ދުނިޔޭގެ އެތައް މިލިއަން ޒުވާނުން ދެވިހިފާފައިވާ އަދި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ވީޑިއޯ ގޭމެއް ކަމަށްވާ ކޯލް އޮފް ޑިއުޓީ ވާޒޯން މޯބައިލްއަށް އައިއޯއެސް ޑިވައިސްތަކުން ޕްރީ ރެޖިސްޓާ ކުރެވޭ ގޮތް ހަދައިފިއެވެ.

އެ ގޭމްގެ ޑެވެލޮޕަރު ކަމަށްވާ އެކްޓިވިޝަން ކުންފުނިން ކޯލް އޮފް ޑިއުޓީ ވާޒޯން މޯބައިލްއަށް ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު އައިއޯއެސް ބޭނުން ކުރާ މީހުންނަށް ހުޅުވާލީ އެ ފުރުސަތު އެންޑްރޮއިޑް ކަސްޓަމަރުންނަށް ދިންތައް އެތައް ދުވަހެއްވީ ފަހުންނެވެ.

ކޯލް އޮފް ޑިއުޓީ ވާޒޯން މޯބައިލްއަކީ އޭގެ ޕީސީ އަދި ކޮންސޯލް ވާޝަންތަކުގެ މޯބައިލް ވާޝަންއެވެ.

އެޕް ސްޓޯރުން ކޯލް އޮފް ޑިއުޓީ ވާޒޯން މޯބައިލްއަށް ޕްރީ ރެޖިސްޓާ ކުރާނެ ގޮތް

1: އައިފޯނުގައި ހުންނަ އެޕް ސްޓޯ ހުޅުވާލާށެވެ.

2: ގޭމްސް ޓެބަށް ފިތާލާށެވެ.

3: ގޭމްސް ޓެބް ހުޅުވާލުމުން ޕޭޖްގެ މަތީގައި 'ޕްރީއޯޑާ' ޖަހާފައިވާ ގޭމް ފެންނަން ހުންނާނެއެވެ. އޭގެ ތެރެއިން ކޯލް އޮފް ޑިއުޓީ ވާޒޯން މޮބައިލްއަށް ފިތާލާށެވެ.

4: ދެން "ގެޓް"އަށް ފިތާލުމަށްފަހު ފޯނުގެ ޕަވާ ބަޓަންއަށް ދެ ފަހަރު ފިތާލުމުން ކޮންފާމް ކުރެވޭނެއެވެ.

5: ކޮންފާމް ކުރުމަށްފަހު ނޮޓިފިކޭޝަންތައް އެނެބަލް ކުރުމަށް ޕޮޕް އަޕް އެލާޓެއް ލިބޭނެއެވެ. އެ އެލާޓަށް އާނއެކޭ ބުނެފި ނަމަ، ގޭމް ރިލީޒް ވުމާއެކު ނޮޓިފިކޭޝަނެއް ލިބޭނެއެވެ.

އެ ގޭމްގެ ސައިޒަކީ 529 އެމްބީ ކަމަށްވާއިރު، މި ގޭމް އައިފޯން އެކްސްއެސް އިން ފެށިގެން އައިފޯން 14 ޕްރޯ މެކްސްގައި ބޭނުން ކުރެވޭނެއެވެ. އަދި އައިޕެޑްއޯއެސް 15.0 އާއި އޭ12 ބަޔޮނިކް ނުވަތަ އެއަށްވުރެ ރަނގަޅު ޗިޕްސެޓެއް ހުންނަ އައިޕެޑްގައި ވެސް އެ ގޭމް ބޭނުން ކުރެވޭނެއެވެ.

އެޕް ސްޓޯރުގައިވާ ގޮތުން މި ގޭމް ލޯންޗް ކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ގޭމްގެ ޕްރީ ރެޖިސްޓްރޭޝަނަށް އެންޑްރޮއިޑް ކަސްޓަމަރުންނަށް މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލިއިރު އެ ގޭމްގެ ޑެވެލޮޕަރުން ވަނީ ކޯލް އޮފް ޑިއުޓީ ވާޒޯން މޮބައިލްގެ އިތުރުން މޮޑަންވާފެއާ 2 އާއި ވާޒޯން 2.0އާ ގުޅުން ހުރި މައުލޫމާތު ހާމަކޮށްފައެވެ.

ވާޒޯން މޯބައިލްގެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވާޑަންސްކް މެޕް އެނބުރި އައުމެވެ. މި ގޭމްގައި އެއް މެޗެއްގައި 120 ކުޅުންތެރިންނާއެކު ބަޓްލް ރޯޔަލް ތަޖުރިބާއެއް ކުރެވޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ގޭމަށް ގޫގުލް ޕްލޭ ސްޓޯރުން ޕްރީ ރެޖިސްޓާކޮށްފައިވާ މީހުންގެ އަދަދު ދާދި ފަހުން ވަނީ 25 މިލިއަން ފަހަނައަޅައި ގޮސްފައެވެ. ޕްރީ ރެޖިސްޓާ ކުރާ މީހުންނަށް އެ ގޭމުގައި ބޭނުން ކުރަން ޚާއްސަ އިނާޔަތްތަކެއް ލިބޭނެއެވެ. އަދި ޕްރީ ރެޖިސްޓާ ކުރާ މީހުންގެ އަދަދު 35 މިލިއަނަށް އަރައިފި ނަމަ އިތުރު އިނާޔަތްތައް ދޭނެ ކަމަށް ގޭމުގެ ޑެވެލޮޕަރުން ވަނީ ބުނެފައެވެ.