އެފްއޭއެމްގެ ރައީސްކަން އިލްހާމް އަހުމަދަށް ލިބިއްޖެނަމަ އޭނާގެ ޖެނެރަލް ސެކްރެޓަރީއަކަށް ވާނީ އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރު އަބުދުލްހަމީދުއަބުދުލްގަފޫރު (އައްޑޯ) ކަމަށް އިލްހާމްގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

އައްޑޯ އަކީ ކުރިން އެފްއޭއެމުގެ ވައިސް ޗެއާމަން ކަމާާއި ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އަދި އޭނާ ވަނީ ވެލެންސިއާ އަށް ކުޅުއްވައި ފަހުން ކޯޗުކޮށްދެއްވައި، ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމުގެ އިތުރުން އެސިސްޓެންޓް ކޯޗުކަމާއި އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމްގެ ކެމްޕޭން ޓީމުގެ އިސްބޭފުޅަކު ވިދާޅުވީ ޖެނެރަލް ސެކްރެޓަރީއަކަށް އައްޑޯ ގެންނަން ނިންމީ އޭނާ އަކީ ފުޓްބޯޅައިގެ އެކޮޅުމިކޮޅު ވަރަށް ރަނގަޅަށް ދެނެވަޑައިގެންނަވާ އޭ.އެފްސީން ވެސް އިތުބާރުކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ. އަދި މިމަގާމު އަދާކުރައްވަން އައްޑޯ ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އިލްހާމުގެ ކެމްޕޭން ޓީމުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އިލްހާމާ ވާދަކުރައްވާނީ މިހާރުގެ ރައީސް އަލީ އާޒިމެވެ. އޭނާގެ ޓީމުގައި ތިއްބެވީ އެފްއޭއެމުގެ މިހާރުގެ ނާއިބް ރައީސް ހިޔަލީ މުހައްމަދު ރަޝީދާއި ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލެވެ. އިލްހާމްގެ ޓީމަށް އައްޑޯ ގުޅިވަޑައިގަތްއިރު ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ފ.ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

އެފްއޭއެމުގެ އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބުންނެވެ. ފުރަތަމަ ޑިވިޝަން ފިޔަވައި އަނެއް ދެ ޑިވިޝަނުން ވޯޓުލާ ކުލަބުތައް ހޮވާނީ އެޑިވިޝަނެއްގެ ހުރިހާ ކުލަބެއްް ވޯޓުލައިގެންނެވެ.