ކޯޓުތަކުގައި ކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރާނެހެން ފަނޑިޔާރުންގެ ޗުއްޓީ ޕްލޭން ދުރާލައި އެކުލަވައިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންނަށް އަންގައިފިއެވެ.

މިއަދު ޖޭއެސްސީން ނެރުނު ސާކިއުލާއެއްގައި ވަނީ އެފަދައިން އަމަލުކުރަން އެންގީ ފަނޑިޔާރުންގެ މަސައްކަތް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދަން ކަމަށެވެ.

ޖޭއެސްސީގެ މި ސާކިއުލާއާއެކު ކޮންމެ ފަނޑިޔާރަކު ވެސް އެ ފަނޑިޔާރަކު އަހަރުގެ ތެރޭ ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭން އެ އަހަރެއް ފެށުމުގެ ކުރިން ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެއެވެ.

އަންނަ އަހަރުގެ ޗުއްޓީ ޕްލޭން ކުރިއަށް އޮތް ޑިސެމްބަރު 31ގެ ކުރިން އެ ކޮމިޝަނަށް ފޮނުވަން ޖެހޭނެއެވެ.

މީގެ އިތުރުން އެ ކޮމިޝަނުންވަނީ ފަނޑިޔާރުން ޗުއްޓީ ޕްލޭން ހަދާއިރު އަމަލުކުރަންވީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

އެ ކަންކަމުގެ ތެރޭގައި އަހަރުގެ އެއް ދުވަސްވަރަކަށް ހުރިހާ ފަނޑިޔާރުން ޗުއްޓީ ނުހެދުމަށާއި، މުޅި އަހަރަށް ބަހައިގެން ޗުއްޓީ ނަގަން އެދިފައިވެއެވެ.

ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައި އޮތް ނަމަވެސް ޕްލޭންގައިވާ ތާރީޚު ނޫން އެހެން ތާރީޚެއްގައި ކޮންމެހެން ޗުއްޓީ ނަގަން ޖެހިއްޖެނަމަ އެ ފުރުސަތު ލިބޭނެއެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް މެޖިސްޓްރޭޓްގެ ހުއްދަ ލިބިގެންނެވެ.