Last Updated: 3 year 6 day ago
Last Updated:
3 year 6 day ago
ވޯލްޑް ކަޕުގެ ތިންވަނަ މެޗުގެ ލައިވް ބްލޮގް: ނެދަލެންޑްސް 2 - 0 ސެނެގާލް
23:05
ފަހު ސިކުންތުކޮޅުގައި ނެދަލެންޑްސްއިން ދެވަނަ ލަނޑެއްޖަހާ ލީޑު ފުޅާކުރިއިރު މެޗުން އެޓީމު މޮޅުވީ 0-2 ގެ ނަތީޖާއަކުން.
މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

އިތުރުވަގުތުގެ ފަހުވަގުތުކޮޅު: ނެދަލެންޑްސްގެ ދެވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކްލާސަން. މިއީ މެމްފިސް ޑީޕާއި ފޮނުވާލި ބާރު ހަމަލާއެއް ސެނެގާލްގެ ކީޕަރުގެ އަތުގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކްލާސަން ކާމިޔާބުކުރި ލަނޑެއް. މިއީ ކްލާސަންގެ އިންޓަނޭޝަނަލް ކެރިއަރުގެ 10 ވަނަ ލަނޑު.

96 ވަނަ މިނެޓު: ސެނެގާލްގެ އިދްރީސާ ގޭ އަށްވެސް ރީނދޫ ކާޑެއް.
95 ވަނަ މިނެޓު: ސެނެގާލްގެ ނެމްޕަލިސް މެންޑީއަށް ރީނދޫ ކާޑެއް.
94 ވަނަ މިނެޓު: ލަނޑުޖެހި ގަކްޕޫގެ ބަދަލުގައި ނެދަލެންޑްސް އިން މާޓިން ޑެރޫމް ކުޅެން އަރުވައިފި.
90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި އަށް މިނެޓު ދައްކައިފި.
84 ވަނަ މިނެޓު: ގޯލާ އަމާޒުވާހެން ފޮނުވާލި ހަމައެކަނި ހަމަލާގައި ނެދަލެންޑްސް އިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯ.

79 ވަނަ މިނެޓު: ނެދަލެންޑްސް އިން ދެ ބަދަލެއް ގެނެސްފި. ސްޓީވަން ބާގްވައިންގެ ބަދަލުގައި ޑޭވީ ކްލާސަން ކުޅެން އެރުވިއިރު ބާގައިސްގެ ބަދަލުގައި ކޫޕްމެއިނާސް ވަނީ ކުޅެން އަރާފަ.
77 މިނެޓުގެ ކުޅުން ހަމަވިއިރު އަދިވެސް މެޗުގައި ނެދަލެންޑްސް އަށް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީގެ ގޯލާއި އަމާޒުވާނޭހެން ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެންނަމަވެސް ހުރަސްތަކުގައި މެންޑީ ވަނީ ކުރިއަށް ޖެހި، ބޯޅަ ދިފާއުކޮށްފަ.

74 ވަނަ މިނެޓު: އަނިޔާގެ ސަބަބުން އަށިގަނޑުގައި ބޭލި ކްރެޕިން ޑިއަޓާގެ ބަދަލުގައި ސެނެގާލް އިން ނިކޮލަސް ޖެކްސަން ކުޅެން އަރުވައިފި.
73 ވަނަ މިނެޓު: ޑީއޭރިއާ ތެރޭގައި ހުރެފައި ސެނެގާލްގެ އިދްރީސާ ގޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ސީދާ ނެދަލެންޑްސްގެ ކީޕަރާއި ދިމާލަށް. ކީޕަރުގެ ރަނގަޅު ސޭވް އެއް.
69 ވަނަ މިނެޓު: މެޗުގައި މިހާތަނަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލި ޑީއާގެ ބަދަލުގައި ބަމްބާ ޑިއެންގް ކުޅެން އަރުވައިފި.
65 ވަނަ މިނެޓު: ގޯލާއި އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ސެނެގާލް އިން. އޭރިއާގެ ކަނާތު ފަޅީގައި ހުރެފައި ގޯލުގެ ކައިރި ކަނަށް ފޮނުވާލި ބޯޅަ، ވަރަށް ހުށިޔާރު ކަމާއެކު ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ.
57 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ބަދަލުތައް. ނެދަލެންޑްސް އިން ވިންސެންޓް ޔޭންސަންގެ ބަދަލުގައި ކުޅެން އެރީ މެމްފިސް ޑިޕާއި. ސެނެގާލްގެ އަބްދުލް ޑިއާލޯގެ ބަދަލުގައި ކުޅެން އެރީ އިސްމާއިލް ޔާކޮބްސް
56 ވަނަ މިނެޓު: މެޗުގައި ފުރަތަމަ ފަހަރަށް ރީނދޫ ކާޑެއް. ކާޑު ދެއްކީ ނެދަލެންޑްސްގެ ޑިފެންޑަރު މަތަޔަސް ޑެލިޓް އަށް.

ވޯލްޑް ކަޕް 2022 ގައި ސެނެގާލް އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި. ދެޓީމުންވެސް ދެވަނަ ހާފު ފެށީ މެޗު ފެށިއިރު ބޭނުންކުރި ފުރަތަމަ 11 އާއިއެކު.

