21 Nov 2022, 17:08
ފީފާ ވޯލްޑް ކަޕް 2022 ގެ މެޗްޑޭ ދޭއްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔޫރަޕު ފުޓުބޯޅައިގެ ގަދަ ބާރު އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު ފުޓުބޯޅަ ލީގު އެ ގައުމަކަށް ނިސްބަތްވާ އިންގްލެންޑާއި، މެދިއިރުމަތީގެ ވަރުގަދަ އީރާނެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގެ ގޮތުގައި މިމެޗު ކުޅޭނީ 45،416 މީހުންގެ ޖާގައިގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައެވެ.
އިންގްލެންޑް

މިއީ އިންގްލެންޑުން ޖެހިޖެހިގެން ކުޅޭ ހަތްވަނަ ވޯލްޑް ކަޕެވެ. އަދި މިއީ މުޅި ޖުމްލަ އެ ގައުމުން ވޯލްޑް ކަޕުގައި ކުޅޭ 16 ވަނަ ފަހަރެވެ.
އިންގްލެންޑަކީ މި ޝަރަފުވެރި މުބާރާތް ކާމިޔާބުކުރި އަށް ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ ގައުމުން ވޯލްޑް ކަޕުގެ ތަށި އުފުލާލީ 1966 ވަނަ އަހަރުއެވެ.
އެންމެފަހުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުން ވަނީ މުބާރާތުގެ ހަތަރުވަނަ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑު ހިމެނުން ގުރޫޕުގައި ލިބުނީ ދެވަނައެވެ. އެ ގުރޫޕުގެ އެއްވަނަ ލިބުނީ ބެލްޖިއަމް އަށެވެ.
އިންގްލެންޑް މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވުމުންނެވެ. އަދި ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބެލްޖިއަމް އަތުންވެސްވީ ބައްޔެވެ.
އެހެންކަމުން މިފަހަރު ޒުވާން، ވަރުގަދަ ސްކޮޑަކާއެކު އިންގްލެންޑުން ނުކުންނާނީ 1966 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމުގެ ވަރުގަދަ، ބޮޑު އަޒުމުގައެވެ.
އީރާން

މިއީ އީރާނުން ޖެހިގެހިގެން ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. އަދި އެޓީމުން މި މުބާރާތުގައި ކުޅޭ ހަވަނަ ފަހަރެވެ.
މިހާތަނަށް އައިއިރު އީރާން އަށް ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައެއް ނުދެވެއެވެ.
އެހެންނަމަވެސް ފަހަކަށް އައިސް އެޓީމުން އަންނަނީ ފުޓުބޯޅައިގައި ތަފާތު ދައްކަމުންނެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އީރާނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނު ނަމަވެސް، ޔޫރަޕުގެ ގަދަބާރުތައް ކަމުގައިވާ، ސްޕެއިން އާއި ޕޯޗުގަލް އަދި ނޯތު އެފްރިކާގެ މޮރޮކޯ އާއި އެއް ގުރޫޕެއްގައި ހިމެނި އީރާނުން ވަނީ ތިންވަނަ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި އީރާން އިންވަނީ ޕޯޗުގަލް އާއި އެއްވަރުކޮށްފައެވެ.
އެހެންކަމުން މި ލިބުނު ހަތަރު އަހަރުގެ ތެރޭގައި ޓީމުގެ ފެންވަރު ރަނގަޅުކޮށް، މިފަހަރުގެ މުބާރާތުގައި ތަފާތު ދެއްކުމަށް އީރާން އޮތީ ތައްޔާރަށެވެ.
އެންމެފަހުން ކުޅުނު ފަސް މެޗު
އީރާން:
އީރާން 1-0 ނިކަރަގުއާ
- އީރާން 1-1 ސެނެގާލް
- އީރާން 1-0 އުރުގުއާއި
- އީރާން 1-2 އަލްޖީރިއާ
- އީރާން 2-0 ލުބުނާން
އިންގްލެންޑް
އިންގްލެންޑް 3-3 ޖާމަނީ
- އިންގްލެންޑް 0-1 އިޓަލީ
- އިންގްލެންޑް 0-4 ހަންގޭރީ
- އިންގްލެންޑް 0-0 އިޓަލީ
- އިންގްލެންޑް 1-1 ޖާމަނީ
ޓީމުތަކުން ބޭނުންކުރާނެ ކަމަށް ބެލެވޭ ފުރަތަމަ 11
އީރާން: (3-3-4)
ބެއިރާންވާންދް؛ މޮހައްރަމީ، ހުސެއިނީ، މުހައްމަދީ، ހަޖްސާފީ؛ ގުއްދޫސް، އަމީރީ، ނޫރުﷲ؛ ތަރޭމީ، އަންސަރީފަރްދް، އަޒްމޫން
އިންގްލެންޑް: (1-3-2-4)
ޖޯޑަން ޕިކްފޯޑް؛ ކިއެރަން ޓްރިޕިއާ، ޖޯން ސްޓޯންސް، އެރިކް ޑަޔާ، ލޫކް ޝޯ؛ ޑެކްލަން ރައިސް، ޖޫޑް ބެލިންގްހަމް؛ މޭސަން މައުންޓް، ރަހީމް ސްޓާލިންގް، ބުކާޔޯ ސަކާ؛ ހެރީ ކޭން.
ޓީމުގެ ތަރިއަކީ؟
އީރާން: ސަރްދާރް އަޒްމޫން

