މާލޭގައިކުޅެ 6-3 އިން ވީބީ ބަލިކުރި އަލްއިއްތިފާގު ޓީމާއެކު ރަށުން ބޭރުގައި ބުދަ ދުވަހު ކުޅެން ޖެހޭ މެޗަށް ވީބީ އައްޑޫ އެފްސީ މިއަދު ސައޫދީ އަރަބިއާއަށް ދިއުމަށް ފުރާނެ އެވެ.

ސައުދީއަށް ފުރުމުގެ ކުރިން ވީބީން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުމަށް ފަހު މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، މިދަތުރުގައި 18 ކުޅުންތެރިންނާއެކު، އަށް އޮފިޝަލުން ބައިވެރި ވާނެ ކަމަށެވެ. އަދި ސައުދީއާ ދެކޮޅަށް ކުޅޭ މެޗަށް މިއަދު މެންދުރު ފަހު 1:30 ޓީމް ފުރާއިރު، އަނިޔާގެ މައްސަލަތައް ކުރިމަތި ވެފައި ވީނަމަވެސް، މާލޭގައި އެންމެ ފަހުން ވީބީ ކުޅުނު މެޗުގައި ސަންޕެންޝަންގެ ސަބަބުން ނުކުޅެވުނު، ކީޕަރު އަބުދުﷲ ޒިއަޒަން އާއި ޗާލްސް އަށް އެ މެޗުގައި ކުޅެވޭނެ ކަމަށެވެ.

"މާދަމާ ޓީމް ފުރާއިރު އަނިޔާގެ މައްސަލަތައް ކުޅުންތެރިންނަށް ދިމާވެފައި ވޭ. ސެންގިޒް ހުސައިނަށް ވެސް ވަނީ އަނިޔާއާ ކުރިމަތި ލާންޖެހިފަ. އެކަމަކު އޭނަ ވެސް ޓީމާއެކު މާދަމާ ފުރާނެ" ސަތޯ ބުންޏެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސީގައި މިހާތަނަށް ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވުމުން ދެ ވަނަ ބުރަށް ދިއުމަށް ވީބީއަށް ބާކީ އޮތް ތިން މެޗުން މޮޅުވާންޖެހޭނެ އެވެ. އެވަރުން ވެސް ގިނަވެގެން ލިބޭނީ 10 ޕޮއިންޓެވެ. އެކަމަކު ގްރޫޕް ސީގެ އެއްވަނާގައި އޮތް އިއްތިފާގަށް މިހާރު ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ ކުވޭތުގެ އަލްކުވޭތު އެފްސީ އާއި ލުބުނާނުގެ އަލްއަހްދު އެފްސީ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.