ފުރަތަމަ ހާފު ނިމުނުއިރު މުޅި ހާފުގައިވެސް ގޯލާއި އަމާޒުވާނޭހެން ހަމަލާއެއް ފޮނުވާލެވިފައިވަނީ ސެނެގާލް އަށް. އެހެންނަމަވެސް ސެނެގާލް އިންވެސް ނެދަލޭންޑްސް އިންވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވޭ. ގޯލާއި އަމާޒު ނުވި ނަމަވެސް ސެނެގާލް އިންވަނީ މި ހާފުގައި ހަ ހަމަލާއެއް ފޮނުވާލާފަ. ނެދަލެންޑްސްގެ ކުޅުންތެރިންނަށް ފޮނުވާލެވުނީ ފަސް ހަމަލާއެއް.
ހާފުގެ ޕޮޒެޝަން އިންސައްތަ އަށް ބަލާލާއިރު، ސެނެގާލް އަށް ލިބެނީ 46 އިންސައްތަ. ނެދަލެންޑްސް އިން 54 އިންސައްތަ ހިފަހައްޓާފައިވޭ.
ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއަކުން.

ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކީ ދެ މިނެޓު.
ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް. އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ނެދަލެންޑްސްގެ ގައުމީ ޓީމާއި ހަވާލުވެފަ. ތިންވަނަ ފަހަރަކަށް މިފަހަރު އޭނާ ޓީމާއި ހަވާލުވިއިރު، މިފަހަރު އޭނާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް މިހާތަނަށް ކުޅެފައިވާ މެޗަކުން ބަލިވެފައެއް ނުވޭ.

40 ވަނަ މިނެޓު: ނެދަލެންޑްސްގެ ފަރާތުން ރަނގަޅު ހަމަލާއެއް. ބާގްހަސް ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށް.
34 ވަނަ މިނެޓު: މެޗުގައި ގޯލާއި އަމާޒުވާހެން ފޮނުވާލި ފުރަތަމަ ހަމަލާ ސެނެގާލް އިން. އެހެންނަމަވެސް އެއްވެސް ބާރެއް ނެތި ސެނެގާލްގެ ސަބާލީ ފޮނުވާލި މި ހަމަލާ އަމާޒުވީ މަޑުމަޑުން ގޮސް ނެދަލެންޑްސްގެ ކީޕަރުގެ އަތައް.
30 މިނެޓުގެ ކުޅުން ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުވާގޮތަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. ނަތީޖާ އަކީ އަދިވެސް 0-0.

25 ވަނަ މިނެޓު: ސެނެގާލްގެ އިސްމާއިލާ ސާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއެއް، ގޯލުގެ ކަނާތު ފަޅީގެ މަތީ ކަނާއި ދިމާލަށް ދަނިކޮށް ނެދަލެންޑްސްގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެންޑައިކު ބޮލުން ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލައިފި. މި ކޯނަރުން ސެނެގާލް އަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ.
20 މިނެޓުގެ ކުޅުން ހަމަވިއިރު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް. ދެޓީމުންކުރެ ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުވާނެހެން ހަމަލާއެއް ފޮނުވާ ނުލެވޭ.

19 ވަނަ މިނެޓު: މެޗުގައި މިހާތަނަށް ލަނޑުޖަހަން ލިބުނު އެންމެ ހުސް ފުރުސަތު ނެދަލެންޑްސްގެ ފްރެންކީ ޑިޔޮންގ އަށް. ކައުންޓާ އެޓޭކެއްގައި މުޅިން ހުސްކޮށްހުރެ އޭރިއާ ތެރެއަށްވަދެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން ލިބުނު ނަމަވެސް، ލަސް ކުރުމުގެ ސަބަބުން ފުރުސަތު ގެއްލިއްޖެ.
18 ވަނަ މިނެޓު: މެޗުގައި ސެނެގާލްގެ ފުރަތަމަ ކޯނަރު. ނެދަލެންޑްސްގެ ގޯލަށް ނުރައްކާ ނުކުރެވުނު.
16 ވަނަ މިނެޓު: ނެދަލެންޑްސް އަށް ރަނގަޅު ފުރުސަތެއް. އެހެންނަމަވެސް ހުރަހަކުން ތަނަވަސްވި ފުރުސަތުގައި ބްލިންޑް ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ.
ވޯލްޑް ކަޕުގައި މިހާތަނަށް ނެދަލެންޑްސް އެފްރިކާ ބައްރުގެ ޓީމެއް އަތުން ބަލިވެފައެއް ނުވޭ. މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ތިން މެޗުން ވަނީ މޮޅުވެފަ. އަނެއް މެޗުންވީ އެއްވަރު. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސެނެގާލްވެސް ޔޫރަޕުގެ ގައުމެއްގެ އަތުން ބަލިވެފައެއް ނުވޭ. ތިން މެޗެއް ކުޅެފައިވާއިރު ދެމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެފައިވޭ.
މިއީ ތާރީޚުގައިވެސް ސެނެގާލް އާއި ނެދަލެންޑްސްގެ ފުރަތަމަ ކުރިމަތިލުން. ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިވި ފަހަރުތަކުގައި ނެދަލެންޑްސް ކޮލިފައިވެފައެއް ނުވޭ.
މެޗުގެ ފުރަތަމަ މިނެޓުގައި ސެނެގާޅްގެ ހަމަލާއެއް. އިސްމާއިލާ ސާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑީއާ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.
ވޯލްޑް ކަޕް 2022 ގެ ތިންވަނަ މެޗު އަދި ގްރޫޕް އޭގެ ދެވަނަ މެޗުގައި ނެދަލެންޑްސް އާއި ސެނެގާޅް ބައްދަލުކުރާ މެޗު ފަށައިފި.

ސެނެގާލް އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުގެ ފުރަތަމަ 11.
