އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ "ރެއިންބޯ" ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑެއް ވޯލްޑް ކަޕްގައި އަޅައިފި ނަމަ އެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކަން ފީފާއިން ނިންމައިފިއެވެ.

އެގޮތަށް ފީފާއިން ނިންމީ މިރޭ 7:00 ގައި އިންގްލޭންޑާއި އިރާން ބައްދަލުކުރި މެޗުގައި އިންގްލޭންޑުގެ ކެޕްޓަން ހެރީ ކޭން، އެއްޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑު އަޅާނެކަން ހާމަކުރި ފަހުންނެވެ. ނަމަވެސް ފީފާގެ ނިންމުމާ ގުޅިގެން އޭނާ މިރޭގެ މެޗަށް އަރާފައި ވަނީ އާދައިގެ ކެޕްޓަން ބޭންޑެއް އަޅައިގެންނެވެ.

މީގެ ކުރިން ފީފާއިން ނިންމާފައި ވަނީ އެފަދަ ކެޕްޓަން ބޭންޑެއް އަޅައިފިނަމަ އެ ކުޅުންތެރިއަކު ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް ކޭން ބުނީ ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ނަމަވެސް އޭނާ މެޗުގައި ރެއިންބޯ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑު ބޭނުންކުރާނެކަމަށެވެ.

މެޗު ފެށުމުގެ ކުރިން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފިނަމަ މެޗުގެ 90 މިނެޓުގައި އެ ކުޅުންތެރިއަކަށް ރަތްކާޑު ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ. މެޗުގައި ދެ ރީނދޫ ކާޑު ދައްކައިފިނަމަ އެ ކުޅުންތެރިއަކަށް ވަގުތުން ރަތް ކާޑު ދައްކާނެއެވެ.

މިރޭގެ މެޗުގައި ރެއިންބޯ ކުލަތައް ހިމެނޭ ބޭންޑު ނާޅަން ކޭން ނިންމީ އޭގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފީފާއިން އަންގާފައި ވަނީ ގަތަރު ވޯލްޑްކަޕްގައި ކުޅުންތެރިން ބޭނުންކުރާ ހުރިހާ އެއްޗެއް ބޭނުންކުރުމުގެ ކުރިން ފީފާއަށް ދައްކައި އެ އެއްޗެއް ބޭނުންކުރުމުގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.

މި އަހަރު ވޯލްޑްކަޕްގައި ޔޫރަޕަށް ނިސްބަތްވާ 13 ޓީމެއް ހިމެނޭއިރު އޭގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ބޭންޑު އެޅުމަށް ނިންމާފައިވަނީ އަށް ގައުމެއްގެ ކެޕްޓަނުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންގްލެންޑާއި، ޖަރުމަނާއި، ފްރާންސާއި، ބެލްޖިއަމާއި، ޑެންމާކާއި، ހޮލެންޑާއި، ސުވިޒަލެންޑާއި ވޭލްސްގެ ކެޕްޓަނުންނެވެ.

ޔޫރަޕަށް ނިސްބަތްވާ ޓީމުތަކުގެ ތެރެއިން ސްޕެއިން، ޕޯޗުގަލް، ޕޮލެންޑު، ކްރޮއޭޝިޔާ އަދި ސާބިއާއިން ވަނީ އެ ޓީމުތަކުން އެފަދަ ބޭންޑުތައް އަޅައިގެން ނުކުޅޭނެކަމަށް ބުނެފައެވެ.

މި އަހަރުގެ ވޯލްޑްކަޕްގައި އިސްލާމްދީން ދައްކުވައިދޭތީ ޔޫރަޕުގެ ގައުމުތަކުން ދަނީ ގަތަރަށް ފާޑުކިޔަމުންނެވެ. ނަމަވެސް ވޯލްޑްކަޕްގެ ސެކިއިރިޓީ ޗީފް އަބްދުﷲ އަލް ނަސާރީ ވަނީ އެ ގައުމުން އެއްޖިންސުން ގުޅުން ހިންގުމަށާއި އެފަދަ ކަމެއް ޕްރޮމޯޓްކުރުމަށް ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފައެވެ.