްރީލް 8): އިންޑިއާ އާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ގައިވާ ސިޔާޗިން ފަރުބަދައިގެ މަތިން ކުއްލިއަކަށް ފޭބި ސުނޯތަކެއްގައި ޕާކިސްތާނުގެ 150 ސިފައިން ގެއްލިއްޖެވެ. ޕާކިސްތާން ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ އަތަހަރު ޢައްބާސް ވިދާޅުވީ މިސްނޯތަކުގެ ތެރޭގައި ސިފައިންގެ 150 މީހުން ވަޅުލެވިފައިވާ ކަމަށް ބެލެވޭތީ އެމީހުންގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމުގެ ބިރު ހީވެފައިވާކަމުގަ އެވެ.

ސިޔާޗިން ފަރުބަދަތަކަކީ ވަރަށް އުސް ފަރުބަދަތަކެކެވެ. މިސަރަޙައްދުގައި ހިނގާ ކަމަކަށް ލޮޖިސްޓިކް ސަޕޯޓްދެވެން އޮތީ ހަމައެކަނި ހެލިކޮޕްޓަރުގެ އެހީގައި ކަމަށް ވާތީ ގެއްލިފައިވާ ސިފައިން ހޯދުމުގެ ކަންތައް ހެލިކޮޕްޓަރުގެ އެހީގައި ސިފައިންގެ ޚާއްސަ ރެސްކިއު ޓީމަކުން ކުރަމުންގެންދާ ކަމަށް ޢައްބާސް ވިދާޅުވި އެވެ.

މި ޓީމުގައި ޢަސްކަރީ ޑޮކްޓަރުންނާއި ނަރުހުންނާއި ރެސްކިޔު އޮޕަރޭޝަންތައް ހިންގުމުގެ ތަޖްރިބާކާރުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ކަޝްމީރުގެ އުތުރުފަޅީގައިވާ މިފަރުބަދަތަކުގެ މަތިިން ސްނޯ ފައިބައިގެން މީގެކުރިން ވެސް ޕާކިސްތާނާއި އިންޑިޔާ ސިފައިންގެ އެތަށްބަޔަކު މަރުވެފައިވެ އެވެ. ސިޔާޗިން ފަރުބަދަ ހިމެނޭ ސަރަޙައްދުގައި ޙަރަކާތްތެރިވާ ސިފައިންނަށް ކުރިމަތިވާ ނުރައްކާތެރިކަން އެހެން ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ސިފައިންނަށް ކުރިމަތިވާ ނުރައްކާތަކަށް ވުރެ 20 ގުނަ އިތުރުކަމަށް ވެސް ޕާކިސްތާނުގެ ޖެނެރަލް ޢައްބާސް ވިދާޅުވި އެވެ. 6 ކިލޯމިޓަރަށްވުރެ ވެސް އުސް މިފަރުބަދައިގެ މަތީގައި އަބަދު ވެސް ސްނޯ އުފެދެ އެވެ. މިސަރަޙައްދުގައި ޕާކިސްތާނާއި އިންޑިޔާ ސިފައިންގެ 20 ހާސް މީހުން މަރުކަޒުކޮށްފައިވެ އެވެ. (އަލްޖަޒީރާ)