ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑުން އީރާން ބަލިކޮށް މުބާރާތުގައި އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިރޭ ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލޭންޑުން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންގްލޭންޑުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ޓީމުން ވަނީ އިރާންގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ހެރީ މެގުއާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޭގެ މިނެޓެއްފަހުން ޖޫޑް ބެލިންހަމް ވަނީ އިންގްލޭންޑަށް ގޯލު ހުޅުވާދީފައެވެ. އޭނާ ޖެހި ގޯލަކީ ލޫކް ޝޯ ނެގި ހުރަހެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ވަނީ ގޯލެއްޖަހައި އިންގްލޭންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލަކީ އިންގްލޭންޑަށް ލިބުނު ކޯނަރަކުން، މެގުއާގެ އެހީތެރިކަމާއެކު ބުކާޔޯ ސަކާ ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 14 މިނެޓު ތެރޭގައި އިންގްލޭންޑުން ވަނީ މެޗުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ހެރީ ކޭން ތަނަވަސްކުރި ފުރުސަތަކުން ރަހީމް ސްޓާލިން ޖެހި ގޯލެކެވެ.

ފީފާ ވޯލްޑްކަޕްގައި އިރާންއާއި އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

މެޗުގެ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ސަކާ ވަނީ ރީތި ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ސްޓާލިން ތަނަވަސްކުރި ފުރުސަތަކުން އިރާންގެ ޑިފެންސް ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ތިން މިނެޓި ފަހުން އިރާން އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އަލީ ގޮލިޒާޑޭގެ އެހީތެރިކަމާއެކު މެހެދީ ތަރޭމީ ޖެހި ގޯލެކެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލިބުނު ފުރަތަމަ ބޯޅައިން މެޗުގެ 71 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ވަނީ އިންގްލޭންޑުގެ ފަސް ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ހެރީ ކޭން ދީ ޕާހެއް ހިފައިގެން އިރާންގެ އޭރިއާތެރެއަށް ވަދެ އޭނާ ޖެހި ގޯލެކެވެ. އެ ގޯލާއެކު އޭނާ ވެފައިވަނީ ވޯލްޑްކަޕް ތާރީހުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އެންމެ އަވަހަށް ގޯލު ޖެހި ކުޅުންތެރިއާއަށެވެ. އޭނާ ގޯލު ޖެހީ ކުޅެން ނިކުތްތާ 43 ސިކުންތު ތެރޭގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކެލަމް ވިލްސަން ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޖެކް ގްރީލިޝް ވަނީ އިންގްލޭންޑުގެ ހަވަނަ ގޯލު ޖަހައިފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިންގްލޭންޑުގެ ޑިފެންޑަރަކު އިރާންގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އިރާން އިންވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ. ޕެނަލްޓީން އެ ގޯލު ޖެހީ ތަރޭމީއެވެ.

އިންގްލޭންޑް އަދި އިރާން ހިމެނިފައިވަނީ ވޯލްޑްކަޕް ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އެމެރިކާ އާއި ވޭލްސްއެވެ.