29 Jul 2010, 10:02
14:30
ކުރީގެ މެނޭޖްމަންޓުން އެމްއެންސްއެލްގެ ހިންގިއިރު، ފައިސާ ނުދައްކާ ހުރި އެތައް ބިލުތަކެއް އެ ކުންފުންޏަށް ލިބެމުން އެބަދާ ކަމަށާއި ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 10 މިލިއަނެއްހާ ޑޮލަރު އަދިވެސް އެބައޮތް ކަމަށް އެމްއެންސްއެލްގެ ޗެއާމަން ސެންކޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސެންކޯ ޝަރީފު މިއަދު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑަށް އަދިވެސް ދަރަނިން އަރައިނުގަނެވިގެން އުޅެނީ، ކުރީގެ މެނޭޖްމަންޓުން އެ ކުންފުނި ހިންގާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުވެސް އެކުންފުނިން ހިންގާފައިވާ އެކިއެކި މުއާމަލާތްތަކަށްވާ ފައިސާގެ ބިލުތައް މިހާރުވެސް އެމްއެންއެސްއެލަށް ލިބެމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
2008 ވަނަ އަހަރު ނިމުނުއިރު، ދަރަނީގެ ގޮތުގައި 16.9 މިލިއަން ޑޮލަރު އެބައޮތް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، އާ މެނޭޖްމަންޓުން މިއަހަރު ކުރީކޮޅު އެކުންފުންޏާ ހަވާލުވުމަށްފަހު ބެލީ، ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ދަރަނިތައް އަނބުރާ އަދާކުރެވޭތޯ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މިހާރު ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެ ފައިސާ ދެމުންގެންދާ ކަމަށާއި ދަރަނީގެ އަދަދު 10 މިލިއަނެއްހާ ޑޮލަރަށް މިހާރު ކުޑަވެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ކުންފުނީގެ އިސްބޭފުޅުންގެ ދަތުރުތަކަށް މީގެ ކުރިން އަހަރެއްގެ މައްޗަށް ތިންލައްކައެއްހާ ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިހާރުގެ މެނޭޖްމެންޓުގެ އިސްބޭފުޅުން ކުރައްވާ ދަތުރުތަކަށް ފާއިތުވި މަސްތަކުގެ ތެރޭގައި އަކަނިވެސް ޚަރަދުވެފައިވަނީ 3000 ޑޮލަރަށްވުރެ މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، އެމްއެންއެސްއެލްއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 1.03 މިލިއަން ޑޮލަރު ނުލިބިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް ވެސް ކުންފުނިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ، އެކުންފުނިން ބިޑަށް ލައިގެން ވިއްކާލަން އުޅުނު "މޯލްޑިވް ކެރިއަރ" ބޯޓުގެ މައްސަލައަކާ ގުޅޭ ގޮތުން "ސެކިއޯ ބޭގް" ނަމަކަށް ކިޔާ ކުންފުންޏަކުން މަދަނީ ކޯޓަށް މައްސަލަ ހުށަހަޅައިގެން މަސައްކަތްކުރުމުގެ ސަބަބުން އެ ބޯޓު ވިއްކާނުލެވި، ގިނަ ދުވަސްވެ، އެމްއެންއެސްއެލްއަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން އެ ބޯޓު ވިއްކާނުލެވި 45 ދުވަހަށް ދިގުދެމިގެން ގޮސް، ކުންފުންޏަށް ކޮންމެ ދުވަހަކު 7،247 ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެހެންކަމުން މި ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ސެކިއޯ ބޭގް ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެމްއެންއެސްއެލްގެ ޕްރޮވިޑެންޓު ފަންޑުގައިވާ ފައިސާ ނެތް މައްސަލައަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެންއެސްއެލްގެ 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް ޕްރޮވިޑެންޓު ފަންޑުގައިވާ 1.3 މިލިއަން ޑޮލަރަށް ގެއްލިފައިވާ ކަމަށާއި އެ ފައިސާއަށް "ވީނުވީއެއް" އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެހެން ނަމަވެސް، ކުންފުންޏަށް މިހާތަނަށް ލިބުނު އާމްދަނީން ބައިއަޅައިގެން ޕްރޮވިޑެންޓު ފަންޑުން ފައިސާ ނުލިބިވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޕްރޮވިޑެންޓް ފަންޑުގެ ފައިސާގެ ގޮތުގައި 40 ލައްކައަށްވުރެ ގިނަ ޑޮލަރު އެކި ފަރާތްތަކަށް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.