އީރާންގެ ގައުމީ ފުޓުބޯޅަ ޓީމުގެ އަޒްމޫން އަކީ އުމުރުން 27 އަހަރުގެ ފޯވާޑެކެވެ. އޭނާ އަކީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅޭ ކުޅުންތެރިއެކެވެ.
އަޒްމޫން އީރާންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރު، އުމުރުން 19 އަހަރުގައެވެ. އޭނާއަކީ އެޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާވެސް މެއެވެ.
އަޒްމޫން ވަނީ މިހާތަނަށް އީރާންގެ ގައުމީ ޓީމަށް ކުޅެދިން 65 މެޗުން 41 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ރަޝިއާގެ ޒެޓިން ސެއިންޓް ޕީޓާސްބާގާއެކު ހަތަރު ފަހަރަށް ރަޝިއަން ޕްރިމިއަރ ލީގުވެސް ކާމިޔާބު ކޮށްފައިވާ އަޒްމޫން އަށް އީރާންގެ ސީނިއަރ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
އެހެންނަމަވެސް އީރާންގެ ޒުވާން ޓީމާއެކު އޭނާ ވަނީ ދެ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އެއީ 19 އަހަރުން ދަށުގެ އޭއެފްއެފް ޔޫތު ޗެމްޕިއަންޝިޕާއި، ޑަބްލިއުއޭއެފްއެފް 15 އަހަރުން ދަށުގެ މުބާރާތެވެ.
އިންގްލެންޑް: ހެރީ ކޭން

ހެރީ ކޭން އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސްޓްރައިކަރެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ކޭން އަކީ ޕެނަލްޓީ އޭރިއާ ތެރޭގައި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ އެވެ.
އުމުރުން 29 އަހަރުގެ ކޭން ވަނީ ޓޮޓެންހަމް އަށް ކުޅެދީފައިވާ 408 މެޗުން 261 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވާ 75 މެޗުން 51 ލަނޑު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
ކޭން އަކީ އިނގިރޭސި ގައުމީ ޓީމުގެ ތާރީޚުގައިވެސް ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާއެވެ. ކޭން ވަނީ 51 ލަނޑު ޖަހާދީފައެވެ. ވޭން ރޫނީ ގާއިމްކޮށްފައިވާ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމަށް ކޭން ބޭނުންވަނީ ތިން ލަނޑެވެ. ރޫނީ ވަނީ ގައުމީ ޓީމަށް 53 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މިރޭގެ މެޗަކީ ކޭން މި ރެކޯޑު މުގުރާލުމުގެ ފުރުސަތު އޮތް މެޗެކެވެ.
އިންގްލެންޑާއި އީރާން މީގެކުރިން މެޗެއް ކުޅެފައެއް ނުވެއެވެ. އީރާނަކީ ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގައި 20 ވަނައިގައި އޮތް ޓީމެވެ. އިންގްލެންޑް އޮތީ ރޭންކިންގެ ފަސްވަނައިގައެވެ.
ރޭންކިންގައި މި ދެޓީމުގެ މެދުގަ ބޮޑު ތަފާތެއް އޮތްނަމަވެސް، އިންގްލެންޑަށް އީރާން އަންޑައެސްޓިމޭޓެއް ނުކުރެވޭނެއެވެ. އީރާނަކި މާޒީގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ.