21 Nov 2022, 22:03
ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގެ ދެވަނަ ދުވަހުގެ މެޗުތަައް މިރޭ ކުޅެމުންފާއިރު ފަހު މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާ (ޔޫއެސްއޭ)އާއި ވޭލްސްއެެވެ.
މިރޭގެ ފަހު މެޗު ފަށާނީ 12:00 ގައެވެ.
މެޗު ކުޅޭ ސްޓޭޑިއަމް

އަލް ރައްޔާން ސްޓޭޑިއަމް---
ވާދަވެރިވާނެ ކަމަށް ބެލެވޭ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަލް ރައްޔާން ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމް ބިނާކުރީ 2003 ވަނަ އަހަރުއެވެ. ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެގޮތުން 2018 ވަނަ އަހަރު މި ސްޓޭޑިއަމް އަލުން މަރާމާތުކޮށް ގަތަރުގެ ޤައުމީ ދުވަހުގައި އަލުން ހުޅުވިއެވެ.
40،000 މީހުން ވަނުމުގެ ޖާގަ އޮންނަ މި ސްޓޭޑިއަމަށް ނަން ދީފައިވަނީ ގަތަރުގެ އަމީރު އަހްމަދު ބިން އަލީ އަލް ޘާނީގެ ނަމުންނެވެ. ވޯލްޑް ކަޕްގެ ހަތް މެޗެއް މި ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 6 މެޗެއް ހިމެނެއެވެ.
ޔޫއެސްއޭ
މިއަހަރުގެ ވޯލްޑްކަޕަކީ ޔޫއެސްއޭ ކުޅޭ 12 ވަަނަ ވޯލްޑްކަޕެވެ. އެގޮތުން 1930 ވަނަ އަހަރު ގްރީސްގައި ބޭއްވި ވޯލްޑްކަޕުން އެ ޓީމު ފުރަތަމަ ފަހަރަށް ފެނުނުއިރު އެ ޓީމު ވަނީ އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައެވެ.
އަދި 1934 އަދި 1950 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެ ޓީމު ކުޅެފައިވާއިރު އޭގެ ފަހުން ކުޅުނު ނުވަ ވޯލްޑްކަޕަށް އެ ޓީމު ކޮލިފައިވެފައެއް ނުވެއެވެ. ނަމަވެސް 1990 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށްފަހު އެ ޓީމު ވަނީ 2014 ވަނަ އަހަރުގެ މުބާރާތާ ހަމައަށް ހަތް މުބާރާތަކަށް ކޮލިފައިވެފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތުން ގެއްލުމަށްފަހު މިރޭ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެ ޓީމު ފުރަތަމަ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ.
ޔޫއެސްއޭ މިއަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ކޮންކާފް ވޯލްޑްކަޕް ކޮލިފިކޭޝަންގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 14 މެޗުން ލިބުނީ 25 ޕޮއިންޓެވެ. ފީފާ ރޭންކިންގައި ޔޫއެސްއޭ ރޭންކު ކޮށްފައިވަނީ 16 ވަނައިގައެވެ.
އެންމެފަހުން ކުޅުނު ފަސް މެޗު
ޔޫއެސްއޭ 0-0 ސައުދީ އަރަބިއާ (27 ސެޕްޓެމްބަރު 2022)
- ޔޫއެސްއޭ 0 - ޖަޕާން (23 ސެޕްޓެމްބަރު 2022)
- ޔޫއެސްއޭ 1-1 އެލް ސަލްވެޑޯ (15 ޖޫން 2022)
- ޔޫއެސްއޭ 5-0 ގްރެނާޑާ (11 ޖޫން 2022)
- ޔޫއެސްއޭ 0-0 އުރުގުއާއި (6 ޖޫން 2022)
ވޭލްސް
ވޭލްސްއަކީ މޮޅު ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. ނަމަވެސް ފުޓުބޯޅައިގައި އެ ގައުމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑްކަޕަކަށް ކޮލިފައިވީ 1958 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޯލްޑްކަޕްގެ 15 މުބާރާތެއް ކުޅުނުއިރު އެ ޓީމު އެއިން އެއްވެސް މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ.
ފީފާ ރޭންކިންގެ 19 ވަނައިގައި ވޭލްސް ހިމެނުނުނަމަވެސް އެ ޓީމު މިއަހަރު ވޯލްޑްކަޕަށް ކޮލިފައިވީ ވަރަށް ހަނި ގޮތަކަށެވެ. ޔޫރަޕިއަން ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އީގައި ވޭލްސް ހިމެނުނުއިރު އެ ޓީމަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ. ސީދާ ވޯލްޑްކަޕްގެ ޖާގަ ލިބެނީ ގްރޫޕްގެ އެއްވަނަ ޓީމަށެވެ. އެހެންކަމުން ވޭލްސްއަށް ޖެހުނީ ވޯލްޑްކަޕް ޕްލޭއޮފް ކުޅޭށެވެ. ވޭލްްސްއަށް ވޯލްޑްކަޕްގެ ޖާގަ ލިބުނީ ޕްލޭއޮފްގައި އޮސްޓްރިއާ އަދި ޔޫކްރޭން ބަލިކޮށްގެންނެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗު
ވޭލްސް 0-1 ޕޮލެންޑު (25 ސެޕްޓެމްބަރު 2022)
- ވޭލްސް 1-2 ބެލްޖިއަމް (22 ސެޕްޓެމްބަރު 2022)
- ވޭލްސް 2-3 ނެދަލޭންޑްސް (14 ޖޫން 2022)
- ވޭލްސް 1-0 ޔޫކްރޭން (5 ޖޫން 2022)
- ވޭލްސް 1-2 ޕޮލެންޑް (1 ޖޫން 2022)
ޓީމުތަކުން ބޭނުންކުރާނެ ކަމަށް ބެލެވޭ ފުރަތަމަ 11
ޔޫއެސްއޭ
ކީޕަރު: މެޓް ޓާނާ
- ޑިފެންޑަރުން: ސާޖީނޯ ޑެސްޓް، ވާކާ ޒިމާމަން، އާރޮން ލޯންގް، އެންޓޮނީ ރޮބިންސަން
- މިޑްފީލްޑަރުން: ޓައިލާ އެޑަމްސް، ވެސްޓަން މެކްކެނީ، ބްރެންޑެން އާރޮންސަން،
- ފޯވާޑުން: ކްރިސްޓިއަން ޕުލިސިޗް، ޖިއޮވާނީ ރޭނާ، ޖީސުސް ފެރެއިރާ
ވޭލްސް
ކީޕަރު: ވޭން ހެނެއްސޭ
- ޑިފެންޑަރުން: ކޯނީ ރޮބާޓްސް، އެތަން އަމްޕަޑޫ، ބެން ޑޭވިސް، ޖޯ ރޮޑޮން، ނެކޯ ވިލިއަމްސް
- މިޑްފީލްޑަރުން: ޖޯ އަލެން، އާރޮން ރަމްސޭ
- ފޯވާޑުން: ޑެނިއަލް ޖޭމްސް، ގަރެތު ބޭލް، ކިއެފާ މޯ
ޓީމުގެ ތަރިން
ވޭލްސް: ގެރެތު ބޭލް

ގެރެތު ބޭލް----
ވޭލްސްގެ ތަރިއަކީ އަދި އެ ޓީމަށް އެންމެ މުހިންމު ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން ގެރެތު ބޭލްއެވެ. ބޭލްއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ.
އޭނާގެ ރަން ޒަމާނުގައި ޑިފެންޑަރުންނަށް އޭއީ ނުރައްކަލެކެވެ. އުމުރުން 33 އަހަރުގެ ބޭލް، އޭނާގެ ކުރިއަރު ފެށީ 2006 ވަނަ އަހަރު އިނގިރޭސި ކްލަބު ސައުތެމްޕްޓަން އިންނެވެ. އޭގެފަހުން އޭނާ ވިދާލައިފައިވަނީ އޭގެ އަނެއްއަހަރު ޓޮޓެންހަމްއަށް ބަދަލުވެ، އެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ދުނިޔޭގެ ގަދަ ބާރު ރެއާލް މެޑްރިޑުން އޭނާ ގަތެވެ.
އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކުމަށްފަހު މިހާރު ބޭލް ކުޅެނީ އެމެރިކާގެ މޭޖާ ލީގުގެ ލޮސް އޭންޖަލްސްއަށެވެ. އޭނާ ވަނީ ވޭލްސް ގައުމީ ޓީމަށް 108 މެޗު ކުޅެދީ 42 ގޯލު ޖަހައިދީފައެވެ.
ޔޫއެސްއޭ: ކްރިސްޓިއަން ޕުލިސިޗް

ކްރިސްޓިއަން ޕުލިސިޗް
ކްރިސްޓިއަން ޕުލިސިޗް އަކީ ޔޫއެސްއޭ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މި ވޯލްޑްކަޕްގައި ވެސް ޔޫއެސްއޭ ޓީމުން އެންމެ ބޮޑަށް ބަރޯސާ ވާނީ ވެސް އޭނާއަށްށެވެ.
ޕުލިސިޗް އަކީ އެ ގައުމުގެ ތާރީހުގައި ވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައެވެ.
އެމެރިކާގެ ގައުމީ ޓީމަށް ކުޅުނު 51 މެޗުން 21 ގޯލު ޖަހައިފައިވާ ޕުލިސިޗަކީ ހަލުވި ކޮށްޓުންތަކަށް ފަރިތަ، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.
ހެޑް-ޓު-ހެޑް
ޔޫއެސްއޭއާއި ވޭލްސްގެ ތާރީހުގައި އެ ދެ ޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. 2020 ވަނަ އަހަރު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އިންގްލޭންޑުގެ ލިބާޓީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.